Roadha Mihaaru
ސީރިިއާގެ ބަހަށް ދިން ހަމަލާގައި 112 މީހުން މަރު

ސީރިިއާގައި އާއްމުން ދަތުރުކުރި ބަހަށް ދިން ހަމަލާގައި 112 މަރު

16 އެޕްރީލް 2017

ދިމިޝްގު (އެޕްރީލް 16) - ސީރިއާގެ ޓައުނަކުން ނެރުނު މީހުން ގޮވައިގެން ދަތުރުކުރި ބަސްތަކަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 112 އަށް އަރައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (އެޕްރީލް 16) - ސީރިއާގެ ޓައުނަކުން ނެރުނު މީހުން ގޮވައިގެން ދަތުރުކުރި ބަސްތަކަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 112 އަށް އަރައިފި އެވެ.

ހަލަބް ސިޓީއާ ކައިރީގައި ސަރުކާރުގެ ކޮންޓްރޯލުގެ ދަށުގައި އޮންނަ ޓައުނުން މީހުން އަރުވައިގެން ދަތުރުކޮށްފައި ދިޔަ ބަސްތަކުގައި ވަނީ ގޮވާ ތަކެތި އަރުވާފައިވާ ވެހިކަލެއް ޖައްސާ ގޮއްވާލައިފަ އެވެ. ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ބަސްތަކުގައި ތިބި މީހުންގެ ތެރޭން 98 މީހުން މަރުވި ކަމަށެވެ. އަދި އެހީދޭ މީހުންނާއި އިދިކޮޅު ހަނގުރާމަވެރިން ވެސް ވަނީ މަރުވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަ ކުދިން ވެސް ހިމެނެ އެވެ.

މި ހަމަލާ ދިން ކަމަށް ސަރުކާރުން ތުހުމަތު ކުރަނީ އިދިކޮޅު ހަނގުރާމަވެރިންނަށެވެ. ނަމަވެސް އެކަމަށް ބާރު ލިބޭ ހެއްކެއް އަދި ނެތް ކަމަށް އޮފިޝަލުން ބުނެ އެވެ.

ސީރިއާގައި ހިސާރުކޮށްފައިވާ ބައެއް ޓައުންތަކުން މީހުން ނެރުމުގެ މަސައްކަތް ކުރަނިކޮށް މީގެ ކުރިން ވެސް ވަނީ މިފަދަ ހަމަލާތައް ދީފަ އެވެ. މިދިޔަ ޑިސެމްބަރު މަހު ވެސް ވަނީ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިން އެއްބަސްވެގެން ޓައުނަކުން މީހުން ގޮވައިގެން ދަތުރުކުރި ބަސްތަކެއްގައި ރޯކޮށްލައިފަ އެވެ.