Roadha Mihaaru
ސީރިއާގެ ހަނގުރާމަވެރިންގެ ވަރުގަދަ ހަމަލާއެއް ހަލަބަށް

ސީރިއާގެ ހަނގުރާމަވެރިން ހަލަބުގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފި

06 އޯގަސްޓް 2016

ދިމިޝްގު (އޮގަސްޓް 6) - ސީރިއާގެ ހަލަބު ސިޓީގައި ސަރުކާރު ސިފައިންގެ ބާރުގެ ދަށުގައިވާ ހަތިޔާރު ރައްކާކޮށްފައިވާ މަރުކަޒަކަށް ސަރުކާރާ ދެކޮޅު ސިފައިންގެ ޖަމާއަތްތަކުން ވަރުގަދަ ހަމަލާއެއް ދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (އޮގަސްޓް 6) - ސީރިއާގެ ހަލަބު ސިޓީގައި ސަރުކާރު ސިފައިންގެ ބާރުގެ ދަށުގައިވާ ހަތިޔާރު ރައްކާކޮށްފައިވާ މަރުކަޒަކަށް ސަރުކާރާ ދެކޮޅު ސިފައިންގެ ޖަމާއަތްތަކުން ވަރުގަދަ ހަމަލާއެއް ދީފި އެވެ.

އިނގިރޭސި ވިލާތުގައި ހިންގާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ހަތިޔާރު ހުރި މަރުކަޒުގެ ބޮޑު ބައެއް މިހާރު ވަނީ ސަރުކާރާ ދެކޮޅު އިސްލާމީ ހަނގުރާމަވެރިންގެ އަތްދަށުގައި ކަމަށެވެ. އެކަމަކު ސީރިއާ ސަރުކާރު ސިފައިން ބުނެފައި ވަނީ އިދިކޮޅު ހަނގުރާމަވެރިންގެ ހަމަލާތަަކަށް ވަރުގަދަ ރައްދެއް ދީ އެ މީހުންނަށް ބޮޑެތި ގެއްލުންތައްދީފައިވާ ކަމަށެވެ.

ސަރުކާރާ ދެކޮޅު ސިފައިންގެ ޖަމާއަތްތަކުގައި އަލްގައިދާ އާއި އެ ޖަމާއަތާ ގުޅިފައިވާ ގްރޫޕްތައް ވެސް ހިމެނެ އެވެ. އިދިކޮޅު ސިފައިން އާއްމުކުރި ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި އެ މީހުން ވަނީ ހަތިޔާރު ހުރި މަރުކަޒުގެ ތެރެއަށް ވަަދެފަ އެވެ.

ހަލަބުގައި ސަރުކާރާ ދެކޮޅު ސިފައިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި އާއްމުންގެ ގާތްގަނޑަކަށް 250،000 މީހުން ދިރިއުޅެމުން ދަނީ ވަރަށް ދަތިހާލުގަ އެވެ. އިދިކޮޅު ސިފައިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކާއި އެހެން ހިސާބުތަކާ ސަރުކާރު ސިފައިން ވަނީ ޖުލައި މަހުން ފެށިގެން ގުޅުން ކަނޑާލައިފަ އެވެ.

އަނެއްކޮޅުން އދ. އިން ބުނެފައި ވަނީ ޖޯޑަންގެ ސަރަހައްދީ ރޮނގު ކައިރީގައި ހާލުގައި ޖެހިފައިވާ ސީރިއާގެ ރެފިއުޖީންނަށް ފުރަތަމަ ފަހަރަށް އެހީފޯރުކޮށްދީފައިވާ ކަމަށެވެ. އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދިން ހަމަލާ އަށް ފަހު ޖޯޑަން އިން ވަނީ ޖޫން މަހުން ފެށިގެން އެ ގައުމުގެ ސަރަހައްދީ ރޮނގު ބަންދުކޮށްފަ އެވެ. އެހެންވެ ގާތްގަނޑަކަށް 75،000 މީހުން ސަރަހައްދީ ރޮނގު ކައިރީ ދިރިއުޅެން ޖެހިފައި ވަނީ ވަރަށް ހާލުގަ އެވެ.