Roadha Mihaaru
އެންމެ ފުރަތަމަ ޕްރެކްޓިސް ފަށަނީ މާޒިޔާ އިން

އެންމެ ފުރަތަމަ ޕްރެކްޓިސް ފަށަނީ މާޒިޔާ އިން

09 އޮކްޓޯބަރ 2020

ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ކްލަބްގެ ޕްރެކްޓިސްތައް ފަށަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރަސްމީކޮށް އިއްޔެ ހުއްދަދީފައިވާއިރު، އެންމެ ފުރަތަމަ ޕްރެކްޓިސް ފަށާނެ ކްލަބަކަށް މާޒިޔާ ވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ކްލަބްގެ ޕްރެކްޓިސްތައް ފަށަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރަސްމީކޮށް އިއްޔެ ހުއްދަދީފައިވާއިރު، އެންމެ ފުރަތަމަ ޕްރެކްޓިސް ފަށާނެ ކްލަބަކަށް މާޒިޔާ ވެއްޖެ އެވެ.

މާޒިޔާގެ އޮފިޝަލަކު "މިހާރު" އަށް ބުނީ އެފްއޭއެމާއި އެޗްޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް މާދަމާ ހެނދުނު މާޒިޔާ އިން ކުރިއަށް އޮތް ސީޒަނަށް ޕްރެކްޓިސްތައް ފަށާނެ ކަމަށެވެ. މިދިޔަ ސީޒަނަށް ވެސް އެންމެ ފުރަތަމަ ޕްރެކްޓިސް ފެށީ ލީގު ޗެމްޕިއަންކަން ހޯދި މާޒިޔާ އެވެ.

މި މަހު 23 އިން އަންނަ މަހު ހަތަރަކަށް މާލޭގައި ބާއްވަން ތާވަލުކޮށްފައި އޮތް އޭއެފްސީ ކަޕް ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތަކަށް މާޒިޔާ އިން މިދިޔަ މަހު ޕްރެކްޓިސް ފެށި އެވެ. އެއީ އެޗްޕީއޭ އިން ދިން ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެކަމަކު ކޮވިޑް-19 ފެތުރިފައިވާތީ އޭގެ ސަބަބުން އޭއެފްސީ ކަޕްގެ ހުރިހާ ގްރޫޕެއްގެ މެޗުތައް ބޭއްވެން ނެތުމުން އޭއެފްސީން ވަނީ އެ މުބާރާތް ކެންސަލްކޮށްފަ އެވެ. އެ ހިސާބުން މާޒިޔާ އިން ޕްރެކްޓިސް ހުއްޓާލީ ލޯކަލް ސީޒަން ޕްރެކްޓިސް ކުރަން ހުއްދަ ލިބުމުން އެކަށީގެންވާ ވަގުތު އޮއްވައި ޕްރީ ސީޒަން ޕްރެކްޓިސް ފަށާށެވެ.

މާޒިޔާ އިން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވަނީ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިރުޝާދުގެ ދަށުންނެވެ. މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކޯޗުކޮށްދިން މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ އެ ޓީމު ދޫކޮށްލީ ކޮންޓްރެކްޓް ހަމަވުމުންނެވެ.

މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކުޅުނު ގިނަ ކުޅުންތެރިން ކުރިއަށް އޮތް ސީޒަނުގައި ވެސް އެ ޓީމުން ފެންނާނެ އެވެ. މާޒިޔާ ދޫކޮށް ދިޔައީ އޭއެފްސީ ކަޕާ ދިމާކޮށް އެ ޓީމާ ގުޅުނު ވާތު ބެކް މުހައްމަދު ސާމިރު އެވެ. އެނގިފައިވާ ގޮތުގައި މާޒިޔާ އިން ކޮންޓްރެކްޓް ހަދާފައިވާ ބިދޭސީ ކުޅުންތެރިން ވަރަށް އަވަހަށް ޕްރެކްޓިހުގައި ބައިވެރިވާނެ އެވެ.

އެފްއޭއެމުން ރަސްމީކޮށް ލޯކަލް ސީޒަން ފަށާނެ ތާރީހެއް އިއުލާނުކޮށްފައިނުވި ނަމަވެސް އެ އެސޯސިއޭޝަންގެ ޓެކްނިކަލް ޓީމުގެ މަޝްވަރާތަކަށް ފަހު އެކުލަވާލާފައިވާ ކަލަންޑަރުގައިވާ ގޮތުން ސީޒަން ފަށަން ކަނޑައަޅާފައިވަނީ ޑިސެމްބަރު މަހު އަށް ވަނަ ދުވަހު އެވެ. މިހާރު އޮތްގޮތުން އެ ދުވަހު ކުޅޭ ސީޒަން ހުޅުވާ މެޗުގައި ލީގު ޗެމްޕިއަން މާޒިޔާ ކުޅެން ޖެހުމުގެ ފުރުސަތު ބޮޑީ މިދިޔަ އަހަރުގެ ލީގުގެ ދެ ވަނަ ޓީމު އީގަލްސްއާ އެވެ. އާންމުކޮށް އެ މެޗު ކުޅެނީ ލީގު ޗެމްޕިއަން އާއި އެފްއޭ ކަޕް ޗެމްޕިއަނެވެ. އެކަމަކު މިދިޔަ ސީޒަނުގެ ފަހު ދެ މުބާރާތް ކަމަށްވާ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ވަނީ ކޮވިޑް-19 ފެތުރޭތީ ކެންސަލްކޮށްފަ އެވެ.

މި އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ޓީމަކީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާގެ އިތުރުން ޓީސީ، އީގަލްސް، ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.