Roadha Mihaaru

ރާއްޖޭގެ ފުޓްބޯޅަ އެނބުރި އައުމުން ހިތްހަމަޖެހުން ލިބިއްޖެ: ލުއިސްމާ

ރާއްޖޭގެ ފުޓްބޯޅަ އެނބުރި އައިމުން އެންމެންނަށް ހިތްހަމަޖެހުން ލިބިއްޖެ ކަމަށް މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފި އެވެ.

"ފުޓްބޯޅަ އެނބުރި އައުމުން ހިތްހަމަޖެހުން ލިބިއްޖެ"
ހުސެއިން ހަބީބް
ހުސެއިން ހަބީބް

16 ސެޕްޓެމްބަރ 2025

ރާއްޖޭގެ ފުޓްބޯޅަ އެނބުރި އައިމުން އެންމެންނަށް ހިތްހަމަޖެހުން ލިބިއްޖެ ކަމަށް މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފި އެވެ.

ރާއްޖޭގެ ރަސްމީ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ރޭ ކުޅުނު ޗެރިޓީ ޝީލްޑް، މެޗުގައި އީގަލްސް ބަލިކޮށް މާޒިޔާއިން ވަނީ ޝީލްޑް ކާމިޔާބު ކޮށްފަ އެވެ.

އެ މެޗަށް ފަހު ވާހަކަ ދައްކަމުން ސްޕެއިންގެ ކޯޗު ބުނީ ފުޓްބޯޅަ ފެށޭ ގޮތްވުމުން ގައުމަށާ މާޒިޔާ އަށް އަދި އެންމެންނަށް ހިތްހަމަޖެހުން ލިބިއްޖެ ކަމަށެވެ.

"އަހަރެމެން މިތިބީ އުފަލުން. ރާއްޖޭގެ ފުޓްބޯޅަ އެނބުރި އަތުވެއްޖެ. އެހެންވީމަ އަހަރެމެން މި ތިބީ އުފަލުން،" ލުއިސްމާ ބުންޏެވެ.

އޭނާ ބުނީ ރާއްޖޭގެ ފުޓްބޯޅަ ފަށަން ބައިވެރިވެވުމުން މާޒިޔާ އަށް ވެސް ހިތްހަމަޖެހުން ލިބޭ ކަމަށެވެ. އަދި މެޗުގައި މާޒިޔާގެ އިތުރު ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދެވުމުން ހިތްހަމަޖެހޭ ކަމަށް ގްރާސްރޫޓް ފުޓްބޯޅައިގައި ވެސް ތަޖުރިބާކާރު ކޯޗު ބުންޏެވެ.

ސީޒަނުގެ ފުރަތަމަ މެޗަށް އީގަލްސް ނުކުތީ ރަނގަޅަށް ތައްޔާރު ނުވެ ކަމަށް އެ ޓީމުގެ ކޯޗު އަހްމަދު ނިމާދު ކުރިން ބުންޏެވެ. އަނިޔާގެ މައްސަލަތަކާ ހެދި ޓީމު ފިޓް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

ލުއިސްމާ ބުނީ އުނދަގޫ ހާލަތެއްގައި އޮވެ، އީގަލްސްއިން ދެއްކި ކުޅުމާ މެދު އޭނާ ހައިރާންވާ ކަމަށެވެ.

"އަހަރެން ވެސް ހައިރާން ވެއްޖެ. ވަރަށް ރަނގަޅު ގޭމެއް އެ ޓީމުން ކުޅުނު. ފުރުސަތުތައް ވެސް ތަނަވަސް ކުރި،" މެޗުގައި އީގަލްސްއިން ދެއްކި ކުޅުމާ ބެހޭގޮތުން ލުއިސްމާ ބުންޏެވެ.

އޭނާ ބުނީ މާޒިޔާ އަށް ވެސް ތިންވަނަ ލަނޑެއް ޖަހަން ފުރުސަތު ލިބުނު ކަމަށެވެ. މެޗުގައި މާޒިޔާގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު އޭނާ ހުރީ ހިތްހަމަޖެހިފަ އެވެ.

އޭނާ ބުނީ ރާއްޖޭގެ ފުޓްބޯޅައިގެ ފެންވަރާ މެދު ކޮންމެވެސް ވަރެއްގެ ހިތްހަމެޖެހުމެއް އޮތްކަން ލުއިސްމާ ފާހަގަ ކުރި އެވެ.

ބުރާސްފަތި ދުވަހު ދިވެހި ޕްރިމިއާ ލީގު ފަށާނީ ވެސް އެ ދެ ޓީމުގެ މެޗުންނެވެ. ލުއިސްމާ ބުނީ އެ މެޗާ ކުރިމަތިލާ އިރު ރޭ ކުޅުނު މެޗުން ފާހަގަވި ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.