Roadha Mihaaru
މާޒިޔާ ބަލިކޮށް އީގަލްސް އިން ޝީލްޑް އުފުލާލައިފި

ފަހަތުން އަރައި މާޒިޔާ ބަލިކޮށް އީގަލްސް އިން ޝީލްޑް އުފުލާލައިފި

09 ޑިސެމްބަރ 2020

ދެ ވަނަ ހާފްގެ ގޯލުތަކާ އެކު ފަހަތުން އަރައި ލީގު ޗެމްޕިއަން މާޒިޔާ 3-2 އިން ބަލިކޮށް ކްލަބް އީގަލްސް އިން ފުރަތަމަ ފަހަރަށް ޗެރިޓީ ޝީލްޑް އުފުލާލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދެ ވަނަ ހާފްގެ ގޯލުތަކާ އެކު ފަހަތުން އަރައި ލީގު ޗެމްޕިއަން މާޒިޔާ 3-2 އިން ބަލިކޮށް ކްލަބް އީގަލްސް އިން ފުރަތަމަ ފަހަރަށް ޗެރިޓީ ޝީލްޑް އުފުލާލައިފި އެވެ.

މިއީ ފުރަތަމަ ޑިވިޝަނުގައި އީގަލްސް އަށް ލިބުނު ދެ ވަނަ ކާމިޔާބީ އެވެ. އެ ޓީމުގެ ފުރަތަމަ ކާމިޔާބީ އަކީ 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް އެވެ. އެ ފަހަރު ޕްރެޒިޑެންޓްސް ކަޕް ތަށި އުފުލާލި ގޯލު ޖެހި ތަރި އަހުމަދު ރިޒްވާން (ރިޒޭ) އަކީ މިރޭ އީގަލްސް މޮޅުކޮށްދިނުމުގައި ވެސް ތަފާތު ދެއްކި ކުޅުންތެރިޔާ އެވެ. އެއް ގޯލު ޖެހުމުގެ އިތުރުން ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.

ލީގުގެ ރަނަރަޕްގެ ހައިސިއްޔަތުން ޝީލްޑް މެޗުގައި ކުޅުނު އީގަލްސް އިން މިދިޔަ ސީޒަނުގައި ވެސް މާޒިޔާއާ ދެކޮޅަށް ވަނީ ނަތީޖާ ނެރެފަ އެވެ. އެ ގޮތުން ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މާޒިޔާ ކަހަލަ ވަރުގަދަ ސްކޮޑެއް އޮތް ޓީމެއް އަތުން ފަހަތުން އަރައި މި ގޮތަށް މޮޅުވުމަކީ އުއްމީދުކުރި ނަތީޖާއެއް ނޫން ކަމަށާއި އެހެން ނަމަވެސް ކުޅުންތެރިން ކުރި މަސައްކަތުން މި ލިބުނު މޮޅާ އެކީ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"އަސްލު ހަގީގަތުގައި ބަލިވި ނަމަވެސް އެހާ ބޮޑަށް މާޔޫސްނުވާނެ ފަދަ ރެޔެއް މިއީ. ހަގީގަތުގައި އެހާ ވެސް ރަނގަޅު ގޭމެއް މި ޓީމުގައި މި ތިބި ޒުވާން ކުޅުންތެރިން ކުޅެފި. ބިދޭސީ ކުޅުންތެރިއަކު ވެސް ނެތި މި ކުރި ހިތްވަރަށް ތައުރީފުކުރަން ބޭނުން،" މޯހަން ބުންޏެވެ.

ކޮވިޑް-19އާ ހެދި ނުވަ މަސް ދުވަހުގެ ބްރޭކަކަށް ފަހު ކުޅުނު ފުރަަތަމަ މެޗުގައި މާޒިޔާ އިން ވަނީ ދެ މިނިޓް ތެރޭ ލީޑެއް ނަަގައިފަ އެވެ. އަރިމަތިން ހަމްޒާ މުހައްމަދު (ހަމްޕު) ހިލޭ ޖެހުމަކުން ނަގައިދިން ބޯޅަ އޭރިއާތެރެއިން ސާބިއާގެ ޑިފެންޑަރު ޕީޓަ ޕްލަނިޗް ބޮލުން ޖައްސާލީ އެ ޓީމުގެ ސަމޫހު އަލީ (ސަމުއްޓެ) އަށެވެ. އޭނާ ވަނި ފަސޭހަކަމާ އެކު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

އީގަލްސް އިން ހަމަޖެހިލައިގެން ރަނގަޅަށް މެޗުގެ ތެރެއަށް ވަންނަން މަސައްކަތްކުރަމުން ދަނިކޮށް މެޗުގެ 10 ވަނަ މިނިޓްގައި މާޒިޔާ އިން ދެ ވަނަ ގޯލެއް ޖެހި އެވެ. މިއީ ޕެނަލްޓީ އަކުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖެހި ގޯލެކެވެ. މިއީ އޭރިއާ ތެރެއިން އީގަލްސްގެ ކީޕަރު އިބްރާހިމް ސިނާހު އަތުން މާޒިޔާގެ ހަމްޕު އަށް ކުރެވުނު ފައުލަަކަށް މިރޭގެ މެޗުގައި އިންސާފުކުރި 2011 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލްގެ ރެފްރީ ވިކްޓަ ކަސާއި ދިން ޕެނަލްޓީ އެކެވެ.

އިތުރު ގޯލެއް ޖަހަން މާޒިޔާ އިން ފުރަތަމަ ހާފުގައި ކުރި މަސައްކަތް ކާމިޔާބުނުވިއިރު، އީގަލްސް އިން ވެސް މާ ނުރައްކާތެރި ހަމަލާތަކެއް ނުއުފައްދަ އެވެ. ދެ ވަނަ ހާފް ފަށައިގެން ކުރީކޮޅުގައި މާޒިޔާ އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސަކޮ) އާއި ފޭދޫ އިއްބެގެ އިތުރުން އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

އަނިޔާގެ ސަބަބުން މާޒިޔާގެ ބައެއް ކުޅުންތެރިން ނުލައި މި މެޗުގައި ކުޅުނުއިރު، އީގަލްސްގެ ބިދޭސީ ކުޅުންތެރިން އަދި އެ ޓީމާ ނުގުޅޭތީ އެ ޓީމުން އެއްކޮށް ކުޅުނީ ދިވެހި ކުޅުންތެރިން ލައިގެންނެވެ.

ދެ ވަނަ ހާފް ފަށައިގެން އީގަލްސް އިން ތަފާތު ރޫހެއްގައި ކުޅެ މާޒިޔާ އަށް ޕްރެޝަރު ކުރަން ފެށި އެވެ. އީގަލްސް އިން މި މެޗު އަނބުރާލީ އަށް މިނިޓް ތެރޭ ތިން ގޯލު ޖަހައިގެންނެވެ. އީގަލްސްގެ ފުރަތަމަ ގޯލު 67 ވަނަ މިނިޓްގައި ޖެހީ ރިޒޭ ހުސްކޮށްލާފައި ދިން ބޯޅައަކުން 17 އަހަރުގެ ފޯވާޑް ޒައިން ޒަފަރު އެވެ. އޭގެ ހަތަރު މިނިޓް ފަހުން ރިޒޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި މުހައްމަދު ނާއިމް ވަނީ ގޯލެއް ޖަހައި އީގަލްސް އަށް އެއްވަރުކޮށްދީފަ އެވެ. އީގަލްސް ލީޑުނެގި ގޯލަކީ ޕެނަލްޓީ އަކުން ރިޒޭ ޖެހި ގޯލެކެވެ. މިއީ ޒައިން އަށް މާޒިޔާގެ ސާބިއާ ކީޕަރު ނިކޮލަ ވުޔަނަކް ކުރި ފައުލަކަށް ރެފްރީ ކަސާއި ދިން ޕެނަލްޓީ އެކެވެ.

ފަހު ވަގުތު މާޒިޔާ އިން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މުހައްމަދު އުމެއިރު ކުޅެން އަރުވައި ލަނޑެއް ޖެހޭތޯ ކުރިއަށް ގިނަ ބޯޅަތަކެއް ކުޅުނު ނަމަވެސް ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

މިހާތަނަށް ތިން ފަހަރު ޝީލްޑް އުފުލާލާފައިވާ މާޒިޔާ މިރޭގެ މެޗުން މޮޅުވިނަމަ އެންމެ ގިނަ ފަހަރަށް ޝީލްޑް ކާމިޔާބުކުރުމުގެ ރެކޯޑް ލިބޭނެ އެވެ. އެހެން ނަމަވެސް ބަލިވުމުން އެކަން ހާސިލްނުވީ އެވެ. މާޒިޔާގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ފެށުނުއިރު ދެ ގޯލު ޖެހުނު ކަމުގައި ވިޔަސް މާޒިޔާ އިން ޕްރީ ސީޒަނުގައި ކުޅުނު ޕްރެކްޓިސް މެޗުތަކާ ގާތަށް ވެސް މި މެޗުގައި ނުކުޅެވޭ ކަމަށެވެ.

"ކުޅުންތެރިންނަށް ރިލެކްސް ވެވުނީ އެއީ ކަންނޭނގެ މި ނަތީޖާ މިހެންވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ. މާޒިޔާގެ ގޭމެއް މާޒިޔާ އިން މިރެއަކު ނުކުޅޭ. މިއީ ކުޅުންތެރިންނަށް ލިބުނު ރަނގަޅު މެސެޖެއް. މިއާ އެކު ލީގުގައި ދާނީ ރަނގަޅަށް އިރާދަކުރެއްވިއްޔާ. މިއީ ރަނގަޅު ސްޓާޓަކަށް ލިބުނު ފުރުސަތެއް. ދެން މީގައި ކުޅުންތެރިން ސަމާލުވެގެން މަސައްކަތް ކޮށްފިއްޔާ ރަނގަޅު ނަތީޖާ ނެރެވޭނެ،" ކުރިން ޓީސީއާ އެކު ލީގު ކާމިޔާބުކުރި ނިޒާމްބެ ބުންޏެވެ.

ދާދި ފަހުން އަލަށް ވުޖޫދުކުރި އެފްއޭއެމް ފައުންޑޭޝަންގެ ހަރަކާތެއްގެ ގޮތުގައި ގެންދެވުނު ޗެރިޓީ ޝީލްޑް މެޗަށް ތިން ޕާޓްނަރުން ވަނީ ހަމަޖައްސައިފަ އެވެ. އެއީ އެޑްވޮކޭޓިން ފޯ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އާއި މޯލްޑިވިއަން ބްލަޑް ޑޯނާސް އަދި ސްޕެޝިއަލް އޮލިމްޕިކްސް މޯލްޑިވްސް އެވެ. އޭގެ އިން ކޮންމެ ޖަމިއްޔާ އަކަށް ވަނީ 33،333.33 ރުފިޔާ ދީފަ އެވެ.

އީގަލްސް އަކީ ކަޕް ވިނާސް ކަޕްގެ ބަދަލުގައި ކުޅެން ފެށި ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކުރި ހަ ވަނަ ޓީމެވެ. މީގެ ކުރިން މި ޝީލްޑް އުފުލާލީ ވީބީ އައްޑޫ އެފްސީ، މާޒިޔާ، ނިއު ރޭޑިއަންޓް، ވެލެންސިއާގެ އިތުރުން މިދިޔަ އަހަރު ޝީލްޑް ކާމިޔާބުކުރި ޓީސީ އެވެ.