02 އެޕްރީލް 2023
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން ކުޅޭ ޗެރިޓީ ޝީލްޑް މެޗަށް ކުރިމަތިލާއިރު، ހުރިހާ ޕްރެޝަރެއް އޮތީ އިދިކޮޅުން ނުކުންނަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކަމަށް ކްލަބް އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތި) ބުނެފި އެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން ކުޅޭ ޗެރިޓީ ޝީލްޑް މެޗަށް ކުރިމަތިލާއިރު، ހުރިހާ ޕްރެޝަރެއް އޮތީ އިދިކޮޅުން ނުކުންނަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކަމަށް ކްލަބް އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތި) ބުނެފި އެވެ.
ސާންތި ބުނީ މާޒިޔާ އަކީ ފާއިތުވި ހައެއްކަ އަހަރު ވެސް ވަރުގަދަކޮށް އޮތް ޓީމެއް ކަމަށެވެ. އަދި ދެ ޓީމުގެ މާޒީ އަށް ބެލި ކަމުގައި ވިއަސް، މާޒިޔާ ވަރުގަދަކޮށް އޮތް އިރު ވެސް އީގަލްސް ކޮޅަށް މީގެ ކުރިން ނަތީޖާ ބުރަވެފައި އޮތުމުން އެކަން ތަކުރާރު ކުރަން އުންމީދު ކުރާ ކަމަށް ވެސް ސާންތި ބުންޏެވެ.
"މާޒިޔާ އަށް ޕްރެޝަރު ބޮޑުވަނީ މާޒިޔާއިން ކުރި ހަރަދާއި އެމީހުންގެ ތިބި ޕްލޭޔަރުންނާއި އެމީހުން ކުރި ކޭމްޕް ތަކާއި އެމީހުން ކުޅުނު މެޗުތަކާއި އެމީހުން މާޒީގައި ހޯދާފައި އޮތް ކާމިޔާބީތަކުން. މި ހުރިހާ އެއްޗަކަށް ބެލިއަސް އެމީހުންނަށް ދެއްތޯ ޕްރެޝަރު އޮންނާނީ. އެ ޕްރެޝަރެއް އަޅުގަނޑުމެންނަކަށް ނެތް،" ސާންތި ބުންޏެވެ.
ހަތް މަސްދުވަހަށް ފަހު މާދަމާ ރޭ ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަލުން ފަށަން ތައްޔާރު ވެފައި ވާއިރު، މި ސީޒަނަށް އަލުން އީގަލްސް އާ ހަވާލުވި ސާންތި ބުނީ ފެބްރުއަރީ 15 އިން ފެށިގެން ޓީމާ އެކު މިހާތަނަށް 38 ޕްރެކްޓިސް ސެޝަން ކުރިއަށް ގެންދެވިއްޖެ ކަމަށެވެ. ގިނަ ދުވަސްތަކެއް ވަންދެން ކުޅުން މެދުކެނޑިފައި އޮތް ނަމަވެސް ފުރަތަމަ މެޗަށް ނުކުންނައިރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުޅުންތެރިންގެ ރޫހު ރަނގަޅަށް އޮތުން ކަމަށެވެ. އަދި ފުޓްބޯޅައިގައި ސާންތި އަކީ މީހަކަށް ހެދި ކުލަބަށް އަނބުރާ ދެވުމުން ކުޅުންތެރިންގެ ފަރާތުން ލިބުނު ލޯތްބާއި އެއްބާރުލުމުން އެކަން ވަރަށް ރަނގަޅަށް އިހުސާސް ކުރެވޭ ކަމަށް ސާންތި ފާހަގަ ކުރި އެވެ.
އީގަލްސް އިން ޒުވާން ކުލުންތެރިންތަކެއް ތަމްރީނުކޮށްގެން ދިގު މުއްދަތަކަށް އެ ކުޅުންތެރިންގެ މައްޗަށް ޓީމު ބިނާކޮށްގެން ކުރިއަށް ގެންދިޔަ ޓީމެކެވެ. އަދި އޭގެ އެންމެ އިސް ދައުރެއް އަދާކުރި އެކަކަކީ ސާންތި އެވެ. އޭނާ ބުނީ މިހާރު އެ ސްޓޭޖް ނިމިފައި ވާކަމަށާއި މިހާރު އީގަލްސް ވެސް ބޭނުން ވަނީ ނަތީޖާ ކަމަށެވެ.
"ކުރިން ކުރި މަސައްކަތްތަކެއް ނޫން އީގަލްސް ގައި މިހާރު ކުރަން ޖެހޭނީ. ކުރިން އީގަލްސް ގައި ޓީމެއް ހެދީ ޔޫތު މަސައްކަތް ކޮށްގެން. އެކަމަކު މިހާރު އީގަލްސް ގައި އެމަސައްކަތް އޮތީ ނިމިފައި، މިހާރު އީގަލްސް ވެސް ބޭނުންވަނީ ނަތީޖާ. ނަތީޖާ ނުނެރެވިއްޖެއްޔާމު އަޅުގަނޑަށް ވެސް މިތާގައި ހުންނާކަށް ފަސޭހައެއް ނުވާނެ،" ސާންތި ބުންޏެވެ.
ސާންތި ފާހަގަކުރި ގޮތުގައި އީގަލްސް އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވާދަވެރި މެޗެއް ކުޅެލަން ނުލިބުމެވެ. މެޗެއް ކުޅެލަން ނުލިބުމުގެ ސަބަބުން ކުޅުންތެރިންގެ ފެންވަރު އެންމެ ރަނގަޅަށް ދެނެނުގަނެވުމުގެ ނުތަނަވަސްކަން އެބަ އޮތެވެ. ނަމަވެސް މާޒިޔާ އިން ސައުދީ އަރަބިއްޔާގައި ކުރިއަށް ގެންދިޔަ ޓްރޭނިން ކޭމްޕުގައި ކުޅުނު މެޗުތަކުގެ އިތުރުން، ރާއްޖޭގެ ގައުމީ ޓީމުން މިދިޔަ މަހު ލ. ގަމުގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗަކީ ވެސް މާޒިޔާ އަށް ލިބުނު ފްރެންޑްލީ މެޗެއްގެ ގޮތުގައި ސާންތި ދެކެ އެވެ. ސަބަބަކީ އެ މެޗުގެ ފުރަތަމަ 11 ގައި ކުޅެފައި ވަނީ މުޅިން ވެސް މާޒިޔާގެ ކުޅުންތެރިން ކަމަށް ވުމެވެ.
"އީގަލްސް އަށް ކޮމްޕެޓީޓިވް މެޗެއް ނުލިބޭ. އަޅުގަނޑުމެންގެ ކުޅުންތެރިން މިނެކިރާލަން ޕްރެޝާގަ ކުޅެލަން މެޗެއް ނުލިބޭ. އަޅުގަނޑުމެން ޕްރީ ސީޒަން ގައި ވެސް މި ކުޅުނީ ތިން ހަތަރު މެޗެއް އަންޑަ 19 ޓީމާ އެކު. އިތުރު އެއްވެސް ކްލަބެއް ނެތް،" ސީޒަނާ ކުރިމަތިލާއިރު އޮތް ގޮންޖެހުންތަކާ ގުޅޭގޮތުން ސާންތި ބުންޏެވެ.
"މާޒިޔާ ވަރަށް ވަރުގަދަ ކޭމްޕެއް ކޮށްފި ސައުދީގައި 14 ދުވަހުގެ. ތިން މެޗު އެކޮޅުގަ ކުޅެފި. އެކާވީސް ވަނަ ދުވަހު މެޗެއް ކުޅެފި [ގައުމީ ޓީމު، ޕާކިސްތާނާ ދެކޮޅަށް]."
މާޒިޔާއިން ވަނީ އީގަލްސްގެ މުހިއްމު ތިން ކުޅުންތެރިން މި ސީޒަނުގައި އެޓީމަށް ގެންގޮސްފަ އެވެ. ކުރިއަށް ކުޅޭ އުންމީދީ ފޯވާޑް ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި ތަޖުރިބާކާރު ޑިފެންޑަރު އަހުމަދު ނޫމާން އަދި ކެޕްޓަން ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ވެސް މި ސީޒަން ގައި ފެންނާނީ މާޒިޔާގެ ފެހި ޖޯޒީގަ އެވެ.
ހާއްސަކޮށް ކުރޯ ނެތްތަން ފޫބައްދަން އީގަލްސް އަށް އުނދަގޫ ވާނެކަން ހާމަކުރަމުން ސާންތި ބުނީ، ކުރިން އީގަލްސް ގައި ތިބި ބައެއް ސީނިއާ ކުޅުންތެރިން ކަމަށްވާ އިސްމާއިލް އީސާ (މެސީ) އާއި އިބްރާހިމް މުބީން (މުއްކި) އަދި ޝިފާން ހަސަން (ޝިފާންޓެ) ފަދަ ކުޅުންތެރިން އަލުން ޓީމާ ގުޅުމުން އެކަމުގެ ހިތްހަމަ ޖެހުމެއް އެބަ އޮތް ކަމަށެވެ.
ގޮންޖެހުންތަކާ އެކު ވެސް ނެގެން ހުރި އެޑްވާންޓޭޖުތައް ނަގަން މަސައްކަތް ކުރާނެ ކަމަށް ބުނަމުން ސާންތި ވަނީ، މާޒިޔާ ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ނުކުންނައިރު ކުޅުންތެރިންގެ ފަރާތުން ތަފާތު ޖޯޝަކާއި އަމިއްލަ އިސްނެގުން ފަރިތަކުރުންތަކުގައި ވެސް ފެންނަކަމަށެވެ.
މާޒިޔާ އާއި އީގަލްސް ވަނީ މީގެ ކުރިން 2020 ވަނަ އަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި ވާދަ ކޮށްފަ އެވެ. އެއީ އީގަލްސް ޗެރިޓީ ޝީލްޑް މެޗަކަށް ނުކުތް ފުރަތަމަ މެޗެވެ. މާޒިޔާއިން ދެ ގޯލުގެ ލީޑެއް ނަގާފައި ވަނިކޮށް އެ މެޗު އީގަލްސް ކާމިޔާބު ކުރީ ފަހަތުން އަރައި ތިން ގޯލު ޖަހައިގެންނެވެ.
ގަލޮޅު ދަނޑުގައި މާދަމާ ރޭ މި ދެ ޓީމު ބައްދަލުކުރާ މެޗު ފަށާނީ ރޭގަނޑު 10 ޖަހާއިރެވެ.
ސާންތީ ބުނަނީ މާޒިޔާ އެހާ ތަފާތު ނޫން ކަމަށް
މާޒިޔާ އިން ޗެރިޓީ ޝީލްޑް އުފުލާލައިފި
ރާއްޖެ އާއި ޕާކިސްތާން މެޗުގެ ފައިދާކުރީ މާޒިޔާ އަށް
ހަތް މަސް ދުވަހަށް ފަހު އަންނަ މަހު ސީޒަން ފަށަނީ
މާޒިޔާ ބަލިކޮށް އީގަލްސް އިން ޝީލްޑް އުފުލާލައިފި
ސެކުލޮސްކީ އަށް މޮޅެއް، ސާންތީ އަށް ހިތްވަރެއް
މާޒިޔާ ވަރުގަދަ އެކަމަކު ދުލެއް ނުދޭނަން: ސާންތީ
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
މާޒިޔާ ފަސްވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބު ކޮށްފި
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!