Roadha Mihaaru
ޗެރިޓީ ޝީލްޑް ކާމިޔާބުކޮށް މާޒިޔާއިން ރެކޯޑެއް ހަދައިފި

ޗެރިޓީ ޝީލްޑް ކާމިޔާބުކޮށް މާޒިޔާއިން ރެކޯޑެއް ހަދައިފި

16 ޑިސެމްބަރ 2021

ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ކްލަބް ވެލެންސިއާގެ މައްޗަށް 5-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މިރޭ މޮޅުވެ، މާޒިޔާއިން ޗެރިޓީ ޝީލްޑް ކާމިޔާބުކޮށް ރެކޯޑެއް ހަދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ކްލަބް ވެލެންސިއާގެ މައްޗަށް 5-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މިރޭ މޮޅުވެ، މާޒިޔާއިން ޗެރިޓީ ޝީލްޑް ކާމިޔާބުކޮށް ރެކޯޑެއް ހަދައިފި އެވެ.

މި ކާމިޔާބާ އެކު މާޒިޔާ އިން ވަނީ ހަތަރު ފަހަރަށް ޗެރިޓީ ޝީލްޑް ކާމިޔާބުކޮށް އެ ޝީލްޑް އެންމެ ގިނައިން ކާމިޔާބުކުރި ޓީމުގެ ރެކޯޑް ހަދައިފަ އެވެ. ކުރިން އެ ރެކޯޑް އޮންނަނީ ތިން ފަހަރަށް ޗެރިޓީ ޝީލްޑް ހޯދި، ވީބީ އައްޑޫ އެފްސީ އަތުގަ އެވެ. މީގެ ކުރިން މާޒިޔާއިން ވަނީ، 2015, 2016 އަދި 2017 ގެ ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފަ އެވެ.

މިދިޔަ އަހަރު އެ ރެކޯޑް ހަދަން މާޒިޔާ އަށް ފުރުސަތު ލިބުނު ނަމަވެސް، ޗެރިޓީ ޝީލްޑް ގެއްލުނީ، އެ ޓީމުގެ މިހާރުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) އޭރު ކޯޗުކޮށްދިން، ކްލަބް އީގަލްސް އަތުން ބަލިވުމުންނެވެ.

މާޒިޔާ އަށް ލަނޑު ޖަހައިދިނުމަށް ފަހު އިބްރާހިމް ވަހީދު ހަސަން އުފާފާޅުކުރަނީ --- ފޮޓޯ: މާޒިޔާ

މާޒިޔާ އަށް ލަނޑު ޖަހައިދިނުމަށް ފަހު އިބްރާހިމް ވަހީދު ހަސަން އުފާފާޅުކުރަނީ --- ފޮޓޯ: މާޒިޔާ

މޯހަން އާ އެކު މިރޭ މެޗަށް ނުކުތް މާޒިޔާގެ ޓީމުން ތަފާތު ފެނުނެނެވެ. މިފަހަރު ވެސް ފުޓްބޯޅަ ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވީ މާޒިޔާ އެވެ. މުޅި މެޗުގައި ވެސް މާޒިޔާގެ ކިބައިން އެކަން ފެނުނެވެ.

ޗެރިޓީ ޝީލްޑް ކާމިޔާބު ކުރާ ޓީމަކަށް 100،000ރ. ގެ ފައިސާގެ އިނާމެއް ލިބެ އެވެ. އޭގެ ތެރެއިން ބައެއް ޗެރިޓީގެ ގޮތުގައި ހޭދަކުރަން ޖެހެ އެވެ. ޗެރިޓީ ޝީލްޑުގެ އެހީ ދީފައިވާ ޖަމިއްޔާތަކަކީ ޓައިނީ ހާޓްސް އަދި ބްލައިންޑް އެސޯސިއޭޝަނެވެ.

މެޗުގެ ފުރަތަމަ ލަނޑު މާޒިޔާ އަށް ޖަހައިދިނީ، އިބްރާހިމް އައިސަމް (ޓޯނީ) އެވެ. އެ ޓީމުން ޖެހި ދެވަނަ ލަނޑަކީ ފަސޭހަ ގޯލެކެވެ. ވެލެންސިއާގެ ކުޅުންތެރިންނަށް ރަނގަޅަށް ބޯޅަ ދިފާއު ނުކުރެވުމުން ބައިކޮޅަށް ބޯޅަ އަމާޒުވަމުން ވެސް ދިޔަ އެވެ. ވެލެންސިއާގެ ކުޅުންތެރިން ގައިގައި ޖެހިފައި ރީބައުންސްވި ބޯޅަ އެ ޓީމުން ސާފުކޮށްލުމުގެ ކުރިން މާޒިޔާގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވަނީ ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.

މާޒިޔާގެ ތިން ވަނަ ލަނޑަކީ، ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައި ތަނަވަސްކުރި ފުރުސަތަކުން ކޯނޭލިއަސް ސްޓެވާޓް (ކޯނޭ) ޖެހި ލަނޑެކެވެ.

މާޒިޔާގެ ކުޅުންތެރިން މެޗުގައި އުފާފާޅު ކުރަނީ --- ފޮޓޯ: މާޒިޔާ

މާޒިޔާގެ ކުޅުންތެރިން މެޗުގައި އުފާފާޅު ކުރަނީ --- ފޮޓޯ: މާޒިޔާ

ވެލެންސިއާގެ ފަހަތަށް ދިޔަ ބޯޅަ ސާފުކޮށްލަން، ކީޕަރު ފައިސަލް ކުރިއަށް އެރުމުން އޭނާ އަށް ވުރެ ކުރިން މާޒިޔާގެ ކުޅުންތެރިން ބޯޅަ ހޯދައި ފުރުސަތު ތަނަވަސް ކުރި އެވެ. އަލުން ފައިސަލް ގޯލަށް ދިޔަ ނަމަވެސް ޓޯނީ ދިން ޕާހުން، އޭރިއާ ބޭރުގައި ހުރެފައި ކޯނޭ ފޮނުވާލި ބޯޅަ ދިފާއު ކުރަން ފައިސަލް އަށް މާބޮޑު ކަމެއް ނުކުރެވުނެވެ. ބޯޅަ ވަނީ ގޯލްގެ ތެރެއަށެވެ.

ދެވަނަ ހާފަށް ނުކުމެ މާޒިޔާގެ ހަތަރު ވަނަ ލަނޑު ހަމްޒާ މުހައްމަދު ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ. އެ ޕެނަލްޓީ އަކީ ވެލެންސިއާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ އަހުމަދު ސިޒާން (ސިއްޕެ) މާޒިޔާގެ ކޯނޭ އަށް ކުރި ފައުލާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. މާޒިޔާގެ ފަސް ވަނަ ލަނޑު ޖެހީ ހުސައިން ނިހާން (ނިހާޓް) އެވެ.

މުޅި މެޗުގައި ވެސް ވެލެންސިއާ އަށް މާޒިޔާގެ ކީޕަރު، ނޭޕާލްގެ ކިރަން ޝެމެޝޮން ޓެސްޓްކޮށްލަން ފޮނުވާލެވުނީ ނުރައްކާތެރި ދެ ބޯޅަ އެވެ. އެއީ އެ ޓީމުގެ މިސްރުގެ މިޑްފީލްޑަރު ހަލީލް ގަމާލް ފުރަތަމަ ހާފުގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ އާއި މެޗުގެ އެންމެ ފަހު ވަގުތު ލިބުނު ހިލޭ ޖެހުމުން އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބޯޅައިންނެވެ. ހަލީލް ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. ސެންޓޭ ފޮނުވާލި ބާރު ހިލޭ ޖެހުން ކިރަން ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލީ އެވެ.

ސީޒަންގެ ފުރަތަމަ މުބާރާތަކީ ޕްރެޒިޑެންޓް ކަޕެވެ. އަންނަ އާދިއްތަ ދުވަހު ޕްރެޒިޑެންޓް ކަޕް ފަށާނެ އެވެ. ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ބާއްވާ ޕްރެޒިޑެންޓް ކަޕް ކުރިއަށް ދާނީ ލީގު އުސޫލުންނެވެ. ފައިނަލަށް ދާނީ ލީގު ބުރު ކުޅުމަށް ފަހު އެންމެ ގަދަ ދެ ޓީމެވެ.