Roadha Mihaaru
މާޒިޔާ ފަސްވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބު ކޮށްފި

މާޒިޔާ އިން ފަސްވަނަ ފަހަރަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކޮށްފި

19 ޑިސެމްބަރ 2023

ފަހު މެޗުގައި ކްލަބް އީގަލްސްގެ މައްޗަށް 1-0 އިން ކުރި ހޯދައިގެން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފަސްވަނަ ފަހަރަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކޮށްފި އެވެ.

ފަހު މެޗުގައި ކްލަބް އީގަލްސްގެ މައްޗަށް 1-0 އިން ކުރި ހޯދައިގެން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފަސްވަނަ ފަހަރަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކޮށްފި އެވެ.

މިއަހަރުގެ ލީގާ އެކު އެންމެ ފަހުން ކުޅުނު ތިން ސީޒަން، 2018، 2019/2020، 2020/2021 ގެ ޗެމްޕިއަނުންނަކީ ވެސް މާޒިޔާ އެވެ. ފުރަތަމަ ފަހަރަށް ލީގު އުފުލާލީ 2016 ވަނަ އަހަރެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާ އިން ޖެހި ހަމައެކަނި ގޯލު ފުރަތަމަ ހާފުގެ 43 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ވޮޖިސްލާވް ބަލަބަނޮވިޗެވެ. މިއީ އީގަލްސްގެ ރިލްވާން ވަހީދު (ރިލޭ)، މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އަށް ފައުލް ކުރުމުން ދިން ޕެނަލްޓީއެކެވެ.

އީގަލްސްގެ ރިލޭ މާޒިޔާގެ ހަމްޕު އަށް ފައުލް ކުރަނީ، މާޒިޔާ އަށް ޕެނަލްޓީ ދިނީ މި ފައުލާ ގުޅިގެން.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އީގަލްސްގެ ރިލޭ މާޒިޔާގެ ހަމްޕު އަށް ފައުލް ކުރަނީ، މާޒިޔާ އަށް ޕެނަލްޓީ ދިނީ މި ފައުލާ ގުޅިގެން.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ހާފު ނިމުމުގެ ކުރިން ކޯނަރުން ހުރަސްވި ބޯޅަ މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ) ބޮލުން ފޮނުވާލުމުން އަމާޒުވީ ހުރަސް ދަނޑިއަށެވެ.

މާޒިޔާ އިން ލީޑު ނެގުމުގެ ކުރިން އީގަލްސް އަށް ވެސް ލީޑު ނަގަން ފުރުސަތު ލިބުނެވެ. އެކަމަކު އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އަށް ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފުނެވެ.

ދެވަނަ ހާފުގައި އީގަލްސްގެ އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) އާއި އަހުމަދު ރިޒުވާން (ރިޒޭ) ފޮނުވާލި ނުރައްކާތެރި ދެ ހަމަލާ، މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން) ދިފާއު ކުރި އެވެ.

ބަލަބަނޮވިޗް (ވ)، މާޒިޔާގެ ޕެނަލްޓީ ކާމިޔާބު ކުރުމަށް ފަހު އުފާފާލު ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ބަލަބަނޮވިޗް (ވ)، މާޒިޔާގެ ޕެނަލްޓީ ކާމިޔާބު ކުރުމަށް ފަހު އުފާފާލު ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މި މޮޅާ އެކު މާޒިޔާ ލީގު ކާމިޔާބު ކުރީ މެޗަކުން ބަލި ނުވެ އެވެ. އެޓީމަށް ލީގުގައި މޮޅެއް ނުހޯދުނު ހަމައެކަނި މެޗަކީ ފުރަތަމަ ބުރުގައި އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުން މާޒިޔާ ޕޮއިންޓެއް ހޯދީ ފަހަތުން އަތައި އެއްވަރު ކޮށްގެންނެވެ. މިއަދުގެ މެޗަކީ ލީގުގައި އީގަލްސް ބަލިވި ހަމައެކަނި މެޗެވެ.

މެޗު ކާމިޔާބު ކޮށްގެން މާޒިޔާ ވަނީ 14 މެޗުން 40 ޕޮއިންޓް ހަމަކޮށްފަ އެވެ. ދެވަނައިގައި ނިންމާލި އީގަލްސް އަށް ލިބުނީ 35 ޕޮއިންޓެވެ.

މިއީ މާޒިޔާ މެޗަކުން ބަލި ނުވެ ލީގު ނިންމާލި ދެވަނަ ފަހަރެވެ. މީގެ ކުރިން 2020/2021 ސީޒަންގައި ވެސް މާޒިޔާ ލީގުގައި ބައްޔެއް ނުވެ އެވެ. ނަމަވެސް އެ ފަހަރު ކުޅުނު 14 މެޗުން އެޓީމު ވަނީ ހަތަރު މެޗުން އެއްވަރު ވެފަ އެވެ.

ރާއްޖޭގެ ލީގު ޗެމްޕިއަންކަމާ އެކު މާޒިޔާ އަށް އަންނަ ސީޒަންގައި ސަރަހައްދީ މުބާރާތެއްގެ ގުރޫޕް ސްޓޭޖުގެ ޖާގައެއް ނޯންނާނެ އެވެ. މާޒިޔާ އަށް ލިބޭނީ އޭއެފްސީ އިން އަލަށް ތައާރަފް ކުރާ ފޯމެޓްގައި އޭޝިއާގެ ތިންވަނަ ފަންތީގެ މުބާރާތް ކަމަށްވާ އޭއެފްސީ ޗެލެންޖް ލީގުގެ ޕްލޭއޮފްގެ ޖާގައެކެވެ.