16 އޮކްޓޯބަރ 2018
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ބ. ފެހެންދޫ އަތުން 2-0 އިން މޮޅުވެ މާޒިޔާ ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ބ. ފެހެންދޫ އަތުން 2-0 އިން މޮޅުވެ މާޒިޔާ ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
މާޒިޔާ ދެ ވަނަ އަށް އެރީ ފުރަތަމަ ބުރުގައި ކުޅުނު ފަހު މެޗުން މޮޅުވެ، ނުވަ މެޗުން ހޯދި 19 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓާއި ހަތަރު ވަނައިގައި އޮތް އީގަލްސް އަށް އަށް މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ. ނިއު އާއި އީގަލްސް މި ހަފްތާގައި ކުޅޭ މެޗުތަކުން ނުކުންނަ ނަތީޖާތަަކަށް ފަހު މާޒިޔާގެ މަގާމަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތެވެ.
މި މެޗުން ފެހެންދޫ ބަލިވުމުން ލީގުގެ ދެ ވަނަ ބުރަށްދާ ޓީމުތައް ވަނީ ކަށަވަރުވެފަ އެވެ. ލީގުގެ ދެ ވަނަ ބުރަށްދަނީ ގަދަ އަށް ޓީމެވެ. ދެ ވަނަ ބުރުގެ ފުރުސަތު ގެއްލުނީ ނުވަ ވަނައިގައި އޮތް ފެހެންދޫ އާއި ލީގުގެ އެންމެ ފުލުގައި އޮތް ތ. ތިމަރަފުއްޓަށެވެ. ފެހެންދޫ އަށް މެޗުތައް ނިމުނުއިރު އެ ޓީމަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ތިމަރަފުއްޓަށް ބާކީ އެއް މެޗު އޮތްއިރު އެ ޓީމުގެ އޮތީ އެންމެ ޕޮއިންޓެކެވެ.
މި މެޗަށް މާޒިޔާގެ ބިދޭސީ ފޯވާޑް ސެއިން ވިންސެންޓްގެ ކޮނޭލިއަސް ސްޓެވާޓް ވަނީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފަ އެވެ. އަދި އެންމެ ފަހުން މެޗުގައި މޮޅު ކުޅުމެއް ދެއްކި ޒުވާން މިޑްފީލްޑަރު އަބްދުﷲ ޖުނައިދު (ޖެންނޭ) ވެސް ހުރީ ސަސްޕެންޝަނުގަ އެވެ.
މާޒިޔާ އިން ވަނީ އެ ޓީމުގެ ފުރަތަމަ އެގާރައިން އަސަދުﷲ އަބްދުﷲ އާއި ދާދި ފަހުން އަނިޔާއިން ރަނގަޅުވެ ކުޅުމަށް އެނބުރި އައި އަމްދާން އަލީ (އެންޑީ) އަށް ފުރުސަތު ދީފަ އެވެ.
މެޗު ފަށައިގެން މާޒިޔާ އިން ކުރިއަށް ޖެހިގެން ކުޅެމުންދިޔަ ނަމަވެސް ގޯލާ އަމާޒުކޮށް ފުރަތަމަ ހަމަލާ އުފެއްދީ ފެހެންދޫ އިންނެވެ. މެޗުގެ ހަތް ވަނަ މިނިޓްގައި ކުރިން މާޒިޔާ އަށް ކުޅުނު ފެހެންދޫގެ އަހުމަދު ނިޒާމް (ނިޒާމްބެ) ފޮނުވާލި ބޯޅަ ދިޔައީ މާޒިޔާ ކީޕަރު ހުސެއިން ޝަރީފް އަތަށެވެ.
މާޒިޔާ އަށް ލީޑުނަގައިދޭން މެޗުގެ ނުވަ ވަނަ މިނިޓްގައި އަސަދުﷲ ފޮނުވާލި ބޯޅަ ފެހެންދޫގެ ޑިފެންޑަރަކު ވަނީ ގޯލު ރޮނގުމަތިން ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. އެ ކޯނަރުން ނާއިޒު ހަސަން (ދާދު) ނަަގައިދިން ބޯޅަ އަކުން މުހައްމަދު އިރުފާން (އިރޭ) ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި މާޒިޔާ އަށް ކުރިހޯދައިދީފަ އެވެ.
މެޗުގެ 14 ވަނަ މިނިޓްގައި އޭރިއާ ބޭރުން އިރޭ ފޮނުވާލި ބޯޅަ ފެހެންދޫގެ ކީޕަރު އިބްރާހިމް ޒަޔާން ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން އަސަދުﷲ ހުސްކޮށްލާފައި އެ ޓީމުގެ މުހައްމަދު ސަހާއު އަށް ދިން ބޯޅަ އޭނާ އަށް ލިބުމުގެ ކުރިން ކީޕަރު ޒަޔާން ވަނީ ހުއްޓުވައިފަ އެވެ.
ކައުންޓަ އެޓޭކުގައި މެޗުގެ 38 ވަނަ މިނިޓްގައި ފެހެންދޫގެ ނިޒާމްބެ ޖެހި ބޯޅަ ކީޕަރު ހުސެއިން ވަނީ މަތަކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ވަނަ ލަނޑެއް ޖަހައިދޭން މާޒިޔާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
ދެ ވަނަ ހާފް ފަށައިގެން ފުރަތަމަ 15 މިނިޓް ތެރޭ މާޒިޔާ އިން ފޮނުވާލި ނުރައްކާތެރި ގިނަ ބޯޅަތަކެއް ފެހެންދޫ ކީޕަރު ޒަޔާން ވަނީ މަތަކޮށްފަ އެވެ. ފެހެންދޫ އިން ވަނީ މެޗުގެ 60 ވަނަ މިނިޓްގައި އަލީ ހާފިޒް (ހާއްޕެ) ކުޅެން އަރުވައިފަ އެވެ. ހާއްޕެ އެރިތާ މިނިޓެއްގެ ތެރޭގައި އޭނާ ވަނީ ހަމަލާއެއް ފޮނުވާލައިފަ އެވެ.
ފެހެންދޫ އަށް މައްސަލަތައް ކުރިމަތިވީ މެޗުގެ 63 ވަނަ މިނިޓްގައި އެ ޓީމުގެ ބިދޭސީ ކުޅުންތެރިއާ ޗީމާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.
ފެހެންދޫގެ ކުޅުންތެރިއަކު މަދުވި ނަމަވެސް މާޒިޔާ އަށް އެކަށީގެންވާ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު ނަމަވެެސް އޭގެއިން ގިނަ ފުރުސަތުތަކުގެ ބޭނުންމެއް ނުހިފުނެވެ. މާޒިޔާގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައި އަހުމަދު އިމާޒް (އާއްކޮ) އެވެ. ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް އާއްކޮ ފުރަތަމަ ފޮނުވާލި ބޯޅަ ކީޕަރު ޒަޔާން މަތަކުރިއިރު ދެވަނަ ފަހަރަށް އެ ބޯޅަ ލިބުމުން އާއްކޮ ވަނީ ގޯލުގެ ތެެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މިނިވަން ޗެމްޕިއަންޝިޕްގެ ޓީމުތަކާ ދެކޮޅަށް ކުޅޭއިރު ފަސޭހަކޮށްލައިގެން ޖެހޭ މައްސަަލަތައް މި މެޗުގައި ނުފެންނަ ކަމަށާއި މި މެޗު އުނދަގޫވީ ލަނޑު ޖަހަން ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ނުކުރެވުމުން ކަމަށެވެ.
"އަޅުގަނޑުމެން ނުކުތީ ތިން ޕޮއިންޓް ހޯދަން. މި ބުރު މޮޅަކާ އެކު ނިންމާލަން ބޭނުންވީ އެކަން ވެއްޖެ. ހަގީގަތުގައި މިއީ އުނދަގޫ މެޗެއް ނޫން. މެޗު އުނދަގޫވީ އަޅުގަނޑުމެންނަށް ލަނޑު ނުޖެހިގެން. ކުޅުން ވެސް ގޯހެއް ނޫން. ލަނޑު ޖެހުމުގެ ބައި ރަނގަޅުކުރަން ޖެހޭ،" އިންމަ ބުންޏެވެ.
ފެހެންދޫގެ މެނޭޖަރު މޫސާ ނަސީމް ބުނީ މެޗުގައި ދެއްކި ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި މާޒިޔާއާ ދެކޮޅަށް އެ ޓީމުން ކުރި ހިތްވަރު ފާހަގަކުރަން ޖެހޭ ކަމަށެވެ. އޭނާ ބުނީ ފެެހެންދޫ އަކީ ކުޑަކުޑަ އާބާދީ އަކަށް ނިސްބަތްވާ ރަށެއް ކަމަށާއި އަލަށް ކްލަބެއް ހަދައިގެން ފުރަތަމަ ފަހަރުން ވެސް އައިސް ދިވެހި ޕްރިމިއާ ލީގުގައި ކުޅެވުމަކީ ފަހުރުވެރިވާކަމެއް ކަމަށާއި ކުރިއަށް އޮތްތާ އިތުރުކުރިއެރުން ހޯދޭނެ ހިތްވަރު ރަށުގެ ރައްޔިތުންނާއި ސަޕޯޓަރުންގެ ފަރާތުން ލިބިފައިވާ ކަމަށެވެ.
ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި އީގަލްސް ނުކުންނާނީ ފ. ނިލަންދޫއާ ދެކޮޅަށެވެ. މާދަމާރޭ ކުޅޭ މެޗުގައި ނިއު ރޭޑިއަންޓް ބައްދަލުކުރާނީ ގްރީން ސްޓްރީޓްސްއާ އެވެ.
"އުފާކުރެވެން ނެތް، ފުޓްބޯޅައިގެ ހާލަތު މާ ދެރަ"
މާޒިޔާ ފަސްވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބު ކޮށްފި
މާޒިޔާ އަށް ސްޕެއިނުގެ ފިޓްނަސް ކޯޗެއް
މާޒިޔާގެ ޗެލެންޖް ވިޑަކޮވިޗަށް ފެންނަނީ ޝައުގުވެރިކޮށް
އޮޕަރޭޝަނަށް ފަހު ފަސް ކުޅުންތެރިއަކު އަލުން ދަނޑަށް
އެންމެ ފުރަތަމަ ޕްރެކްޓިސް ފަށަނީ މާޒިޔާ އިން
މާޒިޔާގައި އިންމަ އަށް އަމާޒަށް ވާސިލެއްނުވެވުނު
މާޒިޔާ-ނިއު އެއްވަރުވެ، ލީގު ޗެމްޕިއަންކަން ޓީސީ އަށް
ފަހަތުގައި ވިއްދާފައި އޮވެ މާޒިޔާ ދެއްކީ ހިތްވަރު!
މާޒިޔާ އިން ޓީސީ ބުރަކި ޖައްސުވައިފި