ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހު ހަތަރު ސީޒަންގެ ޗެމްޕިއަން މާޒިޔާ، މި ސީޒަންގެ ފުރަތަމަ މެޗުން ކްލަބް އީގަލްސްގެ މައްޗަށް 5-1 އިން ކުރި ހޯދައި ފުރިހަމަ މޮޅެއް ހޯދާފައި ވާއިރު، މި މެޗުގައި އެންމެ ބޮޑު ސަމާލުކަމެއް ހޯދީ މެޗުގައި ހަތަރު ގޯލު ޖެހި ނާއިޒް ހަސަން (ދާދު) އެވެ.
19 ސެޕްޓެމްބަރ 2025
ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހު ހަތަރު ސީޒަންގެ ޗެމްޕިއަން މާޒިޔާ، މި ސީޒަންގެ ފުރަތަމަ މެޗުން ކްލަބް އީގަލްސްގެ މައްޗަށް 5-1 އިން ކުރި ހޯދައި ފުރިހަމަ މޮޅެއް ހޯދާފައި ވާއިރު، މި މެޗުގައި އެންމެ ބޮޑު ސަމާލުކަމެއް ހޯދީ މެޗުގައި ހަތަރު ގޯލު ޖެހި ނާއިޒް ހަސަން (ދާދު) އެވެ.
އެއް އަހަރާއި 8 މަހާއި 30 ދުވަސް ފަހުން ދިވެހި ޕްރިމިއާ ލީގުގެ އާ ސީޒަން ފެށުމުގެ ގޮތުން ރޭ ކުޅުނު މެޗުގައި ދ. ރިނބުދު އަށް އުފަން، ދާދު ރޭ ޖެހި ހަތަރު ގޯލާ އެކު، އޭނާ ހެދީ އާދައިގެ ހެޓްރިކެއް ނޫނެވެ.
ދާދު ޖަހައިދިނީ މަދުން ނޫނީ ނުފެންނަ ފަދަ ފުރިހަމަ "ޕާފެކްޓް" ހެޓްރިކެކެވެ.
ޕާފެކްޓް ހެޓްރިކެއް ކަމަށް ފުޓްބޯޅައިގައި ބަލަނީ؛ ކަނާތު ފައިންނާއި ވާތު ފައިން އަދި ބޮލުން ގޯލެއް ޖެހުމުންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ހަތަރުވަނަ މިނިޓުގައި ހަސަން ނަޒީމް (ޗޯޓު) ނަގައިދިން ހުރަހަކުން ދާދު އޭނާގެ ކަނާތު ފައިން ގޯލަށް ފޮނުވައިލި އެވެ. މާޒިޔާގެ ތިންވަނަ ލަނޑު، ހަމްޒާ މުހައްމަދު (ހަމްޕު) ތިރިތިރިން ނަގައިދިން ހުރަހަކުން މެޗުގައި ދާދު ޖެހި ދެވަނަ ގޯލު ވެސް ކާމިޔާބު ކުރީ ކަނާތު ފައިންނެވެ.
އޭނާގެ ތިންވަނަ ލަނޑު ޖެހީ ބޮލުންނެވެ. ފުރަތަމަ ހާފުގެ ފަހު ވަގުތު ހަމްޕު މަތިމަތިން ނަގައިދިން ހުރަސް ބޮލުން ވައްދާލައިގެން، މާޒިޔާ އަށް ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށް ދިނެވެ. ދެވަނަ ހާފުގައި ސްޕެއިންގެ ފޯވާޑް ސާޖިއޯ މެންޑިގުޓްޒިއާ އިގްލޭސިއަސް (މެންޑީ) ދިން ބޯޅައެއް ހިފައިގެން އަރައި، އީގަލްސްގެ ގޯލްކީޕަރު ބޯ މަތިން ދާދު ޗެޕެއް ޖަހައި ހަތަރުވަނަ ލަނޑު ކާމިޔާބު ކުރީ ވާތު ފައިންނެވެ.
ތަފާތު ފޯމުގައި ހުރި ދާދު ވަނީ ކްލަބާއި ގައުމީ ޓީމަށް އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ޖުމްލަ ހަތް ގޯލު ކާމިޔާބު ކޮށްދީފަ އެވެ.
މި މަހުގެ ކުރީކޮޅު ސައުތު އޭޝިއަން ސުޕަ ކަޕްގެ ދެ މެޗުގައި ވެސް ސްރީ ލަންކާ ކޮޅަށް ރާއްޖޭގެ ފުރަތަމަ ގޯލު ޖެހީ ދާދު އެވެ. ސީޒަން ހުޅުވުމުގެ ގޮތުން މިދިޔަ ހޯމަ ދުވަހުގެ ރޭ ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ވެސް އޭނާ ވަނީ އީގަލްސް ކޮޅަށް ގޯލެއް ޖަހައިފަ އެވެ.
ފުރަތަމަ ޑިވިޝަނުގައި ދާދު ކުޅުނު ފުރަތަމަ ސީޒަނުގައި ވެސް އޭނާ ތަފާތު ދައްކި އެވެ. ޓީސީއާ އެކު 2015 ގައި ކުޅުނު ސީޒަނަކީ އެ ކްލަބުގެ ވެސް އަދި ދާދުގެ ވެސް އެއްވަނަ ޑިވިޝަނުގައި އަލަތު ސީޒަނެވެ. އެ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި މަޝްހޫރު ކުޅުންތެރިންނަށް ވުރެ ދާދުގެ ކުޅުން ފާހަގަވި އެވެ. އެ ސީޒަންގައި ހަތަރު ގޯލު ޖެހި ނަމަވެސް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ އޭރު އުމުރުން 19 އަހަރުގެ ދާދު އެވެ. އޭގެ ކުރީ އަހަރު، 2014 ގައި ޓީސީން ދެވަނަ ޑިވިޝަން ކާމިޔާބު ކުރި އިރު އެ މުބާރާތުގެ ވެސް މޮޅު ކުޅުންތެރިއަކީ އޭނާ އެވެ.
މީގެ އިތުރުން 2015 ވަނަ އަހަރު ގައުމީ ޓީމުން ވެސް ފުރަތަމަ ފަހަރަށް ފުރުސަތު ހޯދައި، އޭނާ ވަނީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ، ބަންގްލަދޭޝް އަތުން މޮޅު ކޮށްދޭން، ފަހު ވަގުތު ކުޅެން އަރައި ހިތްގައިމު ގޯލެއް ކާމިޔާބު ކޮށްދީފަ އެވެ. އޭނާގެ ބެކް ހީލް ގޯލު އަދިވެސް ދިވެހީން ހަނދާނުގައި ހުންނާނެކަން ޔަގީނެވެ.
ޓީސީ ސްޕޯޓްސް ކްލަބްގައި ތަފާތު ދައްކައި، ދާދު މާޒިޔާ އަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. ދާދު އަކީ މުހިއްމު ކުޅުންތެރިއަކަށް ވިޔަސް ވަރުގަދަ ކުޅުންތެރިން ގިނަވުމާ އެކު، ދާދު އަށް އެންމެ އެކަށީގެންވާ ފުރުސަތު ނުލިބޭކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ.
މި ފަހަރުގެ ސީޒަން ފެށިއިރު، މާޒިޔާގެ މުހިއްމު ކުޅުންތެރިންތަކެއް މި ސީޒަނަށް ކްލަބް ދޫކޮށްލި އެވެ. އެކަމަކު އެއީ ޓީމުގައި މަޑުކުރި ކުޅުންތެރިންނަށް ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައި ކޯޗު ލުއިސްމާ ހެނާންޑޭޒް ފާހަގަ ކުރި އެވެ. އަދި ސީޒަން ފެށުމުގެ ކުރިން ކޯޗު ވަނީ ދާދު އަށް ތައުރީފުކޮށް ވެސް ވާހަކަ ދައްކައިފަ އެވެ.
ދާދުގެ ހަތަރު ގޯލުން މާޒިޔާއިން ލީގު ފެށީ ގަދަކޮށް
ދިވެހި ޕްރިމިއާ ލީގު ފަށާނީ ރޯދައިގެ ފަހުން؟
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!
މާޒިޔާ އިން ޓީސީ ބަލިކޮށް، ފަހު މެޗު ގަދަ ހިފުމަކަށް
ލައިޓްތައް މައްސަލަޖެހި މާޒިޔާގެ މެޗަށް ހިޔަނި
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ބަދަލު ކީޕަރެއް ނެތުމުން ޔޫވީގެ ގޯލަށް އެރީ ޑިފެންޑަރު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ލީގު ނުކުޅެތީ މާޒިޔާ އަށް އަސަރު ކުރޭ: މިލޯ
ބޭރުކުޅުންތެރިންގެ ގޯލުތަކުން މާޒިޔާއިން ސަސް ބަލިކޮށްފި