Roadha Mihaaru
ވޯލްޑް ބޭންކުން ލަފާ ދެނީ މަޝްރޫއުތައް ފަސްކޮށްލަން

ދަރަނީގެ ނުރައްކާ ކުޑަކުރަން ރާއްޖޭން މަޝްރޫއުތައް ފަސްކޮށްލަންޖެހޭ: ވޯލްޑް ބޭންކް

08 އޮކްޓޯބަރ 2020

ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކޭ ހާލަތް މެދުވެރިވުމުގެ ނުރައްކާ މިހާރު ވަރަށް ބޮޑު ކަމަށާއި އެހެންވެ މަޝްރޫއުތައް ފަސްކުރަންޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކޭ ހާލަތް މެދުވެރިވުމުގެ ނުރައްކާ މިހާރު ވަރަށް ބޮޑު ކަމަށާއި އެހެންވެ މަޝްރޫއުތައް ފަސްކުރަންޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ އިގްތިސާދީ ހާލަތާ ބެހޭ ގޮތުން ވޯލްޑް ބޭންކުން މިއަދު ނެރުނު ރިޕޯޓްގައި ބުނީ ކޮވިޑް-19 އާ ހެދި ރާއްޖޭގެ ޓޫރިޒަމް ހުއްޓުމަކަށް އައިސް، އާމްދަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ އިރުގައި ވެސް ސަރުކާރުން ޚަރަދުކުރަމުން ދަނީ އެކަމަށް ރިއާޔަތް ނުކޮށް ކަމަށެވެ. އެގޮތުން ރާއްްޖޭން މި އަހަރަށް ހަރަދުކުރަން ކަނޑައަޅާފައިވާ ފައިސާގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އޮގަސްޓް މަހާ ހަމައަށް ދިޔަ އިރު ހަރަދުކޮށްފައިވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ.

"އެއީ 2019 ވަނަ އަހަރުގެ މި މުއްދަތުގައި ހަރަދުކުރިވަރަށް ވުރެ ދެ ޕަސެންޓް އިތުރު އަދަދެކެވެ. ކަން މިހެން ހުރި އިރު ލިބިފައި ވަނީ ބަޖެޓްކުރި ވަރުގެ ތިންބައިކުޅަ އެއްބަ އެވެ. އެެއީ 2019 ވަނަ އަހަރުގެ މި މުއްދަތުގައި ހޯދުނު އަދަދުގެ އެންމެ 60 ޕަސެންޓެވެ،" ވޯލްޑް ބޭންކްގެ ރިޕޯޓްގައި ބުންޏެވެ.

އެގޮތަށް ކަންތައް ވުމުން ރާއްޖޭގެ ދަރަނި 4.8 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށާއި މިއީ މިދިޔަ އަހަރު ނިމުނު އިރު ދަރަނި އޮތް ވަރާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ވަރުގެ އިތުރުވުމެއް ކަމަށް ވެސް ވޯލްޑް ބޭންކުން ބުންޏެވެ. މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ ދަަރަނި ހުރީ 4.4 ބިލިއަން ޑޮލަރުގަ އެވެ.

ޚަރަދު ކުޑަކުރަން މަޝްރޫއުތައް ފަސްކުރަން ޖެހޭ

މާލީ ގޮތުންނާއި ދަރަނީގެ ކަންތައްތައް މެނޭޖްކުރުމުގައި ރާއްޖެއަށް ހުރި ނުރައްކާތައް ކުޑަކުރުމަށް، ސަރުކާރުން ހަރަދު ކުޑަކުރަން ޖެހޭ ކަމަށް ވޯލްޑް ބޭންކްގެ ރިޕޯޓްގައި ރާއްޖެއާ ބެހޭ ގޮތުން ބުންޏެވެ. ރާއްޖޭން ކެޕިޓަލް ސްޕެންޑިންގެ ގޮތުގައި ކުރާ ހޭދަ މިދިޔަ އަހަރަށް ވުރެ 16 ޕަސެންޓް އިތުރުވެފައިވާ ކަމަށާއި އެއީ ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގެ ސަބަބުން ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

"މިސާލަކަށް ވަރަށް އަވަހަށް ނިންމަން ނުޖެހޭ ޕަބްލިކް އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓްތައް މަޑުޖައްސައިލުމަކީ މާލީ އަދި ދަރަނީގެ ގޮތުން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހަމަޖައްސަން އެހީއަކަށް ވާނެ އެވެ."

ވޯލްޑް ބޭންކްގެ ހޯދުންތަކުން ދައްކާ ގޮތުގައި ދަރަންޏަށް ފައިސާ ލިބުން ފަސޭހަކުރުމާއި ފިސްކަލް ސްޓިމިއުލަސް އަދި ވިޔަފާރި އަށް ފަހިވާ ގޮތަށް މާލީ ގާނޫނުތައް ތައާރަފްކުރުން ފަދަ ކަންތައްތައް ކޮށްގެން އިގުތިސާދު ހަމަައަކަށް އަޅުވަން ދެކުނު އޭޝިއާގެ ގައުމުތަކުން ވަނީ ދުރާލައި ފިޔަވަޅު އަޅައިފަ އެވެ. އެކަމަކު ހާލަތު ނާޒުކުކޮށް އޮވެމެ، އިތުރަށް ކުރިއަށް ނުގެންދެވޭ ފަދަ މާލީ ސިޔާސަތުތައް ބައެއް ގައުމުތަކުން ކުރިއަށް ގެންދާ ކަމަށާއި އެކަމުގެ ސަބަބުން ފިސްކަލް ޑެފިސިޓާއި ދައުލަތުގެ ދަރަނި ބޮޑުވަމުންދާ ކަމަށް ވެސް އެ ބޭންކުގެ ހޯދުންތަކުން ދައްކަ އެވެ. މީގެ ވެސް މިސާލެއްގެ ގޮތުގައި ރިޕޯޓްގައި އޮތީ ރާއްޖެ އާއި ސްރީ ލަންކާ އެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވެސް އާބާދީއާ އަޅާބަލާއިރު އެންމެ ގިނައީ ރާއްޖޭގަ އެވެ. އެއާ އެކު ރާއްޖޭގެ ޓޫރިޒަމް އަދިވެސް ރަނގަޅަށް ހިނގައި ނުގަންނަ ކަމަށާއި ރާއްޖެ އަށްއަދިވެސް ދަތުރުކުރަނީ ބަލިމަޑުކަމުގެ ކުރިއާ އަޅާބަލާއިރު މަދު އެއާލައިންތަކެއް ކަމަށް ވެސް ވޯލްޑް ބޭންކުން ބުންޏެވެ.

ޓޫރިޒަމުން ލިބޭ އާމްދަނީ އަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމަކަށް ވާތީ، އާމްދަނީން ބޮލަކަށް ޖެހޭ ވަރުވެސް އެންމެ ބޮޑަށް ދަށަށް ދިޔަ ގައުމަކީ ރާއްޖެ އެވެ.

ކޮވިޑް-19 ފެތުރޭތީ ރާއްޖެއަށް ކުރިމަތިވި އިގުތިސާދީ ހީނަރުކަމާ އެކު ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް ސަރުކާރުން ފުރަތަމަ އެޅި އެވެ. އެގޮތުން ދައުލަތުގެ އިސް މަގާމުތަކާއި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ މުސާރަ ވެސް ކުޑަކުރި އެވެ. އެކަމަކު ފަހުން ވަނީ އެ ފިޔަވަޅުތައް ދޫކޮށްލައިފަ އެވެ. އޭގެ ބަދަލުގައި މިހާރު އަންނަނީ ރިކަރެންޓް ހަރަދުތަކަށް ވެސް ދަރަންޏަށް ފައިސާ ނަގަމުންނެވެ. އެގޮތުން ބަޖެޓް ސަޕޯޓަށް އިންޑިއާއަށް ބޮންޑް ވިއްކައިގެން 250 މިލިޔަން ޑޮލަރު ދާދި ފަހުން ވަނީ ނަގައިފަ އެވެ.