Roadha Mihaaru
އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލްތަކަށް

އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލްތަކަށް ދޭން ރައީސް ނިންމަވައިފި

28 މެއި 2022

ރަށު ކައުންސިލަރުން ހުށަހަޅާފައިވާ ގޮތަށް އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލްތަކަށް ޖަމާކޮށްދޭ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

ފަޒީނާ އަހުމަދު އުކުޅަހުން ފަޒީނާ އަހުމަދު

ރަށު ކައުންސިލަރުން ހުށަހަޅާފައިވާ ގޮތަށް އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލްތަކަށް ޖަމާކޮށްދޭ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

އެ މަނިކުފާނު އެ ގޮތަށް ނިންމެވީ އއ. އުކުޅަހުގައި ކުރިއަށް ގެންދާ "ވިޔަވަތި" ކޮންފަރެންސްގައި ކައުންސިލްތަކުން ހުށަހެޅި ކަންބޮޑުވުންތަކާއި ޝަކުވާތަކުގެ ހައްލަށް ވާހަކަފުޅު ދައްކަވަމުންނެވެ. ކައުންސިލަރުންގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު، ރައީސް ވިދާޅުވީ ކުރިން ދެބައިކުޅަ އެއްބައި ކައުންސިލްތަކަށް ޖަމާކުރަމުން އަޔަސް ކުރިއަށް އޮތް ތަނުގައި އެ ހުރިހާ ފައިސާއެއް ކައުންސިލަށް ލިބޭނެ ކަަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި އެ ނިންމެވުމާ އެކު 2018 ގައި އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް 34 މިލިއަން ރުފިޔާ ލިބޭނެ އެވެ. ކުރިން ދެމުން އައީ، ކުލީގެ ދެބައިކުޅަ އެއްބަ އެވެ.

ވިޔަވަތި ކޮންފަރެންސްގައި ކައުންސިލަރުންގެ ކަންބޮޑުވުންތައް ރައީސާއި ވަޒީރުން އައްސަވައި ޖަވާބު ދެއްވަނީ. -- ފޮޓޯ | މިހާރު

ވިޔަވަތި ކޮންފަރެންސްގައި ކައުންސިލަރުންގެ ކަންބޮޑުވުންތައް ރައީސާއި ވަޒީރުން އައްސަވައި ޖަވާބު ދެއްވަނީ. -- ފޮޓޯ | މިހާރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، 2014 އިން ފެށިގެން އަތޮޅު ފިހާރަތަކުގެ ކުލި ޖަމާކޮށް ނުދޭ ކަމަށެވެ. ހުއްޓާލާފައި އޮތް އެ ނިންމުން ބަދަލުކޮށް ކުލި ދޭން ފެށީ މި ސަރުކާރުގައި ކަން އޭނާ ފާހަގަކުރެއްވި އެވެ.

އަމީރު ވިދާޅުވި ގޮތުގައި 2016 އާއި 2017 ގައި އަތޮޅު ފިހާރަތަކުގެ ކުލި ޖަމާކޮށްދިނުމަށް ފަހު ކޮވިޑާ އެކު އޮތީ މަޑުޖައްސާލައިފަ އެވެ.

"އެކަމަކު ރައީސްގެ އެ ނިންމެވުމާ އެކު 2018 ގައި ފިހާރަތަކުގެ 34 މިލިއަން އަންނަ ހަފުތާގައި ދޫކުރެވޭތޯ މަސައްކަތް ކުރާނަން. ކުރިން އޮތީ 17 މިލިއަން ލިބޭ ގޮތަށް، އެކަމަކު ރައީސްގެ ނިންމެވުމާ އެކު ކުލީގެ ހުރިހާ ފައިސާއެއް ޖަމާކުރާނެ،" އަމީރު ވިދާޅުވި އެވެ.

ށ. އަތޮޅު ފިހާރަ: އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ދެން ލިބޭނީ ކައުންސިލަށް. -- ފޮޓޯ | މިހާރު

ށ. އަތޮޅު ފިހާރަ: އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ދެން ލިބޭނީ ކައުންސިލަށް. -- ފޮޓޯ | މިހާރު

އަތޮޅު ފިހާރަތަކަށް ކުލީގެ ގޮތުގައި 2016 ގައި ސަރުކާރުން ދޫކޮށްފައި ވަނީ 17.9 މިލިއަން ރުފިޔާ އެވެ. ޖެހިގެން އައި އަހަރު 20.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

މާލޭ ނޯތު ހާބަރު ސަރަހައްދުގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް ލިބެން ޖެހޭ ފައިސާ ލިބެމުން ނުދާތީ ބައެއް ކައުންސިލްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ ބައެއް އިދާރާތަކާ ބައްދަލުކޮށްފައިވެ އެވެ. އަތޮޅު ފިހާރަތައް، އަތޮޅު ކައުންސިލްތަކަށް ރަޖިސްޓްރީކޮށްދީ، އެތަންތަނުން ލިބޭ އާމްދަނީ ސީދާ އަތޮޅުތަކަށް ލިބޭ ގޮތް ހަދައިދިނުމަށް ކުރިން ވެސް އެދިފައިވެ އެވެ.