Roadha Mihaaru
ކޮރަޕްޝަންގެ ދޮރުތައް ބަންދުކުރަން ބަދަލު ގެނެސްފި

މާލިއްޔަތު ގަވާއިދަށް ބަދަލު ގެނެސް، ގެޒެޓްކުރަން ފޮނުވައިފިން: މިނިސްޓަރު

24 ސެޕްޓެމްބަރ 2020

މާލިއްޔަތު ގަވާއިދުން ކޮރަޕްޝަނަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރަން، އެ ގަވާއިދު މި ސަރުކާރުގައި ދެ ވަނަ ފަހަރަށް އިސްލާހު ގެނެސް ގެޒެޓުކުރަން ފޮނުވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލިއްޔަތު ގަވާއިދުން ކޮރަޕްޝަނަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރަން، އެ ގަވާއިދު މި ސަރުކާރުގައި ދެ ވަނަ ފަހަރަށް އިސްލާހު ގެނެސް ގެޒެޓުކުރަން ފޮނުވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި މިގޮތަށް ވިދާޅުވީ، މާލިއްޔަތު ގަވާއިދުގެ 10:27 ވަނަ މާއްދާ އުވައިލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ދެ ވަނަ ފަހަރަށް މިދިޔަ އަންގާރަ ދުވަހު އެ މިނިސްޓްރީގައި އެދިފައި ވަނިކޮށެވެ.

އޭސީސީން އެގޮތަށް އެދުނީ، އެ ކޮމިޝަނުން މިހާރު ތަހުގީގު ކުރާ މައްސަލަތަކުން ފާހަގަވާ ކަންބޮޑުވުންތަކާ ހެދި އެވެ. މާލިއްޔަތު ގަވާއިދުގެ އެ މާއްދާ އޮތް ގޮތުން ކޮރަޕްޝަނަށް އޮތް ރިސްކު ބޮޑުވެ، ބީލަމުގެ ވާދަވެރިކަން ގެއްލި، ހާމަކަން ކުޑަވެ ކޮރަޕްޝަން ހިންގުމުގެ ފުރުސަތު ހުޅުވޭ ކަމަށް އޭސީސީން ބުންޏެވެ.

އަމީރު ވިދާޅުވި ގޮތުގައި ކޮރަޕްޝަނަށް ހުރި ހިރާސްތައް ކުޑަކުރަން މާލިއްޔަތު ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުން އަންނަނީ ގެންނަމުންނެވެ. އޭސީސީން ފުރަތަމަ އެ މާއްދާ އިސްލާހުކުރަން އެދުމުން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބަދަލު ގެނެސް އިސްލާހު ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެ، އެ އިސްލާހު ވެސް އާއްމުކުރެއްވި އެވެ.

އިސްލާހުކުރިއިރު އޮތީ، ކޯޕަރޭޓިވް ސޮސައިޓީ އަދި ގައުމީ ޖަމިއްޔާތަކަށް ސިންގަލް ސޯސްކޮށް ދެވޭ ގޮތަށް ކުރިން ގަވާއިދުގައި އޮތް ގޮތް ބަދަލުކޮށްފަ އެވެ.

10:27 ވަނަ މާއްދާ އިސްލާހުކޮށްފައި އޮތް ގޮތް

"މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް ދައުލަތުގެ ފަރާތުން ބިޑް ކުރުމަކާ ނުލައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކާ ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްފައިވާ ސަރުކާރުގެ ހިއްސާ ހިމެނޭ ކުންފުންޏަކާ ހަވާލުކޮށްގެން އެ މަސައްކަތް ކުރެވިދާނެ އެވެ. މިގޮތުން މަސައްކަތް ހަވާލުކުރާނޭ ފަރާތެއް ކަނޑައަޅަން ވާނީ މަސައްކަތުގެ ބާވަތާއި މަސައްކަތުގެ އަގާއި މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭ ގޮތަށް އެ އޮފީހެއްގެ މާލީ ޒިންމާދާރުވެރިޔާ މި މާއްދާގެ ދަށުން އެ ފަރާތަކަށް ބީލަން ހަވާލުކުރަން ނިންމި ސަބަބު ބަޔާންކޮށް މިނިސްޓަރަށް އެ މައުލޫމާތު ހުށަހަޅައި މިނިސްޓަރުގެ ލަފާގެ މަތިން ނެޝަނަލް ޓެންޑަ ބޯޑުން ހުއްދަ ހޯދައިގެންނެ"ވެ.

އެ އިސްލާހަށް ފަހު ކަމާގުޅޭ އިދާރާތައް ގުޅިގެން މަޝްވަރާކޮށް އެ މާއްދާ އަށް އަނެއްކާވެސް އިސްލާހު ގެންނަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ މަަސައްކަތް ކުރީ ފިނޭންސް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލާއި އޮޑިޓަ ޖެނެރަލާއި އޭސީސީ ހިމެނޭ ގޮތުން ކޮމިޓީއަކުން ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

"އެ ކޮމިޓީގެ އެންޑޯސްމެންޓްއާ އެއްކޮށް މިހާރު މިގޮތަށް [ޓުވިޓާގައި އާއްމުކޮށްފައިވާ ގޮތަށް] ބަަދަލުކޮށް ގެޒެޓްކުރަން ވާނީ ފޮނުވާފައި،" އަމީރު ވިދާޅުވި އެވެ.

ގަވާއިދަށް ފަހުން ބަދަލު ގެނެސްފައި ވަނީ ކޮރަޕްޝަންގެ ފުރުސަތުތައް ކުޑަކުރަން އޭސީސީން ލަފާ ދީފައިވާ ކަންކަން ވެސް ހިމަނައިގެންނެވެ.

ގެޒެޓްކުރަން ފޮނުވާފައިވާ ގޮތް

ގެޒެޓްކުރަން ފޮނުވި ބަދަލުތަކުގައި އޮތީ، މާލިއްޔަތު ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތަސް ދައުލަތުގެ ފަރާތުން ބިޑް ކުރުމަކާ ނުލައި ހަވާލުކުރެވޭނެ ގޮތްތަކެއް ކަނޑައަޅައިފަ އެވެ.

1. ދައުލަތުން ކުރިއާލައި ރާވައިގެން ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ބޮޑެތި މަޝްރޫއުތަކުގެ މަސައްކަތް، އާއްމުކޮށް ބީލަމަށް ހުޅުވާ ނުލައި ސަރުކާރުގެ 50 ޕަސެންޓަށް ވުރެ ބޮޑު މެޖޯރިޓީ ހިއްސާއެއް އޮންނަ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓު ކޮށްފައިވާ ސަރުކާރުގެ މެޖޯރިޓީ ހިއްސާ ހިމެނޭ ކުންފުންޏަކާ ހަވާލުކޮށްގެން ކުރެވިދާނެ އެވެ.

2. މި މާއްދާގެ (ހ)ގެ 1 ވަނަ ނަމްބަރުގެ ދަށުން މަސައްކަތް ހަވާލުކުރާ ހާލަތުގައި އެ މަސައްކަތް ހަވާލުކުރާ ކުންފުނި ވާން ވާނީ އެ ކުންފުނީގެ މަސައްކަތްތަކުގެ ތެރޭގައި އެ މަސައްކަތް ހިމެނޭ ކުންފުންޏަކަށެވެ.

3. މި މާއްދާގެ (ހ)ގެ 1 ވަނަ ނަމްބަރުގެ ދަށުން މަސައްކަތް ހަވާލުކުރާ ހާލަތުގައި އެ މަސައްކަތް ހަވާލުކުރެވޭ ކުންފުނިން، އެ ކުންފުންޏާ ހަވާލުކުރާ މަސައްކަތް އެހެން ތިން ވަނަ ފަރާތަކާ ހަވާލުކޮށްގެން ނުވާނެ އެވެ.

4. މި މާއްދާގެ (ހ)ގެ 3 ވަނަ ނަމްބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން، އެ މަސައްކަތެއްގެ ބާވަތުން، ދެ ވަނަ ފަރާތަކާ ހަވާލުކޮށްގެން ނޫނީ ކުރިއަށް ނުގެންދެވޭނެ ފަދަ މަސައްކަތްތައް މި ގަވާއިދުގެ 10.09ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުއްދަ ހޯދައިގެން އެހެން ތިން ވަނަ ފަރާތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަންވާނެ އެވެ.

5. މި މާއްދާގެ (ހ)ގެ 1 ވަނަ ނަމްބަރާއި 4 ވަނަ ނަމްބަރުގެ ދަށުން މަސައްކަތް ހަވާލުކުރެވޭ ފަރާތަކީ މާލީ ގޮތުންނާއި ފަންނީ ގޮތުން ގާބިލް ފަރާތެއް ކަން ކަށަވަރުކުރަންވާނެ އެވެ.

6. މި މާއްދާގެ (ހ)ގެ 4 ވަނަ ނަމްބަރުގެ ދަށުން މަސައްކަތް ހަވާލުކުރެވޭ ފަރާތަކީ އިތުރު ތިން ވަނަ ފަރާތަކާ ހަވާލުކޮށްގެން ނޫނީ ކުރިއަށް ގެންދެވޭނެ މަސައްކަތެއް ނޫން ކަން މަސައްކަތް ހަވާލުކުރާ ފަރާތުން ކަށަވަރުކުރަންވާނެ އެވެ.

7. މި މާއްދާގެ (ހ)ގެ 1 ވަނަ ނަމްބަރުގެ ދަށުން މަސައްކަތް ހަވާލުކުރާ ހާލަތުގައި މަސައްކަތް ހަވާލުކުރާނޭ ފަރާތެއް ކަނޑައަޅާން ވާނީ މަސައްކަތުގެ ބާވަތާއި އަގާއި މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭ ގޮތަށް އެ އޮފީހުގެ މާލީ ޒިންމާދާރުވެރިޔާ މި މާއްދާގެ ދަށުން އެ ފަރާތަކަށް ބީލަން ހަވާލުކުރަން ނިންމި ސަބަބު ބަޔާންކޮށް މިނިސްޓަރަށް އެ މައުލޫމާތު ހުށަހަޅާއި މިނިސްޓަރުގެ ލަފާގެ މަތިން، މި ގަވާއިދުގެ 10:09ގެ ދަށުން ހުއްދަ ހޯދައިގެންނެވެ.

ދައުލަތަށް ތަކެއްޗާއި ހިދުމަތް ހޯދުމަށް ހަވާލުވެ ހުރި ފަރާތްތަކަށް އެ މަސައްކަތްތަކުގެ ތެރެއިން ނާޖާއިޒު ފައިދާ ނުހޯދޭނެ ގޮތަށް މާލިއްޔަތު ގަވާއިދު އޮއްވައި، އިސްލާހެއް ގެނައީ ކުރީގެ ސަރުކާރުގައި، މެއި، 28، 2015 ގަ އެވެ. މި މާއްދާ އަށް އިސްލާހު ގެނައި އެއް ބޭނުމަކީ އޭރު މި ސަރުކާރުގެ އިސްވެރިން ވެސް ތުހުމަތު ކުރެއްވި ގޮތުގައި މަޝްރޫއުތަކުން "ބޮޑެތި ކަޓު" ނެގުމަށެވެ.

ބިޑްކުރުމަކާ ނުލައި ސަރުކާރުގެ މަސައްކަތްތައް ހަވާލުކުރުމުގެ އުސޫލުން ކޮރަޕްޝަނަށް ފުރުސަތު އޮތް މިންވަރު ބަލަން ހެދި އެސެސްމެންޓަށް ފަހު އޭސީސީން މިދިޔަ އަހަރު ފިނޭންސާއި ރައީސް އޮފީހަށް ހުށަހެޅި ރިޕޯޓުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ފާހަގަކޮށްފަ އެވެ. ކޮމިޝަނުން ބުނީ މާލިއްޔަތު ގަވާއިދަށް ގެނައި އެ އިސްލާހު އޮތީ ކޮރަޕްޝަން ހުއްޓުވުމުގެ ބައިނަލްއަގުވާމީ މައިގަނޑު އުސޫލުތަކާއި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ މައިގަނޑު އަސާސްތަކާ ފުށުއަރާ، އަދި ދައުލަތުން ތަކެއްޗާއި ހިދުމަތް ހޯދުމުގައި އަގުތައް އިންތިހާ އަށް ބޮޑުވެ ހާމަކަން ގެއްލި އަދި ވާދަވެރިކަން ނެތި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށެވެ.