Roadha Mihaaru
އައިޖީއެމްއެޗާއި ޕީޖީ އޮފީހުގެ ބިޑް ކޮމިޓީ ސަސްޕެންޑްް

އައިޖީއެމްއެޗާއި ޕީޖީ އޮފީސް ހިމެނޭ ގޮތުން 298 ބިޑް ކޮމިޓީ ސަސްޕެންޑްކޮށްފި

26 ޑިސެމްބަރ 2021

ފިނޭންސް މިނިސްޓްރީން ހުއްދަ ހޯދުމެއް ނެތި އެކުލަވާލާފައިވާތީ، އައިޖީއެމްއެޗާއި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީސް ހިމެނޭ ގޮތުން 298 ބިޑް ކޮމިޓީއެއް ސަސްޕެންޑްކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ހުއްދަ ހޯދުމެއް ނެތި އެކުލަވާލާފައިވާތީ، އައިޖީއެމްއެޗާއި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީސް ހިމެނޭ ގޮތުން 298 ބިޑް ކޮމިޓީއެއް ސަސްޕެންޑްކޮށްފި އެވެ.

ދައުލަތުގެ ބީލަންތައް ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުމުގެ ގޮތުން، މި ފަހުން ހަމަޖައްސާފައި އޮންނަނީ ހުރިހާ ބިޑް ކޮމިޓީތަކަކުން ވެސް ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލްގައި ރަޖިސްޓަރީވެ ހުއްދަ ހޯދަން ޖެހޭ ގޮތަށެވެ. މި ގޮތަށް އަމަލުކުރަން އެދި އެ މިނިސްޓްރީން ސާކިއުލާއެއް ވެސް ނެރުނެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ ސަސްޕެންޑްކުރި ބިޑް ކޮމިޓީތަކުގެ ތެރޭގައި ގިނައީ ރަށްރަށުގެ ކައުންސިލްތަކެވެ. ބިޑް ކޮމިޓީތައް ސަސްޕެންޑް ކޮށްފައިވާ މުއްދަތުގައި އެއްވެސް ޕްރޮޖެކްޓެއް އެވޯޑެއް ނުކުރެވޭނެ އެވެ.

ދައުލަތުގެ އެކި އޮފީސްތަކުގެ ބިޑް ކޮމިޓީތަކުގައި ސިޔާސީ ގޮތުން އައްޔަންކުރާ މީހުންނާއި އިންތިހާބީ މަގާމުތަކުގައި ތިބޭ މީހުންނަށް ނުތިބެވޭނެ ކަމަށް މާލިއްޔަތު ގަވާއިދުގެ 10.13 ވަނަ މާއްދާއާ ހަވާލާދީ ފިނޭންސް މިނިސްޓްރީގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން ވަނީ ނިންމައިފަ އެވެ.

މި ނިންމުމާ ހަވާލާދެއްވައި ސެޕްޓެމްބަރު، 9، 2021 ގައި މިނިސްޓަރު އިބްރާހިމް އަމީރު ނެރުއްވި ސާކިއުލާގައި ވިދާޅުވެފައި ވަނީ ދައުލަތުގެ އޮފީސްތަކުން ކުރިއަށް ގެންދާ ޕްރޮކިއުމަންޓްތަކަށް ހުއްދަ ދިނުމަށްް، ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އެކުލަވާލާފައިވާ ބިޑް ކޮމިޓީތަކަކީ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް، އެ މިނިސްޓްރީން ހުއްދަ ދީފައިވާ ކޮމިޓީތަކަކަށް ވާން ޖެހޭ ކަމަށެވެ. އެ ހުއްދަ ނުދޭ ތިބި ބިޑް ކޮމިޓީތަކުން ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދަން ވެސް އެދިވަޑައިގެންފައިވެ އެވެ.

ބިޑް ކޮމިޓީތަކުގައި ސިޔާސީ މީހުންނާއި އިންތިހާބީ މަގާމުތަކުގައި ތިބި މީހުންނަށް ނުތިބެވޭނެ ގޮތަށް ހަމަޖެއްސީ ބީލަންތަކަށް ނުފޫޒު ފޯރުވުމުގެ ޖާގަ ނުދީ، މިނިވަންކޮށް ގެންދަން ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މި ބަދަލު ގެނައީ ކޮވިޑުގެ ތެރޭގައި ވެންޓިލޭޓަރުތަކެއް ގެނައުމަށް ހެލްތު މިނިސްޓްރީން ކުރި މަސައްކަތުގެ ތެރެއަށް ހިޔާނާތް ވަދެ މައްސަލަ ބޮޑުވުމުންނެވެ. އެ ކޮމިޓީގައި ގިނައިން ސިޔާސީ ބޭފުޅުން ތިއްބައި އަމަލުކުރެއްވީ މާލިއްޔަތު ގަވާއިދަށް ނުބަލައި އިސްވެރިން އަންގާ ގޮތަކަށް ކަމަށް ތަހުގީގާއި އޮޑިޓް ރިޕޯޓުން އޮތީ ފެންނާށެވެ.