Roadha Mihaaru
ލެކްޗަރާއިންގެ މުސާރަ ވެސް ބޮޑުވާނެ: މިނިސްޓަރު

ލެކްޗަރާއިންގެ މުސާރައަށް ވެސް ބަދަލު އަންނާނެ: އަމީރު

04 މެއި 2022

ތައުލީމީ ދާއިރާގެ މުސާރަތަކަށް އައި އިންގިލާބީ ބަދަލުގެ ތެރޭގައި ލެކްޗަރާ އިން ވެސް ހިމެނޭނެ ކަމަށާއި ވަރަށް އަވަހަށް ލެކްޗަރާއިންގެ މުސާރައަށް ބަދަލު އަންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ތައުލީމީ ދާއިރާގެ މުސާރަތަކަށް އައި އިންގިލާބީ ބަދަލުގެ ތެރޭގައި ލެކްޗަރާ އިން ވެސް ހިމެނޭނެ ކަމަށާއި ވަރަށް އަވަހަށް ލެކްޗަރާއިންގެ މުސާރައަށް ބަދަލު އަންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މަސައްކަތާ ނުބައްދަލު ކުޑަ މުސާރައިގެ ޝަކުވާ ކުރާތާ 15 އަހަރުވެފައި ވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގަތް ވައުދު ފުއްދަވައި ތައުލީމީ ދާއިރާގެ ބޮޑު މުސާރަތައް މިދިޔަ އާދީއްތަދުވަހު ވަނީ އިއުލާންކޮށްދެއްވައިފަ އެވެ.

މި ބަދަލުގެ ތެރޭގައި ލެކްޗަރާ އިން ނުހިމަނައި އިއުލާންކުރުމަކީ އެ ބޭފުޅުންގެ ކަންބޮޑުވުން އޮތް ކަމެކެވެ.

މިކަމާ ގުޅޭ ގޮތުން "މިހާރު"ގެ ސުވާލުތަކަށް މިނިސްޓަރު އަމީރު ވިދާޅުވީ ލެކްޗަރާއިންގެ މުސާރަ އާ އޮނިގަނޑަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މުސާރައިގެ އޮނިގަނޑު އެކުލަވާލަން އެމްއެންޔޫގެ ބޭފުޅުންނާ އެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވި ގޮތުގައި އިސްލާމިކް ޔުނިވަސިޓީއާ ވެސް އޮނިގަނޑަށް ގެންނަ ބަދަލުތައް ހިއްސާކޮށްފައިވާނެ އެވެ.

"ލެކްޗަރާ އިން އާ ޕޭ ފްރޭމް ވޯކަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމުމާ ހަމައަށް ދާނެ. ޖޮބް މެޓްރިކްސްތައް އެހެރީ ފައިނަލައިޒްވުމާ ހަމައިގައި," މިނިސްޓަރު ވިދާޅުވި އެވެ.

އެއާއެކު ވީހާވެސް އަވަހަކަށް އާ އޮނިގަނޑުގެ ދަށުން އެ މީހުންގެ މުސާރައަށް ބަދަލު އަންނާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު ދެއްވި އެވެ.

ތައުލީމީ ދާއިރާގެ މުސާރަ ބޮޑުކުރުން، އެމްއެންޔޫގެ ބައެއް ލެކްޗަރާ އިން ސިފަކުރެއްވީ އެ މީހުންނަށް ނާއުއްމީދާއި މާޔޫސްކަން ގެނުވި ކަމެއްގެ ގޮތުގަ އެވެ. ގާތްގަނޑަކަށް 10-12 އަހަރުގެ އިންތިޒާރަށް ފަހު ވެސް އާ އޮނިގަނޑުގައި އެ މީހުން ނުހިމެނުމަކީ ތައުލީމީ ދާއިރާގެ ހިދުމަތްތެރިންނަށް ނުވުންތޯ ސުވާލު އުފެއްދެވި އެވެ.

މާސްޓާސް ފުރިހަމަ ކޮށްފައިވާ ލެކްޗަރާއަކަށް ޕެންޝަނަށް ކެނޑުމަށް ފަހު ލިބެނީ މަހަކު 18،000ރ. އަށް ވުރެ މަދުންނެވެ. ޑިގްރީ ހަދާފައިވާ ލެކްޗަރާއެއްގެ މުސާރައަކީ މަހަކު 13،000ރ. އެވެ.

"އެކަމަކު މިހާރު ގެނެސްފައި އެ އޮތް ބަދަލުން ފެންނަ ގޮތުން އެވްރެޖްކޮށް ޓީޗަރެއްގެ މުސާރަ މަހަކު 21،000ރ. އަށް ވުރެ މަތި. އެއީ ފުދޭވަރެއްގެ ބޮޑު ތަފާތެއް. ޓީޗަރުން ބިނާކުރަން ތިބި މީހުންނަށް މި ލިބެނީ މާ ކުޑަ އެއްޗެއް. ޕްރިންސިޕަލަކަށް ވެސް ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރަ (35،000ރ.) އެވްރެޖްކޮށް އެބަ ލިބޭ. އަދި އެލަވަންސެއް ވެސް ދެއްވާނަމޭ އެ ވިދާޅުވަނީ. އަޅުގަނޑުމެންގެ ޔުނިވާސިޓީގެ ޕްރޮފެސަރަކަށް ވެސް ނުލިބޭނެ އެ ވަރުގެ މުސާރައެއް،" ލެކްޗަރާއަކު ވިދާޅުވި އެވެ.

ރައީސް އިއުލާންކޮށްދެއްވި ތައުލީމީ ދާއިރާގެ އޮނިގަނޑުގައި މުސާރަތައް ބޮޑުކޮށްފައި ވަނީ އިތުރު ގަޑިއާ ނުލައި ވެސް ކުރިއަށް ވުރެން ނިސްބަތުން ބޮޑުކޮށެވެ. މި ބަދަލަކީ ތައުލީމީ ދާއިރާއަށް ހައްގު މިންވަރުގެ ފެށުމެއް ކަމަށް ސަރުކާރުން ބުނެ އެވެ.

ތައުލީމީ ދާއިރާގެ އިތުރުން ސިއްހީ ދާއިރާ އާއި އެ ނޫން ވެސް ދާއިރާތަކުގައި މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.