05 ސެޕްޓެމްބަރ 2020
މިނިސްޓްރީތަކާއި ސަރުކާރުގެ އެހެން އޮފީސްތަކުގެ ބިޑް ކޮމިޓީތަކުގައި ސިޔާސީ ބޭފުޅުންނަށް ނުތިއްބެވޭ ގޮތަށް ހަމަޖައްސަވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިދިޔަ ހަފުތާގައި ވިދާޅުވެއްޖެ އެވެ.
މިނިސްޓްރީތަކާއި ސަރުކާރުގެ އެހެން އޮފީސްތަކުގެ ބިޑް ކޮމިޓީތަކުގައި ސިޔާސީ ބޭފުޅުންނަށް ނުތިއްބެވޭ ގޮތަށް ހަމަޖައްސަވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިދިޔަ ހަފުތާގައި ވިދާޅުވެއްޖެ އެވެ.
މިދިޔަ އަންގާރަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ބިޑް ކޮމިޓީތަކަށް ސިޔާސީ ނުފޫޒު ފޯރުވުން ކުޑަކުރުމަށްޓަކައި އެ ކޮމިޓީތަކުގައި މިނިސްޓްރީތަކުގެ ސިޔާސީ ބޭފުޅުންނަށް ނުތިއްބެވޭނެ ގޮތް ހަމަޖެއްސެވުމުގެ ވިސްނުން އެބަހުރި ކަމަށެވެ. މިހާރު ވެސް އެކަމުގައި އަމަލު ކުރެވޭނެ ގޮތްތަކާ މެދު ވިސްނުން ގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓްރީތަކުގެ ބިޑް ކޮމިޓީތަކަށް މެމްބަރުން އައްޔަން ކުރައްވަނީ އެ މިނިސްޓްރީއެއްގެ މިނިސްޓަރުކަމަށް ވިޔަސް ސިޔާސީ ބޭފުޅުންނަށް އެ ކޮމިޓީތަކުން ފުރުސަތު ދިނުން މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވައިދުގެ ދަށުން މިހާރު މަނަލެއް ނޫނެވެ. އެކަމަކު، ބައެއް މިނިސްޓްރީތަކުގެ ބިޑް ކޮމިޓީތަކުން އެއްގޮތަކަށް ވެސް ސިޔާސީ ބޭފުޅުންނަށް ފުރުސަތު ދީފައި ނެތަސް އަނެއްބައި ތަންތަނުގައި ސިޔާސީ ބޭފުޅުންގެ ދައުރު ބޮޑެވެ. ބައެއް މިނިސްޓްރީތަކުގެ ބިޑް ކޮމިޓީތައް ޗެއާ ކުރައްވަނީ ވެސް ސިޔާސީ ބޭފުޅެކެވެ.
ބިޑް ކޮމިޓީތަކުގެ ޗެއާއަކަށާއި މެމްބަރުންނަށް ސިޔާސީ ބޭފުޅުން އައްޔަން ކުރުމުން ސީދާ އެ މިނިސްޓްރީއެއްގެ ވަޒީރުގެ ނުފޫޒު އެ ބޭފުޅުންނަށް ފޯރާ ކަމުގެ ތުހުމަތު އަބަދުވެސް ކުރެ އެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވީ، ބިޑް ކޮމިޓީތަކުގައި ސިޔާސީ ބޭފުޅުން ނުވަތަ ސިވިލް ސާވިސްގެ މުވައްޒަފުން ތިއްބަސް އަމަލު ކުރަންޖެހޭނެ ގޮތް މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވައިދުގައި ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުގެ ވިސްނުން އެބަހުރި ރަށެއްގެ ރަށު ކައުންސިލްގެ ބިޑް ކޮމިޓީ ހަދާއިރު، އެ ރަށެއްގެ ސިވިލް ސާވިސްގެ ހުރިހާ އިދާރާއެއް އެއްކޮށްލައިގެން ވެސް ބިޑް ކޮމިޓީއެއް ހެދިދާނެއޭ. މިސާލަކަށް ސިއްހީ މަރުކަޒާއި ސްކޫލް ފަދަ ތަންތަނުގައި އުޅުއްވާ ބޭފުޅުން ހިމެނިދާނެ،" --- އަމީރު
"އެއިން ބޭރުން އެއްވެސް ބޭފުޅަކު އަމަލު ކޮށްގެން ނުވާނެ،" އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބިޑް ކޮމިޓީތަކުން ސިޔާސީ ބޭފުޅުންނަށް ފުރުސަތު ނުދޭން ނިންމަވާއިރު، ކަމުގެ ފަންނީ ބޭފުޅުން ނެތުމުގެ މައްސަލަ ބައެއް ރަށްރަށުގައި ކުރިމަތި ވެދާނެ ކަމަށެވެ. އެކަމާ މިހާރު ވެސް ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ވިސްނުން އެބަހުރި ރަށެއްގެ ރަށު ކައުންސިލްގެ ބިޑް ކޮމިޓީ ހަދާއިރު، އެ ރަށެއްގެ ސިވިލް ސާވިސްގެ ހުރިހާ އިދާރާއެއް އެއްކޮށްލައިގެން ވެސް ބިޑް ކޮމިޓީއެއް ހެދިދާނެއޭ. މިސާލަކަށް ސިއްހީ މަރުކަޒާއި ސްކޫލް ފަދަ ތަންތަނުގައި އުޅުއްވާ ބޭފުޅުން ހިމެނިދާނެ،" އަމީރު ވިދާޅުވި އެވެ.
"ކޮންމެހެން ނުޖެހޭ އެ ތަނެއްގެ މީހަކު އެ ތަނެއްގައި އިންނާކަށް ވެސް. އެހެންވީމާ އިރާދަކުރެއްވިއްޔާ މިކަން އަޅުގަނޑު ބަދަލުކުރާނަން."
ބީލަމާ ގުޅޭ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި، ނޭޝަނަލް ޓެންޑާ ބޯޑު މެދުވެރިކޮށް، ކުރިއަށް ގެންދާ ބީލަންތަކުގެ އިވެލުއޭޝަން ޚުލާސާ ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ޝާއިއު ކުރެ އެވެ. އަދި ބައެއް މިނިސްޓްރީތަކުން ވެސް ވަނީ ބިޑް އިވެލުއޭޝަންތައް އާންމު ކުރަން ނިންމައިފަ އެވެ.
މިނިސްޓަރު އަމީރު ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރުގެ އޮފީސްތަކުގެ މާލީ ކަންކަން ބެލެހެއްޓުމަށްޓަކައި މިހާރު ކުރަން ޖެހިފައިވާ އެންމެ މުހިންމު އެއް ކަމަކީ އެ ކަމަށް ޚާއްސަ މަގާމެއް އުފެއްދުމެވެ.
ކޮންމެ އޮފީހެއްގެ މާލީ ކަންކަން ބަލަހައްޓަން މާލީ ޒިންމާދާރުވެރިއަކު މިހާރު ކަނޑައަޅާފައި ވިޔަސް މިހާތަނަށް ބަލަމުން އަންނަނީ އަމީރު ދެކެވަޑައިގަންނަވާ ގޮތުގައި އެއީ މަސްއޫލިއްޔަތެއްގެ ގޮތުގަ އެވެ. ބައެއް ފަހަރު ޑެޕިއުޓީ މިނިސްޓަރު ނުވަތަ ޑިރެކްޓަ ޖެނެރަލް ނުވަތަ އެހެން މަގާމެއްގައި ހުންނަވާ ބޭފުޅަކު ވެސް މާލީ ޒިންމާދާރުވެރިޔާގެ ޒިންމާ އަދާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު، މާލީ ޒިންމާދާރުވެރިޔާ އަކީ 24 ގަޑިއިރު ބޮޑު ޒިންމާއެއް ނަގައިގެން ހުންނަންޖެހޭ ބޭފުޅެއް،" މިހާރު ކަން ހިނގަނީ އެހެން ނޫން ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވި ގޮތުގައި ސަރުކާރުގެ އޮފީސްތަކުގެ މާލީ ކަންކަން ބަލަހައްޓަން ކުރިމަގުގައި ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ ނަމުގައި މަގާމެއް އުފައްދާނެ އެވެ.
މިނިސްޓަރު އަމީރު މިދިޔަ އަންގާރަ ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަނީ: މިނިސްޓްރީތަކުގެ މާލީ ކަންކަން ބަލަހައްޓަން ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ ނަމުގައި އާ މަގާމެއް އުފައްދަވާނެ ކަމަށް ވިދާޅުވި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
"އެ މަގާމަށް ރަނގަޅު މުސާރައެއް ދޭނަން. ސީމާ ޗާޓެޑު އެކައުންޓެންޓުންނަށް ދޭ ވަރުގެ ރަނގަޅު މުސާރައެއް ދީގެން އަޅުގަނޑު ބޭނުން ބޮޑެތި މިނިސްޓްރީތަކަށް އެ މީހުން ނަގަން. މިސާލަކަށް މިނިސްޓްރީ އޮފް ފައިނޭންސްގެ ފައިނޭންޝަލް ކޮންޓްރޯލާ ހުންނަ ގޮތަށް އެ މިނިސްޓްރީތަކުގައި ހުންނާނެ ޗީފް އެކައުންޓްސް އެގްޒެކެޓިވްއެއް،" މިނިސްޓަރު ވިދާޅުވި އެވެ.
"އޭރުން އެއީ ވަކި ޒިންމާއެއްގެ ބަދަލުގައި ވަކި މަގާމެއް. މުޅި ތަން އޭނާ ބަލަހައްޓާނީ."
މިނިސްޓްރީތަކުގައި ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ ނަމުގައި މަގާމެއް އުފެއްދުމަށް މިދިޔަ ފެބްރުއަރީ މަހު މަސައްކަތް ފެއްޓެވިޔަސް ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކާ އެކު އެކަން މަޑުޖެހުނީ ކަމަށް އަމީރު ވިދާޅުވި އެވެ.
"އެކަމަކު، ޚަރަދު ދިޔަސް މިއީ މިހާރު ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑަށް ފެނުނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ، ސަރުކާރުގެ ބޮޑެތި މިނިސްޓްރީތަކުގެ ތެރޭގައި ހިމެނޭ ހެލްތު މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ ފަދަ ތަންތަނުގެ އޮޑިޓް ފަންކްޝަން ވެސް މިހާރަށް ވުރެ ހަރުދަނާ ކުރަންޖެހޭ ކަމަށެވެ. އެކަންކަން މިހާރު ވެސް ފައްޓަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލްތަކަށް
"މި ސަރުކާރުގެ ދަރަންޏަކީ 34 ބިލިއަން ރުފިޔާ"
ޕްރޮޖެކްޓްތައް ލަސްވާ ނަމަ މުވައްޒަފުން ވަކިކުރަނީ
ވެކްސިން ގަންނަން ސީރަމް އިންސްޓިޓިއުޓާއެކު ސޮއިކުރަނީ
ވޯލްޑް ބޭންކުން ލަފާ ދެނީ މަޝްރޫއުތައް ފަސްކޮށްލަން
ކޮރަޕްޝަންގެ ދޮރުތައް ބަންދުކުރަން ބަދަލު ގެނެސްފި
އަންނަ އަހަރަށް ހުށަހަޅާނީ ކުޑަ ބަޖެޓެއް: އަމީރު
ވެންޓިލޭޓަރުތައް ނުލިބިއްޖެ ނަމަ ފައިސާ ހޯދާނެ: އަމީރު
ގެރެންޓީއާ ނުލައި ފައިސާދޭން ހުއްދައެއް ނުދެން: އަމީރު
20،000ރ. އަށް ވުރެ މަތީގެ މުސާރަތައް ކުޑަކޮށްފި