Roadha Mihaaru
އަދީބު 20 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

އަދީބު 20 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

05 އޮކްޓޯބަރ 2020

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 20 އަހަރަށް ޖަލަށްލައި، ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 20 އަހަރަށް ޖަލަށްލައި، ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ހަތް ދައުވާއެއް ދައުލަތުން އުފުލި އެވެ. އެއީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާ އަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑްރިންގެ ދެ ދައުވާ އެކެވެ. ދައުވާތަކަށް އެއްބަސްވެ ވަޑައިގަތުމުން އަދަބު ލުއިކޮށްދޭ ގޮތަށް ދައުލަތާއި އަދީބާ އެކު ހެދި އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ހުރިހާ ދައުވާތަކަށް ވެސް އަދީބު ވަނީ ކޯޓުގައި ކުރިން އެއްބަސްވެ ވަޑައިގެންފަ އެވެ.

އަވަސް ނިޔާއިން އެ މައްސަލައިގެ ހުކުމް އިއްވަން މިރޭ ބޭއްވި ޝަރީއަތުގައި އެ މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ވިދާޅުވީ، މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ވަކީލުގެ ހާޒިރުގައި ދައުވާތަކަށް އެއްބަސްވެ ވަޑައިިގެންފައިވާތީ އަދީބުގެ އިއުތިރާފުން އެ ދައުވާތައް ސާބިތުވާ ކަމަށެވެ. ދައުލަތާއި އަދީބާ އެކު ހެދި އިއުތިރާފްގެ އެއްބަސްވުމުގައި ސޮއިކުރީ އެއްވެސް މަޖުބޫރު ކަމެއް ނެތި ކަމަށް އަދީބު ވިދާޅުވެފައިވާތީ އެ އެއްބަސްވުން ކޯޓުން ބަލައިގެންފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެކަންކަން ފާހަގަކޮށް، ވަކިވަކިން އިއްވި ހުކުމުތަކުގައި އަދީބު ޖުމުލަ 20 އަހަރަށް ޖަލަށްލުމުގެ އިތުރުން ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ މިއަދުން ފެށިގެން އެއް މަސް ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ) އަށް ދައްކަން ވެސް ހުކުމްކުރި އެވެ.

ކޮންމެ ދައުވާއެއްގެ ހުކުމް ވަކިވަކިން އިއްވިއިރު، ރަށްތަކާއި ފަޅުތަކުގެ މުއާމަލާތްތައް ގިނަކަމުން ކޮންމެ ހުކުމެއް އިއްވަން ބައި ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވި އެވެ.

އަދީބަށް ޖަލު ހުކުމްތައް އިއްވި ގޮތް:

- ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދައުވާ: ހަތަރު އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށް.

- ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެވަނަ ދައުވާ: ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހަށް ޖަލަށް.

- މަނީ ލޯންޑްރިންގެ ދައުވާ: ފަސް އަހަރާއި 11 މަހުގެ ޖަލު ހުކުމާއި އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ.

- މަނީ ލޯންޑްރިންގެ ދެވަނަ ދައުވާ: ފަސް އަހަރާއި 11 މަހަށް ޖަލަށްލުމާއި އެއް މިލިއަންގެ ޖޫރިމަނާ.

- މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައި ދިނުން: އެއް މަހާއި 15 ދުވަހަށް ޖަލަށް.

- މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުން: ހަ މަހަށް ޖަލަށް

- ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ: ތިން މަހަށް ޖަލަށް.

ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އަދީބުގެ މައްޗަށް ކުރީ އޭނާ ނައިބު ރައީސް ކަމާއި ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އަދީބު އެންގެވި ފަރާތްތަކެއްގެ އެކައުންޓްތަކަށް ޖަމާކޮށް، އެ ފައިސާތަކަށް ޚިޔާނާތްތެރިވެފައިވާތީ އެވެ.

މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާކުރީ ބިޑް ކުރުމެއް ނެތި ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށް، ބަޔަކަށް ނުހައްގު ފައިދާތަކެއް ހޯދައި ދީފައި ވާތީ އެވެ. މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ ރަށްތަކާއި ފަޅުތައް ދޫކޮށްގެން ލިބެންޖެހޭ 59 މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަން އެނގިވަޑައިގެން ހުންނަވައި، އަދީބުގެ ބެލުމުގެ ދަށުގައި އެ ފައިސާ ބަހައްޓައި، އެ ފައިސާތައް ބޭނުން ކުރައްވާފައިވާތީ އެވެ.

އަދީބު 20 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، އޭނާ ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވާނީ 19 އަހަރުގެ މުއްދަތެކެވެ. އެއީ އެ މައްސަލަތަކާ ގުޅިގެން އޭނާ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ބަންދުގައި ހުންނެވި މުއްދަތު ހުކުމުގެ މުއްދަތުން އުނި ކުރުމުންނެވެ.

މީގެ ކުރިން ތަފާތު ތިން މައްސަލައެއްގައި އަދީބު 33 އަހަރަށް ޖަލަށްލިޔަސް، ހައި ކޯޓާއި ސުޕްރީމް ކޯޓުން އެ ހުކުމްތައް ފަހުން ވަނީ ބާތިލްކޮށްފަ އެވެ.