01 އޯގަސްޓް 2021
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ރިޝްވަތުގައި ހިފުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލައިގައި އެ މަނިކުފާނާ ދެކޮޅަށް ދައުލަތުން މިއަދު 86 ހެއްކެއް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ރިޝްވަތުގައި ހިފުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލައިގައި އެ މަނިކުފާނާ ދެކޮޅަށް ދައުލަތުން މިއަދު 86 ހެއްކެއް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް ދައުލަތުން ކުރަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.
ދައުލަތުގެ ދައުވާގައި ވަނީ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް 1.3 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލު ކުރައްވައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުނީގެ އެކައުންޓަކަށް އޭގެ ތެރެއިން 1.1 މިލިއަން ޑޮލަރު އަދި އެ ފައިސާ ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުރި އެކައުންޓަކަށް ޖަމާކުރައްވައި ރިޝްވަތު ގަބޫލު ކުރެއްވި ކަމަށެވެ.
އޭގެ ފަހުން، ޔާމީންގެ ނަމުގައި ހުރި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް އެ ފައިސާ ބަދަލުކޮށް 36 މަސް ދުވަހަށް އިންވެސްޓް ކޮށްފައިވާ ކަމަށް ދައުވާގައިިވެ އެވެ. އެހެންވެ، އެ ފައިސާ ދައުލަތަށް ނަގައިދޭން ވެސް ދައުލަތުން އެދުނެވެ.
އެ މައްސަލައިގައި މިއަދު ހެނދުނު 9:00 އަށް ތާވަލުކޮށްގެން ބޭއްވީ ދެ ފަރާތުން ވެސް ހެކި ހާމަކުރުމަށް ބޭއްވި އަޑުއެހުމެކެވެ.
ހެކި ހާމަކުރަމުން ދައުލަތުން ބުނީ، ދެ ދައުވާ އަށް ވެސް ހުށަހަޅާފައި ވަނީ އެއް ހެކިތަކެއް ކަމަށެވެ. ޝަފަވީ އަދި ކިތާބީ ހެކި ހިމެނޭޙެން ޖުމުލަ 86 ހެއްކެއް ހާމަ ކުރި އެވެ. ނަމަވެސް، ވަގުތު ސަލާމަތް ކުރުމަށް އެ ހެކިތައް ހުށަހަޅާ ސަބަބުތަކެއް ދައުލަތުން ބަޔާނެއް ނުކުރެ އެވެ.
ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް)، ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް ހިމެނެ އެވެ.
ޔާމީންގެ މައްޗަށް ފަސް އަހަރުގެ ހުކުމް އިއްވި ވޮޑަމުލާ މައްސަލައިގައި ވެސް އަދީބާއި ޒިޔަތަކީ ދައުލަތުގެ މުހިންމު ހެކިވެރިންތަކެކެވެ.
ދައުލަތުގެ ޝަފަވީ ހެކިންގެ ތެރޭގައި ދެން ހިމެނެނީ ލ. ދަނބިދޫ އަފްޒާ އަހުމަދު އާމިރު، މއ. ސާނީވިލާ މުހައްމަދު ޝިފާއު، ރ. އިނގުރައިދޫ ބުލްބުލާގޭ މުހައްމަދު ހުސެއިންފުޅު، ހ. ވެހެލި އަހުމަދު ޝާއިގު، މއ. ޕޮމްޕިއާ އަހުމަދު ރަޝީދު، ހ. ލެވެންލީ އަހުމަދު ޝާކިރު އަދި ތަހުގީގުގައި ބައިވެރިވި ބައެއް ފުލުހުންނެވެ.
ކިތާބީ ހެކީގެ ތެރޭގައި އެމްއެމްޕީއާރްސީއާއެކު ބަދަލު ކުރި ސިޓީތަކަކާއި ޓްރާންސެކްޝަންތަކާ ގުޅޭ ގިނަ އަދަދެއްގެ ލިޔުންތައް ހިމެނެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މީގެ ކުރިނ ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ފަހު އަނބުރާ ޖަލަށް ގެންދަނީ -- ފޮޓޯ: ނިޝާން އަލީ/މިހާރު
ޔާމީންގެ ފަރާތުން ހެކި ހުށަހެޅުއްވި، ވަކީލު އާދަމް ޝަމީމް ވިދާޅުވީ، އެ މަނިކުފާނުގެ ފަރާތުން ވެސް ދެ މައްސަލަގައި ހިމެނެނީ އެއް ހެކިތަކެއް ކަމަށެވެ. އެގޮތުން ފަސް ޝަފަވީ ހެއްކަކާ ޖުމުލަ 30 ހެއްކެއް ހުށަހެޅުއްވި އެވެ.
ޔާމީންގެ ފަރާތުން ދިފާއުގައި ބުނަނީ އެއީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށެވެ. އަދި ޑޮލަރު ގަތުމަށް ސިޔާމް ފައިސާ ހަވާލުކުރި ކަމަށް ބުނާ އަބްދުﷲ ރަޝީދާއި އެ މުއާމަލާތް ހިނގި އިރު ހެކިވެރިންގެ ގޮތުގައި ތިބި ކަމަށް ބުނާ މާލޭގެ މިހާރުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި ގއ. ކޮލަމާފުށި ޝުއާއުﷲ ސައީދު ހެކިންގެ ގޮތުގައި ހުށަހަޅައިފައިވެ އެވެ. ހަމަ އެކަން ސާބިތު ކުރުމަށް ސަން ސިޔާމްގެ ނަން ވެސް ހެކިންގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.
ޔާމީންގެ ފަރާތުން ހުށަހެޅި ފަސް ވަނަ ޝަފަވީ ހެއްކަކީ ކްރިކް ރިޒާ އެވެ. ދައުލަތުން ތުހުމަތުކުރާ ގޮތުގައި ޔާމީން ރިޝްވަތު ނެންގެވީ ކްރިކް ރިޒާ މެދުވެރިކޮށެވެ. އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅީ ދައުލަތުން ބުނާ ފަދަ އެއްވެސް މުއާމަލާތެއް ޔާމީނާއެކު ނުހިނގާކަން ސާބިތު ކުރަން ކަމަށް ވަކީލު ޝަމީމް ވިދާޅުވި އެވެ.
ދިފާއުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ތަހުގީގާ މެދު ސުވާލު އުފައްދަން ހުށަހެޅި ލިޔުންތަކާއި އަދީބާއި ޒިޔަތުގެ ހެކިބަހުގެ ސައްހަކަމާ މެދު ސުވާލު އުފައްދައި ހުށަހެޅި ލިޔުންތައް ހިމެނެ އެވެ.
މިއަދުގެ ޝަރީއަތުގެ އަޑުއެހުމަށް ފަހު، ޔާމީން ގެކޮޅަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ.
ދައުލަތުގެ ހެކިވެރިންގެ ތެރޭގައި އަދި ޔާމީންގެ ހެކިންގެ ތެރޭގައި ވެސް ސަން ސިޔާމް ހިމެނޭ އިރު، އެ ދެ ބޭފުޅުންނަކީ ކުރިން ސިޔާސީީ ގޮތުން ވަރަށް ގާތް ބޭފުޅުންނެވެ. ޔާމީން ވެރިކަމުގައި ހުންނެވި އިރު ސިޔާމްގެ އެމްޑީއޭ އާއި ޕީޕީއެމް ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރިޔަސް، 2018 ގެ ރިޔާސީ އިންތިހާބާ ކައިރިކޮށް، ސިޔާމް ވަނީ ސިޔާސީ ގޮތުން ޔާމީނާ ދުރަށް ވަޑައިގެންފަ އެވެ.
މިއަދުގެ އަޑުއެހުން ފެށުމުން ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒު ވަނީ އެ މައްސަލައާ ގުޅޭ އޭސީސީގެ ރިޕޯޓެއް ލިބިފައި ނުވާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެ ރިޕޯޓު ޝަރީއަތް މެދުވެރިކޮށް ހޯދަން އެދި ޔާމީންގެ ފަރާތުން ކޯޓަށް ޖޫން 30 ގައި ސިޓީއެއް ފޮނުވި ކަމަށާއި އެކަމަކު އަދިވެސް އެދިފައިވާ ލިޔުން ނުލިބޭ ކަމަށް ވިދާޅުވި އެވެ. ދައުލަތުން ދޭން ޖެހޭ ލިޔުންތަކެއް ނުދެނީސް ދައުވާ އިން ދިފާއު ނުވެވޭނެ ކަމަށް ވިދާޅުވެ ވަކީލު ޝިޔާޒު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އެ ރިޕޯޓު ހޯދަން ޝަރީއަތުން ފުރުސަތު ދިނަސް، ދިފާއީ ވަކީލުން އެދުނު ގޮތަށް މިއަދު އެކަމާ ހެދި ހެކި ހުށަހެޅުމުގެ ބައި މަޑުނުޖައްސަން އިސް ގާޒީ އަހުމަދު ޝަކީލު ނިންމެވި އެވެ.
މިއަދުގެ އަޑުއެހުމުގައި ޔާމީންގެ ފަރާތްޕުޅުން ވަގުތު ބޭކާރު ކުރަން އުޅުއްވާ ކަމަށް ދޭހަވާ ގޮތަށް ދައުލަތުން ވާހަކަ ދައްކާފައިވާ ކަމަށް ވިދާޅުވެ، ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ރެެ އާއި ދުވާލު ހޭލާ ތިއްބަވައިގެން ވެސް ޝަރީއަތް ކުރިއަށް ގެންދަން ދައުލަތުން ބޭނުން ނަމަ އެކަމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ޝަރީއަތުގެ ކުރިން ހުށަަހަޅާ ހުށަހެޅުންތަކައް ހުށަހަޅަން 10 ދުވަހުގެ މުއްދަތެއް އިސް ގާޒީ ޝަކީލު ދެއްވި އެވެ. އަދި ދެން އަޑުއެހުމެއް އޮންނާނީ މި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު ކަމަށް އިއުލާނު ކުރެއްވި އެވެ.
މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މި އަހަރުގެ ޖެނުއަރީ ހަތް ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައ ޔާމީން ވަނީ ދައުވާތަކަށް އިންކާރު ކުރައްވައިފަ އެވެ.
ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. އެ ހުކުމް ޔާމީންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.
އާރަށް މައްސަލަ: ޔާމީނާއި އަދީބުގެ ކޯލް ރިކޯޑިންތަކެއް
ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތް މަޑުޖައްސާލައިފި
"ޑޮލަރު ގަތީ ކަމަށް ބުނެ ޔާމީނަށް ފައިސާދިން"
ސިޔާމާއި މައުރޫފް ހެކިބަސް ދޭން ބޭނުމެއް ނުވި
ފުއްގިރި ޝަރީއަތް ވަކީލުންގެ ރުހުމާއެކު މާދަމާ ވެސް
ކޮމިޝަން ލިބެންދެން ފުއްގިރި ޑީލް ފަސްކުރި: އަދީބު
ފުއްގިރި މައްސަލައަށް ސަން އިންވެސްޓްމަންޓުން އިންކާރު
ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
އަދަބާ ބެހޭގޮތުން ޔާމީންގެ ބަހެއް ނެތް
ޔާމީންގެ ގެކޮޅުގައި 15 މިލިއަން ގުނީ އަތުން: ނަރީޝް