12 ޖޫން 2023
ކްލެސިކް ސިޓީ ހޯލްޑިން އަށް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުން، އެ ޑީލްގައި ކޮމިޝަން ނުލިބޭތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގަތުމުން އެތައް ފަހަރަކު ފަސްކުރި ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެ އެވެ.
ކްލެސިކް ސިޓީ ހޯލްޑިން އަށް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުން، އެ ޑީލްގައި ކޮމިޝަން ނުލިބޭތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގަތުމުން އެތައް ފަހަރަކު ފަސްކުރި ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރްސީ ޚިޔާނާތުގައި އެކި ކުށްތައް ސާބިތުވެ ޖަލު ހުކުމުގައި ހުންނެވި އަދީބު މިހެން ވިދާޅުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ އަހްމަދު ކްރިކް ރިޒާ ލައްވައި ރިޝްވަތުގެ ގޮތުގައި 1.3 މިލިއަން ޑޮލަރު ގަބޫލުކޮށް އޭގެ ތެރެއިން 1.1 މިލިއަން ޑޮލަރު ސަން ކުންފުނީގެ ދެ އެކައުންޓެއް މެދުވެރިކޮށް ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެެ އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާގައި ހެކިބަސް ދެއްވަމުންނެވެ.
ހެކިބަސް ދެއްވަން ފެއްޓެވުމުގެ ކުރިން ދެއްވި ތައާރަފްގައި އަދީބު ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު ކަމަށް އޭނާގެ ނަން ހުށަހެޅީ ޔާމީންގެ ސިޔާސީ ޕާޓީ ޕީއޭގައި ޓެކްނިކަލް މަސައްކަތްކުރަން އުޅުއްވި ދުވަސްވަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމާ އެކުގައި ކަމަށެވެ. އެއީ ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ކުރަންޖެހޭ ކަންކަން ކުރާ ގޮތަށް ކަމަށް ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ ނައިބު ރައީސްކަމުގައި ވެސް ހުންނެވީ ޓޫރިޒަމް މިނިސްޓްރީ ހިންގުމުގެ ޒިންމާތަކާ އެކުގައި ކަމަށައި އެކަމަކު ނައިބު ރައީސްއާ މިނިސްޓްރީތައް ހަވާލުކުރުމަކީ އާންމުކޮށް ކުރާ ކަމެއް ނޫން ކަމަށެވެ. އެކަމާ ސުވާލު އުފެދިގެން ޔާމީނާ ސުވާލުކުރި ކަމަށާއި އެކަމަކު ޓޫރިޒަމް ހިންގޭނީ އަދީބު ހުރެގެން ކަމަށް ޔާމީން ވިދާޅުވި ކަމަށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ޝަރީއަތުގެ މަޖިލީހަށް އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ހާޒިރުކޮށް ހެކިބަސް ނަގަނީ
މި ޒިންމާތައް އަދާކުރެއްވުމުގައި ހުންނެވި އިރު، އިންޑިއާގެ ވަރަށް ވަރުގަދަ ބަޔަކު އަންނާނެ ކަމަށާއި އެ މީހުންނަށް 2.5 މިލިއަނަށް ފުއްގިރި ދޭން ރަނގަޅުވާނެ ކަމަށް ޔާމީން ވިދާޅުވި ކަމަށެވެ. އިންޑިއާ މީހުންނާ ބައްދަލުކުރަން ޔާމީން ވިދާޅުވުމުން ބޭއްވި ބައްދަލުވުމުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް އަދީބު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ބައްދަލުވުމުގައި 2.5 މިލިއަނަށް އަގު ކަނޑައަޅައި އެއްބަސްވި ކަމަށެވެ. އެހެންވެ އޭގެ ފަހުން އިންޑިއާ ކުންފުނިން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅި ކަމަށާއި އޭގައި އޮތީ އެ އަގަށް އަދި ފައިސާ ދައްކަން ކުރިން ވެސް ބުނި ގޮތަށް ކަމަށް ވިދާޅުވި އެވެ. އަދީބު ވިދާޅުވި ގޮތުގައި މި މުއާމަލާތުގެ ތެރޭގައި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމްގެ އެމްޑީއޭގެ މެންބަރު، އޭރު ކެނދިކުޅުދޫ ދާއިރާގެ އަލީ މައުރޫފާއި އެ ޕާޓީގެ އެހެން ބޭފުޅެއް ކަމަށްވާ އަހްމަދު ސާލިމްއާ އެކު ވެސް ބައްދަލުކޮށްފައިވާނެ ކަމަށެވެ.
މިގޮތަށް ހުށަހެޅުން އައިސްފައި ވަނިކޮށް އަގު ބަދަލުުކުރުމާ ބެހޭ ގޮތުން ޔާމީން ވިދާޅުވެގެން ކަމަށް ބުނެ ކްރިކް ރިޒާ ވާހަކަ ދެއްކި ކަމަށާއި އަގު 400،000 ޑޮލަރަށް ދަށްކުރުމަށާއި އެޑްވާންސަށް 150،000 ޑޮލަރު ނެގުމަށް އެދިފައިވާ ކަމަށް އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ފަރާތުން އެނގުނު ކަމަށް ވިދާޅުވި އެވެ.
ޔާމީން ދެންނެވި ދުވަހުގެ ހެނދުނު ސޮއިކުރަން ހަމަޖެއްސި ނަމަވެސް އެ ދުވަހު ވެސް ކްރިކް ރިޒާ ކޮންފަމޭޝަނެއް ދިނުމުން ނޫނީ ސޮއި ނުކުރަން އެންގެވި: އަދީބު
ޒިޔަތު މިގޮތަށް އެންގުމުން ޑީލް ކުރިއަށް ނުގެންގޮސް މަޑުކުރަން ޒިޔަތަށް އެންގެވި ކަމަށާއި އެކަން ހުއްޓުވުމަށް ފަހު އެ އަގު މާ ކުޑަ ކަމަށް ޔާމީނަށް ދަންނަވާފައި ވާނެ ކަމަށް އަދީބު ވިދާޅުވި އެވެ. މިހެން ދެންނެވުމުން ޔާމިން ވަނީ "އަނެއްބައި" ބޮޑުކޮށް ލިބޭނީ އަގު ކުޑަކޮށްގެން ކަމަށް ވިދާޅުވެފައި ކަމަށް އަދީބު ވިދާޅުވި އެވެ. އެ ވިދާޅުވި "އަނެއްބައި" އެއީ ކޮން ވާހަކައެއްތޯ ދައުލަތުން ސުވާލުކުރުމުން އެއީ ކޮމިޝަން ކަމަށާއި އެ ފައިސާ ކްލެސިކް ސިޓީން އަންނާނީ ޔާމީނާ ހިސާބަށް އަންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށް އަދީބު ހެކިބަސް ދެއްވި އެވެ.
މި ފައިސާ ގެންނާނީ ކިހިނެއްތޯ ޔާމީނާ ސުވާލުކޮށްފައި ވާނެ ކަމަށާއި އެހެން އެހުމުން ކްރިކް ރިޒާ އާއި ސިޔާމްމެން އެކަން ހަމަޖައްސާނެ ކަމަށް ޔާމީން ދެންނެވި ކަމަށް ހެކިބަހުގައި ވިދާޅުވި އެވެ. އެހެން ޔާމީން ދެންނެވުމުން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރުން ރަނގަޅު ނުވާނެ ކަމަށް ދެންނެވިން ކަމަށް ވެސް އަދީބު ވިދާޅުވި އެވެ. އަދީބު މި ވާހަކަ ދެއްކެވި އިރު، މާފުށި ޖަލުން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެ ވަޑައިގެން އިންނެވި ޔާމީން ހިނިފުޅުވަޑުވަމުން ގެންދިޔަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ޝަރީއަތުގެ މަޖިލީހުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގަންނަވަނީ
އަދީބު ވިދާޅުވި ގޮތުގައި ރަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން ޔާމީންގެ ވިދާޅުވެގެން ފަސްކުރަމުން ގޮސް ޔާމީން ދެންނެވި ދުވަހުގެ ހެނދުނު ސޮއިކުރަން ހަމަޖެއްސި ނަމަވެސް އެ ދުވަހު ވެސް ކްރިކް ރިޒާ ކޮންފަމޭޝަނެއް ދިނުމުން ނޫނީ ސޮއި ނުކުރަން އެންގެވި ކަމަށެވެ. އެ ދުވަހު އެ ކޮންފަމޭޝަން ލިބުނީ މެންދުރު ފަސްވި ފަހުން ކަމަށާއި އެހެންވެ ސޮއިކުރީ ހަވީރުވި ފަހުން ކަމަށް ވިދާޅުވި އެވެ.
ސޮއިކުރުމުގެ ކަންކަމުގައި ބޭރު ކުންފުނީގެ ފަރާތުން ވަކީލުންގެ ގޮތުގައި އައީ ޝުއައިބް ޝާހްގެ ލޯ ފާމުން ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސްއާ ގުޅައިގެން ރަށްތައް ދޫކުރަނީ ކީއްވެތޯ އެހުމުން އަދީބު ވިދާޅުވީ އެއީ ރައީސް ވިދާޅުވެގެން ދޭ ރަށަކަށް ވާތީ ކަމަށާއި އެކަމުގައި އުޅުނީ ރާއްޖޭގެ ރެޕިއުޓެޑް ލޯފާމެއް ކަމަށްވާ ޝުއައިބް ޝާހްގެ ފަރާތުން ކަމަށް ވުމާއި ވަރުގަދަ އިންވެސްޓަރުންތަކަށް ވުމީ ވެސް މިކަން އަވަސްކުރި ސަބަބެއް ކަމަށް އަދީބު ވިދާޅުވި އެވެ. އަދީބު ވަނީ ރަށްތައް ދޫކުރާ އުސޫލެއް އޮތަސް އިންވެސްޓަރުން ރައީސަށް ނުވަތަ ރައީސްގެ އަރިސް ބޭފުޅުންނަށް ގުޅައިގެން އުސޫލުގެ ބޭރުން ކަންކަން ކުރަމުން ދިޔަ ކަމަށެވެ. މި ކަންކަން ހިނގަމުން ދިޔައީ ރައީސްގެ ރުހުމާއި ބައިވެރިވުމާ އެކުގައިތޯ އެހުމުން އަދީބު ވަނީ އެކަން ހިނގީ އެހެން ކަމަށް ވިދާޅުވެފަ އެވެ.
އަދީބު މިއަދު ވިދާޅުވި ގޮތުގައި މި މައްސަލާގައި އޭނާ ހެކިބަސް ދެއްވާ ގޮތަކުން އޭނާ އަށް ވާނެ މަންފާއެއް ނޯންނާނެ އެވެ. އަދި މައްސަލައިގެ ހުކުމް ކޮންމެ ގޮތަކަށް އަޔަސް ލިބޭނެ ފައިދާއެއް އަދި ގެއްލުމެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވި އެވެ. ދައުލަތާ އެކު އެއްބަސްވުމެއް ހަދާފައި ވަނީ އޭނާ ވިދާޅުވި ގޮތުގައި އެނގި ހުރި މިންވަރަކުން ތެދު ބަހުން ހެކިބަސް ދިނުމަށެވެ.
މިއަދު އެންމެ ކުރިން ހެކިބަސް ދެއްވި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހެކިބަސް ދެމުން ވިދާޅުވީ ފުއްގިރި ކުއްޔަށް ދިނުމުގެ ކަންކަން ކުރީ އަދީބު އެންގެވި ގޮތަށް ކަމަށެވެ. އަދި މި ރަށުގެ މުއާމަލާތްތަކުގައި ބްރޯކަރެއްގެ ގޮތުގައި އުޅުނީ ކްރިކް ރިޒާ ކަމަށެވެ.
ޒިޔަތު ވިދާޅުވީ އާރަށުގެ މުއާމަލާތުގައި ކްރިކް ރިޒާ ބޭއްވި ބައްދަލުވުންތަކުގައި އެއީ ޔާމީން އުޅުއްވާ ކަމެކޭ، އަގު މާ ބޮޑު ނުކުރުމަށް އެދުނު ކަމަށެވެ. އަދި ހަމަ އެގޮތަށް އަދީބުގެ ފަރާތުން ވެސް އެނގުނު ކަމަށް ވިދާޅުވި އެވެ.
ޒިޔަތު ވެސް ވަނީ ފުއްގިރި އަށް އެންމެ ފުރަތަމަ ކަނޑައެޅީ ހަތަރު ލައްކަ ޑޮލަރު ކަމަށާއި އެކަމަކު އެގޮތަށް ކަނޑައެޅި އޮފަ ލެޓަ އާރަށް ދޫކުރި ކްލެސިކް ސިޓީ ހޯލްޑިން އަށް ފޮނުވި ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވެފަ އެވެ. މި އަދަދު މާ ކުޑަ ކަމަށް ބުނުމުން ފަހުން 2.5 މިލިއަން ޑޮލަރަށް އަގު ބޮޑުކުރި ނަމަވެސް ފަހުން ނިންމީ 1.55 މިލިއަން ޑޮލަރަށް ކަމަށް ޒިޔަތު ވިދާޅުވި އެވެ. އެއީ ޒިޔަތު ވިދާޅުވި ގޮތުގައި ޔާމީންގެ ވެސް އެޕްރޫވަލްއާ އެކު ކަނޑައެޅި އަގެއް ކަމަށް އަދީބު ވަނީ ވިދާޅުވެފަ އެވެ.
މި މުއާމަލާތް ކުރިއަށް ދިޔައިރު ރަށުގެ އެއްބަސްވުމުގައި ސޮއިކުރުން ލަސްވެގެން ޔާމީން މެސެޖު ކުރެއްވި ކަމަށާއި އެކަން ވީ އެންމެ އަވަހަކަށް ނިންމާނެ ކަމަށް ދަންނަވާފައި ވާނެ ކަމަށް ޒިޔަތު ވިދާޅުވި އެވެ.
ދައުލަތާ އެކު އެއްބަސްވުމެއް ނޯންނާނެ ކަމަށް ވިދާޅުވެ ހެކިބަސް ދެއްވި ޒިޔަތު ވެސް ވިދާޅުވި ގޮތުގައި ފުއްގިރި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ނިންމައި އެންމެ ފުރަތަމަ ބޭއްވި ބައްދަލުވުން ކްރިކް ރިޒާ އެދިގެން ފަސްކުރަން ޖެހުނެވެ. އެއީ އެއްބަސްވުމުގެ ބޭރުން ކްރިކް ރިޒާއަށް ލިބެންޖެހޭ ފައިސާ އެކައުންޓަށް ޖަމާނުވާތީ ކަމަށް ބުނި ކަމަށާއި ސޮއިކުރި ދުވަހު ވެސް އެ ފައިސާ ޖަމާވަންދެން މަޑުކުރި ކަމަށް ވިދާޅުވި އެވެ.
ޒިޔަތުގެ ހެކިބަހަށް ފަހު ދިފާއުން ކުރި ސުވާލުތަކަށް ޖަވާބު ދިނުމަށް މިއަދު ހަ ގަޑިއިރު ހޭދަވި އެވެ. އަދި އަދީބު ހެކިބަހަށް އެކަނި ވެސް 11 ގަޑިއިރު ހޭދަވި އެވެ.
އަދީބާއި ޒިޔަތުގެ ހެކިބަސް އެއް ދުވަހެއްގައި ނަގަނީ
ޔާމީންގެ ޝަރީއަތް: ދައުލަތުން 86 ހެއްކެއް
އަދީބާއި ޒިޔަތުގެ ހެކިބަސް އިންސާފަށް މުހިންމު: ޕީޖީ
ޔާމީން-އަދީބުގެ ކޯލްތައް: ކޮންއިރެއްގެ ކޮންވާހަކައެއް؟
ޔާމީނާއި އަދީބުގެ ފޯން ކޯލްތައް އިއްވަން ގާޒީ ދެކޮޅު
"އާރަށް ދިނީ އަދި އަގު ކުޑަކުރީ ޔާމީންގެ އެންގުމަށް"
"ޔާމީނަށް ފައިސާދިން ކަމަށް ޔޫސުފް ނައީމް ވިދާޅުވި"
ޔާމީންގެ ޝަރީއަތް: އަދީބާއި ޒިޔަތުގެ ހެކިބަސް މާދަމާ
ޔާމީންގެ ޝަރީއަތެއް ނެތް؛ ގާޒީ ޗުއްޓީއަށް
ޔާމީނާ އެއް މިލިއަން ރުފިޔާ ހަވާލުކުރިން: އޮއިއްޓޭ