06 ސެޕްޓެމްބަރ 2022
އަހްމަދު އަދީބު ނައިބު ރައީސް ކަމުގެ މަގާމަށް އައްޔަންކުރުމުގެ ކުރިން ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އިރު ވެސް އެކި ރަށްތައް އެކި މީސްމީހުންނަށް ދިނުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުފޫޒު ފޯރުއްވިކަން ސާބިތުކޮށްދޭން ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ފޯންކޯލްތައް ޝަރީއަތުގައި އިއްވަން ގާޒީ މިއަދު ދެކޮޅު ހައްދަވައިފި އެވެ.
އަހްމަދު އަދީބު ނައިބު ރައީސް ކަމުގެ މަގާމަށް އައްޔަންކުރުމުގެ ކުރިން ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އިރު ވެސް އެކި ރަށްތައް އެކި މީސްމީހުންނަށް ދިނުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުފޫޒު ފޯރުއްވިކަން ސާބިތުކޮށްދޭން ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ފޯންކޯލްތައް ޝަރީއަތުގައި އިއްވަން ގާޒީ މިއަދު ދެކޮޅު ހައްދަވައިފި އެވެ.
ފޯން ކޯލް ޝަރީއަތުގައި އިއްވުމަށް ދައުލަތުން އެދުމާ އެކު ޔާމީންގެ ވަކީލުން ވިދާޅުވީ ދައުވާ އަކީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަގައި މަނީ ލޯންޑަކުރުން ކަމަށާއި އެކަން ހިނގި ކަމަށް އޮތީ 2015 އިން ފެށިގެން ކަމަށެވެ. އެކަމަކު ފޯން ކޯލްތަކަކީ 2013 ވަނަ އަހަރުގެ އެއްޗެއް ކަމަށެވެ. އެހެންވެ ހުށަހަޅާފައިވާ މައްސަލާގައި، ދައުވާގައި ބުނާ ވ. އާރަށުގެ ވާހަކަ އޮތުމުގެ ޕޮސިބިލިޓީއެއް އޮތް ކަމަކަށް ވެސް ނުދެކޭ ކަމަށް ބުންޏެވެ.
ނަމަވެސް ދައުލަތުން ބުނީ ހެއްކެއްގެ ގޮތުގައި އަދީބު ހުށަހެޅި ސަބަބުތަކުގެ ތެރޭގައި، 2013 ވަނަ އަހަރުން ފެށިގެން ރަށްތައް ދޫކުރުމުގައި ޔާމީން ނުފޫޒު ފޯރުއްވައި އެކަމާ ބެހޭ ގޮތުން ފޯނުކުރައްވައި އަދި މެސެޖު ކުރައްވާކަން ސާބިތުކޮށްދިނުން ހިމެނޭ ކަމަށެވެ. އަދި މިއީ ހެކި ހުށަހެޅުމުގެ މަރުހަލާގައި ބަލައިގެންފައިވާ ހެއްކެއް ކަމަށް ވާތީ އާއި ކޯލް އަޑު އިއްވައިގެން ނޫނީ ހެކިވެރިޔާއާ ސުވާލުކޮށް އޭގެ ސައްހަކަން ކަށަވަރު ނުކުރެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.
މައްސަލަ ބައްލަވާ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ ޝަރީއަތުގެ މަޖިލީހުގައި ކޯލް އަޑު ނީއްވި ނަމަވެސް އެ ހެކި ބަލައިގަތުމަށް ނުވަތަ ބަލައި ނުގަންނަން ޝަރީއަތުން ނިންމީ ނޫން ކަމަށެވެ.
ދައުލަތުން ކުރިން ބުނެފައިވާ ގޮތުގައި އަދީބާއި ޔާމީންގެ ކޯލް ރެކޯޑިންތަކަކީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހޯދާފައިވާ އެއްޗިއްސެވެ. އެނގިފައިވާ ގޮތުގައި އެއީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި، ޕީޕީއެމްގެ ސްލޮޓެއްގައި އަދީބު ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުން އަދީބުގެ ފޯނު އަޑުއެހި އިރު ލިބިފައިވާ އެއްޗިއްސެވެ. އޭގެ ތެރޭގައި އެކި ރަށްރަށް އެކި މީސްމީހުންނަށް ދިނުމާއި ރިޔާސީ އިންތިހާބަށް ފައިސާ ހޯދުމަށް މިކަމުގެ ތެރެއިން ކަން ކުރަންވީ ގޮތާ ބެހޭ ގޮތުން ޔާމީނާއި އެކި މީސްމީހުންނާ އެކު ފޯނުން ދައްކާފައި ހުރި ވާހަކަތައް ހިމެނޭ ކަމަށް އެނގިފައިވެ އެވެ.
އަދީބަށް އިރުޝާދު ދެއްވީ ކޮން އިރަކުތޯ ދައުލަތުން އެހުމުން 2012 ގައި އޭނާ ޓޫރިޒަމް މިނިސްޓަރުގެ މަގާމާ ހަވާލުވި ހިސާބުން ފެށިގެން އޭނާ 2015 ވަނަ އަހަރު ނައިބު ރައީސްކަމުން ވަކިކުރުމާ ހަމައަށް ރަށްތަކުގެ ކަންތަކުގައި ފައިސާ ހޯދުމަށް ޔާމީންގެ އިރުޝާދުތައް ލިބޭ ކަމަށް ވިދާޅުވި
ދައުލަތުން ތަކުރާރުކޮށް އެދެމުން ދިޔައީ މި ކޯލްތައް އިއްވުމަށެވެ. ދައުލަތުން ބުނީ މިއީ ހުށަހެޅޭނެ ހެއްކެއް ކަމަށާއި ސަބަބެއް ކަމަށް ބުނީ އެ ހެއްކަކަކީ މައްސަލައާ ސީދާ ގުޅުން ނެތް ހެއްކެއް ކަމަށް ވިޔަސް، އެއްގޮތް ކަންތައްތަކެއް ހުރި ނަމަ އެކަން ހާމަކޮށްދިނުމަށް އެ ހެކި ބަލައިގަނެވޭނެ ކަމަށް ގާނޫނުގައި އޮތުމެވެ.
"މި ހެއްކަކީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެއްކެއް. ދައުވާ ފޯމުގައި ހިމަނާފައިވާ ހެއްކެއް. މި ހެއްކާ ގުޅިގެން ހެކިވެރިޔާއާ ސުވާލުކުރެވޭނެކަން ވެސް ދިފާއަށް ނޯޓީސް ދީ އެކަން ހާމަކޮށްފައި ދައުލަތުން ވާނީ. އެކަމުގެ ރެލަވަންސީއާ ބެހޭ ގޮތުން ސުވާލުތަކެއް އުފެދޭ ނަމަ ނުވަތަ ރެލަވަންޓް ނޫން ހެއްކަކަށް ވާތީ މި ހެކި ޝަރީއަތަށް ހުށަނޭޅޭނެ ކަމަށް ނުވަތަ ހެކިވެރިޔާއާ ސުވާލު ނުކުރެވޭނެ ކަމަށް ވިދާޅުވާ ނަމަ އެކަމަކީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 119 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ ކަމެއް. އެކަމެއް ދިފާއުން ކޮށްފައެއް ނުވޭ،" ދައުލަތުގެ ވަކީލް އައިމިނަތު ޝާމާ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ ދައުލަތަށް ސުވާލު ކުރެވޭނީ ހާދިސާ ހިނގި ދުވަހުން ފެށިގެން އޭގެ ފަހުން ހިނގާފައިވާ ކަންކަމާ ގުޅޭ ގޮތުން ކަމަށެވެ. ދައުލަތުން ބުނީ ހެކި ހުށަހަޅާ ސަބަބު ދައުވާއާ އެކު ކުރިން ހުށަހަޅާފައިވާ ނަމަ އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުގެ ފުރުސަތު ގާޒީ މީގެ ކުރިން ދެއްވާފައި އެބަހުރި ކަމަށެވެ. "ދައުލަތުން ވެސް ޝަރީއަތުގައި ހެކިވެރިޔާއާ ގުޅޭ ގޮތުން ކަމަކަށް އެދިވަޑައިގަންނަވާއިރުގައި ދައުލަތުން ވެސް ގަބޫލުކުރައްވަން ވާނެ ހާދިސާ ހިނގުމުގެ އެތައް ދުވަހެއް ކުރިން، ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ ކުރީގެ ކަމެއްގެ ވާހަކަ ތިޔަ ވިދާޅުވަނީ. އެ ފޯން ކޯލްތައް ޝަރީއަތުގައި، އޭގެ ފަހުގެ ތާރީހެއްގައި ހިނގާފައިވާ ކަމަކަށް ސުވާލުކުރައްވަން އެދިވަޑައިގަންވާއިރުގައި، 2013 ވަނަ އަހަރު ހިނގާފައިވާ ކަމަކާއި 2015 ވަނަ އަހަރު ހިނގާފައިވާ ކަމަކާ ގުޅުވަން ފުރުސަތު ދީފި ނަމަ ދެން ނިކުމެދާނެ ނަތީޖާއަކަށް ވެސް ޝަރީއަތުން ވިސްނަން ޖެހޭނެ،" އިސް ގާޒީ ޝަކީލް ވިދާޅުވި އެވެ.
ގާޒީ ވަނީ ދައުވާގައި ބުނާ އަމަލަކީ 2015 ވަނަ އަހަރު ހިނގާފައިވާ ކަމަށް ބުނާ ކަމެއް ކަމަށް ވާއިރު، އެ ރެކޯޑިންތައް މައްސަލައާ ގުޅެނީ ކިހިނެއްތޯ ވެސް ސުވާލު ކުރައްވައިފަ އެވެ.
ޔާމީންގެ މައްޗަށް ކުރާ، ރިޝްވަތު ދިނުމާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް މިއަދު ކުރިއަށްދަނީ
ދައުލަތުން ތަކުރާރުކޮށް ބުނަމުން ދިޔައީ އެ އޯޑިއޯތައް ހުށަހެޅީ ރަށްތައް ކުއްޔަށް ދިނުމުގައި ޔާމީން ނުފޫޒު ފޯރުވާފައިވާކަން ސާބިތުކުރަން ކަމަށެވެ. އެއީ މައްސަލައާ ގުޅޭ ހެއްކެއް ކަމަށް ދައުލަތުން ބުންޏެވެ.
ނަމަވެސް އިސް ގާޒީ ޝަކީލް ވިދާޅުވީ ދައުވާގައި ބުނާ ހާދިސާގެ ކުރީގެ އޯޑިއޯތަކަށް ވާތީ އެ އޯޑިއޯތައް ކޯޓުގައި ނީއްވޭނެ ކަމަށެވެ. އެކަމަކު އަދީބުގެ ފަރާތުން އެކަންކަން ސާފުކުރަން ބޭނުންވާ ނަމަ، އެ ފުރުސަތު އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެހެންވެ، ދައުލަތުން އެ އޯޑިއޯތައް އިއްވުމުގެ ބަދަލުގައި ކުރިއަށް ގެންދިޔައީ ލިޔެފައިވާ އޭގެ ސްކްރިޕްޓަށް ބަލައިގެންނެވެ.
އަދީބާ ސުވާލުކުރަން ފުރުސަތު ދިނުމުން، ޔާމީން ކަންކަމުގައި އަދީބަށް އިރުޝާދު ދެއްވީ ކޮން އިރަކުތޯ ދައުލަތުން އެހުމުން 2012 ގައި އޭނާ ޓޫރިޒަމް މިނިސްޓަރުގެ މަގާމާ ހަވާލުވި ހިސާބުން ފެށިގެން އޭނާ 2015 ވަނަ އަހަރު ނައިބު ރައީސްކަމުން ވަކިކުރުމާ ހަމައަށް ރަށްތަކުގެ ކަންތަކުގައި ފައިސާ ހޯދުމަށް ޔާމީންގެ އިރުޝާދުތައް ލިބޭ ކަމަށް އަދީބު ވިދާޅުވި އެވެ. އަދީބު ވިދާޅުވި ގޮތުގައި އޭރު ފައިސާ ހޯދަމުން ދިޔައީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިހާބުގެ އިތުރުން މަޖިލިސް މެމްބަރުންނަށް ފައިސާ ބެހުމާއި ކަމާބެހޭ އިދާރާތަކުގެ މީހުންނަށް ރިޝްވަތު ދިނުމަށެވެ.
"ހުރިހާ ބާރެއް ނެންގެވުމާއި އަމިއްލަ އެކައުންޓަށް ޖަމާ ކުރެއްވުމާއި ދެން އަޅުގަނޑު ކުރިން ދެންނެވިހެން އެކި ކަންކަމުގައި ފައިސާ ހަރަދު ކުރައްވަނީ،" ޔާމީން ފައިސާ ހޯއްދެވި ސަބަބާ ބެހޭގޮތުން ސުވާލު ކުރުމުން އަދީބު ވިދާޅުވި އެވެ.
މި މައުލޫގައި ސުވާލުތަކެއް ކުރުމަށް ފަހު ދައުލަތުން ބުނީ ދެން ހުރި ސުވާލުތަކަކީ ފޯން ކޯލްތައް އިއްވައިގެން ނޫނީ ކުރެވޭނެ ސުވާލުތަކެއް ނޫން ކަމަށާއި އެހެންވެ އެ ފުރުސަތު ނެތުމުން ސުވާލެއް ނެތް ކަމަށެވެ.
އަދީބާ ސުވާލުކުރުމަށް ޔާމީންގެ ވަކީލުންނަށް ފުރުސަތު ދިނުމުން ސުވާލު ކުރެއްވީ އާރަށުގެ އަގުގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ފުރަތަމަ ކަނޑައެޅި ސަބަބާ ބެހޭގޮތުންނެވެ. އަދީބު ވިދާޅުވީ ރަށުގެ އަގު ކަނޑައަޅަނީ ވަކި ފޯމިއުލާއަކަށް ބަލައިގެން ކަމަށެވެ.
ޔާމީނާ މެދު އަދީބުގެ އަދާވާތްތެރިކަން އޮތުމުން ކަމަށް ބުނެ އިތުރަށް ސުވާލުކުރަން ބޭނުންނުވާ ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވި އެވެ.
ޔޫސުފް ނައީމްގެ ވަކީލުން ބުނީ އަދީބާ އެކު ހެދި އެއްބަސްވުންތަކުގެ ތަފްސީލު ދައުލަތުން ހާމަ ނުކުރަނީސް، އަދީބާ ސުވާލުކުރަން ބޭނުންނުވާ ކަމަށެވެ. އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް މިއަދު ނެގިއިރު ވެސް އެ ވަކީލުން ބުނީ އެގޮތަށެވެ.
ޔާމީންގެ ޝަރީއަތެއް ނެތް؛ ގާޒީ ޗުއްޓީއަށް
ކޮމިޝަން ލިބެންދެން ފުއްގިރި ޑީލް ފަސްކުރި: އަދީބު
ޔާމީން-އަދީބުގެ ކޯލްތައް: ކޮންއިރެއްގެ ކޮންވާހަކައެއް؟
"އާރަށް ދިނީ އަދި އަގު ކުޑަކުރީ ޔާމީންގެ އެންގުމަށް"
އަދީބާއި ޒިޔަތުގެ ހެކިބަސް އެއް ދުވަހެއްގައި ނަގަނީ
ޔާމީނާ އެއް މިލިއަން ރުފިޔާ ހަވާލުކުރިން: އޮއިއްޓޭ
އާރަށް މައްސަލަ: ޔާމީނާއި އަދީބުގެ ކޯލް ރިކޯޑިންތަކެއް
ޔާމީންގެ ޝަރީއަތް: ދައުލަތުން 86 ހެއްކެއް
އިއުތިރާފަކީ ފައިދާއެއްތަ؟ ގެއްލުނު ފައިސާ ކޮބާ؟
ބޮޑު ހިޔާނާތް: "މައްސަލަ ބެލޭނެ މާހައުލެއް ނެތް"