ރާއްޖޭގައި މިހާތަށް ހިންގާފައި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރުސީ މައްސަލައިގެ އެންމެ ފުނަށް ގޮސް މައްސަލަ ބެލޭނެ ފަދަ މާހައުލެއް މިވަގުތު ރާއްޖޭގައި ނެތް ކަމަށް ބުނެ އެފަދަ މާހައުލެއް ގާއިމު ކޮށްދިނުމަށް ދައުލަތުގެ ޕްރޮސެކިއުޓަރުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިއްޖެ އެވެ.
17 ޖުލައި 2020
ރާއްޖޭގައި މިހާތަށް ހިންގާފައި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރުސީ މައްސަލައިގެ އެންމެ ފުނަށް ގޮސް މައްސަލަ ބެލޭނެ ފަދަ މާހައުލެއް މިވަގުތު ރާއްޖޭގައި ނެތް ކަމަށް ބުނެ އެފަދަ މާހައުލެއް ގާއިމު ކޮށްދިނުމަށް ދައުލަތުގެ ޕްރޮސެކިއުޓަރުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިއްޖެ އެވެ.
ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަން އަދި އޭސީސީ އާއި ދައުލަތުގެ ޕްރޮސެކިއުޓަރުންގެ ޓީމަކުން ތަހުގީގުކުރަމުން އަންނަ މި ބޮޑު މައްސަލައިގައި މިހާރުގެ ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އެ ނޫން ވެސް އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނޭ ކަމަށް އެ މައްސަލަ ބަލާ އިދާރާތަކުން ކުރިން ބުނެފައި ވެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ކޮޅެއްގައި ނުޖެހޭތީ ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަ ބަލާ ޓީމުގައި ހިމެނޭ ޕްރޮސެކިއުޓަރުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވި ސިޓީގައި ބުނީ، 2015 އިން ފެށިގެން ތަހުގީގު ކުރިއަށް ގެންދާއިރު، ދައުވާ ކުރުމާއި ޝަރީއަތުގެ މަރުހަލާތަކާ މެދު އާންމުންގެ ގިނަ ބައެއްގެ ސުވާލުތައް އުފެދިފައިވާ ކަމަށެވެ.
ހަތަރު ޕްރޮސެކިއުޓަރަކު ސޮއިކޮށްފައިވާ ސިޓީގައި ބުނިގޮތުގައި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޮގަސްޓް 7، 2019 ގައި ހާއްސަ ޓީމެއް އެކުލަވާލައިގެން ތަހުގީގުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. ނަމަވެސް އެކަން ހުއްޓުވުމަށާއި ޝަރީއަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހުރަސް އަޅަމުންގެންދާ ކަމަށް ސިޓީގައި ވެ އެވެ.
"އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މި މައްސަލާގައި ކުރަން ޖެހޭ މަސައްކަތާއި ދޭން ޖެހޭ އިރުޝާދުތަކާއި އަދި އޯވަސީ ކުރަންޖެހޭ އެންމެހައި ކަންކަން ބަލައި، އިހުލާސްތެރިކަމާއެކު މި މައްސަލާގައި އިންސާފު ހޯދައި، އިންސާފުގެ މަގުން ކަންކަން ކުރިއަށް ގެންދިއުމަށް ބުރަ މަސައްކަތްތަކެއް އަޅުގަނޑުމެން ކޮށްފީމެވެ. ނަމަވެސް، ހިތާމައަކީ އަޅުގަނޑުމެންގެ މަސައްކަތުގެ ނަތީޖާ ހާސިލު ވިޔަނުދިނުމަށްޓަކައި އެކި ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާ ކަމެވެ،" މީޑިއާ އަށް ހާމަވެފައިވާ ސިޓީގައި ވެ އެވެ.
މި މައްސަލަ ބެލުމަށް ރައީސް ރިޔާސީ ކޮމިޝަނެއް ވެސް އުފައްދަވައިގެން މަސައްކަތްޕުޅު ކުރައްވާއިރު، އަދިވެސް މައްސަލަ ބަލަން އެކަށީގެންވާ ވަސީލަތްތަކާއި މާހައުލު ގާއިމްކުރެވިފައި ނެތްކަން ފާހަގަކޮށް، އެއީ ކަންބޮޑުވާ ކަމެއް ކަމަށް ސީޓީގައި ޕްރޮސެކިއުޓަރުން ބުންޏެވެ. އެފަދަ މާހައުލެއް ގާއިމްކޮށް، މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަން ކަން ވެސް ސިޓީގައި ބަޔާންކޮށްފައި ވެއެވެ.
އެއީ:
1. މިފަދަ މައްސަލަތައް ތަހުގީގުކުރުމުގެ ތަޖުރިބާހުރި ފޮރެންސިކް އެކައުންޓެންޓުންނާއި ޑިޖިޓަލް އެވިޑަންސް އެނަލިސްޓުން ހޯދުން.
2. މި މައްސަލަ ތަހުގީގު ކުރުމަށް އިތުރު އިންވެސްޓިގޭޓަރުން ބައިވެރި ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
3. މިފަދަ މައްސަލަތައް ތަހުގީގުކޮށް، އެސެޓް ރިކަވާ ކުރުމުގެ ތަޖުރިބާ ހުރި ބޭރުގެ އިންވެސްޓިގޭޓަރަކު ތަހުގީގަށް ހޯދުން.
4. ގިނަ އަދަދެއްގެ ފައިސާ ރާއްޖެ އިން ބޭރަށް ގޮސްފައިވާ ކަމަށް ބެލެވޭއިރު، މިކަން އެކަށީގެންވާ ގޮތެއްގައި ތަހުގީގު ކުރުމަށްޓަކައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުންތައް، ފައިސާ ގޮސްފައިވާ ކަމަށް ބެލެވޭ ގައުމުތަކާ އެކު ގާއިމުކުރުން.
5. ގާނޫނުތަކުގެ ހަގީގީ މަގްސަދު ހާސިލުވާނެ ފަދަ ގޮތަކަށް މަސައްކަތް ބައްޓަން ކުރެވިފައެއް ނުވޭ. މިފަދަ ކަމެއް ތަކުރާރު ނުވާނެ ފަދަ ގޮތަކަށް މަސައްކަތް ބައްޓަން ކުރުމަށްޓަކައި ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓް އަދި ބޭންކިން ނިޒާމުގެ ރިޕޯޓިން މެކޭނިޒަމް ހަރުދަނާކުރުން.
6. މަނީ ލޯންޑަރިންގެ މައްސަލަތަކާ ގުޅިގެން ދައުލަތަށް ނެގޭ މުދަލާ މެދު އަމަލު ކުރާނެ ގޮތުގެ ގަވާއިދު ހަދައި، ގެޒެޓު ކުރުން.
7. ނުޙައްގު މުއްސަނދިކަން ކުށަކަށް ހެދުން.
8. އެސެޓް ޑިކްލެރޭޝަންގެ ނިޒާމަކީ މިހާރު ހަމައެކަނި ނަމެއްގައި އޮތް ނިޒާމެއް. ސިޔާސީ މަގާމުތަކާއި މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުން ހުށަހަޅާ މާލީ ބަޔާންތަކާ ގުޅިގެން ބަލަންޖެހޭ ބެލުންތައް ބަލައި ފިޔަވަޅު އެޅޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން.
9. ދައުލަތުގެ މަގާމުތަކާއި މިނިވަން މުއައްސަސާތަކަށް މީހުން އައްޔަން ކުރާއިރު، ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަތަކުގެ ތުހުމަތު ކުރެވޭ މީހުން އައްޔަން ނުކުރުން އަދި އެފަދަ މަގާމުތަކުގައި ތިއްބަވަނިކޮށް، އެކަށީގެންވާ ތުހުމަތު ކުރެވުމުން މަގާމުތަކުން ވަކިކުރުން.
10. މިފަދަ ބޮޑެތި ކުށްތައް ސާބިތުވާ މީހުންގެ ހުކުމް ތަންފީޒު ކުރެވޭނެކަން ކަށަވަރުކުރުން. އެ ޔަގީންކަން ރައްޔިތުންނަށް އޮންނާނެ ފަދަ ގޮތަކަށް ނިޒާމު ބައްޓަންކުރުން.
11. އެންޓި ކޮރަޕްޝަންގެ ނިޒާމު ހަރުދަނާކޮށް، މިހާރަށް ވުރެ އަވަހަށް މައްސަލަ ތަހުގީގު ކުރެވޭނެ ފަދަ ވަސީލަތްތައް އޭސީސީ އަށް ފޯރުކޮށްދިނުމާއި އެ ކޮމިޝަނުގެ ގާނޫނަށާއި ކޮރަޕްޝަންގެ ކުށްތަކާ ގުޅިގެން ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުމަށް ބާރުއަޅައި އިސްކަންދިނުން.
މި މައްސަލައިގައި އިންސާފު ހޯދުމަށް ކުރާ މަސައްކަތަކަށް ވަކި ބައެއްގެ ނުފޫޒެއް ނެތި ކުރިއަށް ދެވޭނެ މަގެއް ހޯއްދަވައި ދެއްވުމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން ހަތަރު ޕްރޮސެކިއުޓަރުން އެދިފައި ވެ އެވެ.
"އިސްވެ ދެންނެވި ކަންކަން އެ މަގުން ހުރުމުން، މި މައްސަލައާ ގުޅިގެން މި މައްސަލައިގެ އެންމެ ފުނަށް ވާސިލު ވެވޭނެ މާހައުލެއް މިވަގުތު ދިވެހިރާއްޖޭގައި އޮތް ކަމަކަށް ނުދެކެމެވެ. އެހެންކަމުން، އަޅުގަނޑުމެންގެ އެދުމަކީ މި ފަދަ ކަންކަން ތަކުރާރު ނުވާނޭހެން މުޅި ނިޒާމު އިސްލާހުކުރުމަށް އިއްޒަތްތެރި މަނިކުފާނަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދެއްވުމެވެ،" ސިޓީގައި އެދިފައި ވެ އެވެ.
ނަމަވެސް، ހިތާމައަކީ އަޅުގަނޑުމެންގެ މަސައްކަތުގެ ނަތީޖާ ހާސިލު ވިޔަނުދިނުމަށްޓަކައި އެކި ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާ ކަމެވެ.---ޕްރޮސެކިއުޓަރުން
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ ބަލަން ފެށީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގަ އެވެ. މި މައްސަލައިގައި އެންމެ ފުރަތަމަ ޖަލަށްލައި ހުކުމްކޮށްފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށެވެ. ނަމަވެސް ހުރިހާ ދައުވާއެއް، ބާތިލްކޮށް، ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަންގާރަ ދުވަހު އަދީބު މިނިވަންކޮށްފަ އެވެ.
އަދީބު މިނިވަންކުރި ނަމަވެސް ޕާސްޕޯޓު ހިފަހައްޓާފައިވާއިރު، އޭނާގެ މައްޗަށް ފަހުން އުފުލި ހަތް ދައުވާ ބާތިލްކުރި މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. މި މައްސަލައިގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ނިންމުން ޖިނާއީ އިޖުރާއަތުގެ ގާނޫނާ ވެސް ޚިލާފު ކަމަށެވެ. އަދީބު 800 އަހަރަށް ޖަލަށް ލެވޭނހާ ހެކި އެބަހުރި ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތެރެއިން ފަޅާއެރި، މަނީލޯންޑަރިންގެ މައްސަލައެއް ސާބިތުވެ، މިދިޔަ ނޮވެމްބަރު މަހު ކުރީގެ ރައީސް ޔާމީންގެ މައްޗަށް ވެސް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވެއެވެ. އަދި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލްގެ މައްޗަށް ވެސް މި މައްސައިގައި ހުކުމްކޮށްފައިވާއިރު ހާމިދުގެ ހުކުމް ތަންފީޒުކޮށް ވަނީ ނިމިފަ އެވެ. ޒިޔަތުގެ ހުކުމް ތަންފީޒުކޮށް ނުނިމުނަސް އޭނާ ހުރީ ގޭ ބަންދުގަ އެވެ.
ޕީޖީ ޝަމީމްގެ މައްސަލަތަކެއް ބާ ކައުންސިލަށް
"އަދީބު 800 އަހަރަށް ޖަލަށް ލެވޭނެ ހެކި އެބަހުރި"
ދައުވާތައް ބޭރުކޮށްލި މައްސަލަ އިސްތިއުނާފު ކުރާނީ
އެއްބަސްވުމެއް ހެދީ ބޭރަށް ފޮނުވާ ގޮތަށް: އަދީބު
އަދީބުގެ ބަންދުގެ މުއްދަތު ޖަހައެއް ނުދިން
އާރަށް މައްސަލާގެ ފައިސާގެ ބަޔާ މެދު ގޮތެއް ނުނިންމާ
މަހްލޫފްގެ މައްސަލައަށް މިވީ ކިހިނެއް؟
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟
ޔާމީނަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް އުފުލައިފި
ޕީޖީ ޝަމީމަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައިފި