ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެންގެވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެއް މިލިއަން ރުފިޔާ ހަވާލުކުރި ކަމަށް އަދީބުގެ ގާތް މީހެއް ކަމަށްވާ، ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު ހުސައިން (އޮއިއްޓޭ) ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.
04 އޯގަސްޓް 2022
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެންގެވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެއް މިލިއަން ރުފިޔާ ހަވާލުކުރި ކަމަށް އަދީބުގެ ގާތް މީހެއް ކަމަށްވާ، ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު ހުސައިން (އޮއިއްޓޭ) ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.
ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށްވާ އޮއިއްޓޭ އެގޮތަށް ހެކިބަސް ދިނީ ވ. އާރަށް މައްސަލާގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.
ހެކިބަސް ދެމުން އޮއިއްޓޭ ބުނިގޮތުގައި ޔާމީނާ ފައިސާތަކެއް ހަވާލުކުރަން 2013 ވަނަ އަހަރު އަދީބު އޭނާއަށް އެންގި އެވެ. އެގޮތުން ޔާމީން ދިރިއުޅުއްވާ ގެކޮޅަށް ގޮސް، ފުރަތަމަ ހަވާލުކުރީ އެއް ލައްކަ ރުފިޔާ ކަމަށް އޭނާ ބުންޏެވެ. އެކަމަކު އެއް ލައްކަ ރުފިޔާ ހަވާލު ކުރެއްވުމުން ޔާމީން މޫނުފުޅުން ނުތަނަވަސްކަން ފެނުމުން އެކަން އެކަން އަދީބާ ހިއްސާ ކުރުމުން އިތުރު ފައިސާތަކެއް ހަވާލުކުރަން ވެސް އެންގި ކަމަށް އޭނާ ބުންޏެވެ.
އެހެންވެ، އަދީބުގެ އެންގެވުމުގެ މަތިން އިތުރު ނުވަ ލައްކަ ރުފިޔާ ޔާމީނާ ހަވާލުކުރީ ކަމަށް އޮއިއްޓޭ ބުންޏެވެ.
"ބަރާބަރު ވަން މިލިއަން ރުފިޔާ ހަވާލު ކުރެވުނީ. އެއީ އަދީބު އަޅުގަނޑާ ހަވާލުކުރީ ވަން މިލިއަން ރުފިޔާ" އަދީބުގެ ޑްރައިވަރެއްގެ ގޮތުގައި އޭރު އުޅުނު އޮއިއްޓޭ ބުންޏެވެ.
މިހާރު އިނގިރޭސިވިލާތުގައި ދިރިއުޅޭ އޮއިއްޓޭ ހެކިބަސް ދިނީ އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ހުރެގެން އޮންލައިންކޮށެވެ.
އޮއިއްޓޭ ބުނިގޮތުގައި ޔާމީނާ ފައިސާ ހަވާލުކުރީ ކަރުދާސް ކޮތަޅެއްގަ އެވެ. އަދި ފައިސާ ހުންނާނީ މުޅިން ވެސް 500 ރުފިޔާގެ ނޫޓުން ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި އޭރު އެކި ތަންތަނުގައި އަދީބު ފައިސާ ބަހައްޓާފައި ހުރެ އެވެ. އަދި ފައިސާތައް ހަވާލުކުރަން އެންގުމުން ހަވާލުކުރަންޖެހޭ މީހުންގެ މައުލޫމާތާއި ދޭންޖެހޭ ފައިސާގެ އަދަދު ބައެއް ފަހަރު ލިޔެފައި ބަހައްޓަނީ ކަމަށް އޭނާ ބުންޏެވެ.
އޮއިއްޓޭ މިއަދުގެ އަޑުއެހުމުގައި ހެކިބަސް ދެނީ
އޮއިއްޓޭއާ އެގޮތަށް ސުވާލުކުރަން ފެށުމުން އެއީ މައްސަލައާ ނުގުޅޭ ކަންތައްތަކެއް ކަމަށް ބުނެ ޔާމީންގެ ވަކީލުންނާއި އެމަނިކުފާނު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އަދި އާރަށުގެ މައްސަލައަކީ ޗެކަކުން ޖަމާވި ފައިސާތަކެއްގެ މައްސަލައެއް ކަމަށް ވާއިރު، ނަގުދު ފައިސާއިން ދިން ފައިސާތަކެއްގެ ވާހަކަ މި މައްސަލައާ ގުޅުމެއް ނެތް ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވި އެވެ.
ރައްދުގައި ދައުލަތުން ބުނީ އެއީ މައްސަލައާ ގުޅޭ ސުވާލުތަކެއް ކަމަށެވެ. އެ ސުވާލުތައް ކުރަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅޭ ކަންކަން ސާބިތު ކުރަން ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ކުރަނީ ލިޔެދީފައި ހުރި ސުވާލުތަކެއް ކަމަށް އެކަން ހުއްޓުވަން ވެސް ޔާމީންގެ ވަކީލުން މަސައްކަތް ކުރެއްވި އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތް ކަމަށް ބުނާ ފައިސާތަކެއް ކަމަށް ބުނެ ވާހަކަތަކެއް ދައްކަން ވެސް ޔާމީންގެ ބައެއް ވަކީލުން މަސައްކަތް ކުރެއްވި އެވެ.
އެކަމަކު އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް އެކަން ހުއްޓުވައި އެ ފުރުސަތު ނުދެއްވަ އެވެ. އެކަމަކު ދައުލަތުން ވެސް މައްސަލައާ ނުގުޅޭ ސުވާލުތައް ނުކުރަން ގާޒީ އެންގެވި އެވެ.
އޮއިއްޓޭ ހެކިބަސް ދޭން ފެށުމުގެ ކުރިން، އޮންލައިންކޮށް ހެކިބަސް ނުނެގޭނެ ކަމަށް ބުނެ ޔާމީންގެ ވަކީލުން ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ވިދާޅުވީ އޮންލައިންކޮށް ހެކިބަސް ނެގޭނީ ވަކި ހާލަތްތަކެއްގައި ކަމަށެވެ. އެގޮތުން ރާއްޖެއަށް ގެނެވެން އޮތް މީހެއްގެ ހެކިބަސް އޮންލައިންކޮށް ނުނެގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޮއިއްޓޭ ރާއްޖެ ގެންނަން ދައުލަތުން ކުރި މަސައްކަތަކީ ކޮބައިތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އަދި އޮންލައިންކޮށް ހެކިބަސް ނެގުމުން ބައެއް ފުރުސަތުތައް ގެއްލިގެންދާ ކަމަށް ޖަމީލް ވިދާޅުވި އެވެ.
ދައުލަތުން ބުނީ އޮއިއްޓޭ ދިރިއުޅެނީ ރާއްޖެއިން ބޭރުގައި ކަމަށްވާތީ އެ މައްސަލާގައި އޮންލައިންކޮށް ހެކިބަސް ނެގުމުގައި ހުރަހެއް ނެތް ކަމަށެވެ. އަދި މީގެކުރިން ވެސް މިގޮތަށް ހެކިބަސް ނަގާ ކަމަށާއި އަދި މިގޮތަށް ހެކިބަސް ނެގިޔަސް ހެކިންނާ ސުވާލުކުރުމުގެ ހައްގަށް އުނިކަމެއް ނާންނާނެ ކަމަށް ދައުލަތުން ބުންޏެވެ.
އިސްގާޒީ ޝަކީލް ވިދާޅުވީ ކޯޓަށް ހާޒިރުކޮށްގެން ހެކިބަސް ނެގެން ނެތްނަމަ ވީޑިއޯ މެދުވެރިކޮށް ހެކިބަސް ނެގިދާނެ ކަމަށެވެ. އަދި އެގޮތަށް ހެކިބަސް ނަގާނެކަން ދުރާލާ އަންގާފައިވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންވެ، ހެކިބަސް ނެގުން ކުރިއަށް ގެންދަން ގާޒީ ނިންމެވި އެވެ.
އޮއިއްޓޭ އިނގިރޭސިވިލާތުގައި ހުންނަނީ ކޮން ކަހަލަ ވިސާއެއްގައި ތޯ ޔާމީންގެ ވަކީލުން ސުވާލު ކުރެއްވުމުން، އެ ސުވާލު ނުކުރެވޭނެ ކަމަށް ގާޒީ ނިންމެވި އެވެ. ސަބަބަކީ އެއީ މައްސަލައާ ނުގުޅޭ ސުވާލެއް ކަމަށްވާތީ ގާޒީ ވިދާޅުވި އެވެ.
ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް އެ މައްސަލާގައި ދައުވާކުރެ އެވެ. އެ މައްސަލާގެ އިތުރު އަޑުއެހުމެއް އަންނަ ހަފުތާގައި ވެސް އޮންނާނެ އެވެ.
ޔާމީންގެ މައްސަލައިގެ ފަހު އަޑުއެހުން އަންނަ ހަފުތާގައި
ޔާމީންގެ ފަރާތުން ދޮގުހެކި ދިންކަމުގެ ލިޔުންތަކެއް!
"އާރަށް ދިނީ އަދި އަގު ކުޑަކުރީ ޔާމީންގެ އެންގުމަށް"
އާރަށް މައްސަލަ:ފޯނު ރިޕޯޓް ހެދި މީހާގެ ބަސް ހޯދައިފި
އާރަށް މައްސަލަ: ޔާމީނާއި އަދީބުގެ ކޯލް ރިކޯޑިންތަކެއް
ޔާމީން ފުރުން މަނާކުރުމުގެ އަމުރެއް ކޯޓުން ނުދިން
އާ ދައުވާތަކާ ގުޅިގެން ޔާމީނަށް އިތުރު ފުރުސަތެއް
ޔާމީންގެ އެދިވަޑައިގަތުމަށް ޝަރީއަތް ކެންސަލް
ޔާމީނަށް ކުރާ އާ ދައުވާތަކުގެ ޝަރީއަތް ބުދަ ދުވަހު
އިއުތިރާފަކީ ފައިދާއެއްތަ؟ ގެއްލުނު ފައިސާ ކޮބާ؟