08 އޮކްޓޯބަރ 2020
"މާތްރަސްކަލާނގެ އިރާދަފުޅުން އަޅުގަނޑަށް މި ފުރުސަތު ލިބުނީމާ އަޅުގަނޑު ދެކެނީ މުހިންމީ ގައުމަށް ޚިދުމަތް ކުރުން ކަމަށް."
"މާތްރަސްކަލާނގެ އިރާދަފުޅުން އަޅުގަނޑަށް މި ފުރުސަތު ލިބުނީމާ އަޅުގަނޑު ދެކެނީ މުހިންމީ ގައުމަށް ޚިދުމަތް ކުރުން ކަމަށް."
އެހެން ވިދާޅުވީ އުމުރުން އެންމެ 29 އަހަރުގެ ޒުވާނެކެވެ. އެކަމަކު އެހާ ތަނަށް ރާއްޖެ ދުށް އެންމެ ޒުވާން މިނިސްޓަރެވެ. ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.
އެއީ މޭ، 2012 އެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނުތާ ގާތްގަނޑަކަށް ތިން މަހެވެ. ސިޔާސީ ހަލަބޮލިކަން އުތުރި އަރައަރަ އެވެ. އެކަމަކު ހޮޓެލް ޖެންގައި ތިބެގެން އިންޓަވިއު ނަގަމުން ދިޔަ އިރު ޒުވާން މިނިސްޓަރުގެ ސިކުނޑީގައި "މިއަދު ނޫނީ މާދަމާ"، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރު ވެއްޓިދާނެކަމުގެ ފިކުރެއް ނެތެވެ. އޭނާ ހުންނެވީ ޓޫރިޒަމް އިންޑަސްޓްރީ އެހެން ހަރުފަތަކަށް ގެންގޮސް، ރާއްޖޭގެ އިގުތިސާދަށް ހެޔޮ ބަދަލުތައް ގެންނެވުމުގެ ވިސްނުމުގަ އެވެ. ތެދުވެރިކަމާ އެކު ގައުމަށް ހިދުމަތްކުރުމުގެ އަޒުމްގަ އެވެ.
އިންޓަވިއުގެ ބޭނުމަކީ އެންމެ ޒުވާން މިނިސްޓަރާ ބެހޭ ޕްރޮފައިލްއެއް "ހަވީރު"ގައި ލިއުމެވެ. ޓޫރިޒަމްއާ ގުޅޭ ކަންކަން ދާނީ "ދެ ފުށް ފެންނަ ގޮތަށް ބިޑަށް ލައިގެން" ކަމަށް ވިދާޅުވުމުން ފެށިގެން، މަޖީދިއްޔާގައި ތައުލީމީ ދައުރު ނިންމެވި އިރު ޒުވާން ގައުމީ ޓީމުތަކަށް ފުޓުބޯޅަ ކުޅުއްވުމާއި އާއިލާގެ ދެ ބޭބެއަކު ޒުވާން އުމުރުގައި އަވަހާރަވުން ފަދަ، އުފަލާއި ހިތާމައިގެ ވެސް އެތައް ތަޖުރިބާތަކެއް ހިއްސާކުރެއްވި އެވެ.
އެ ދުވަހު އަޅުގަނޑު ބައްދަލުކުރީ "ގައުމަށް ޚިދުމަތްކުރަން ހަފުތާއެއް، ނުވަތަ މަހެއް ލިބުނަސް އެއީ ފަޚުރުވެރި ކަމެއް ކަމަށް ގަބޫލުކުރެއްވި" ޒުވާނަކާ އެވެ. އަޅުގަނޑު ގަބޫލުކުރީ އެ ހިދުމަތުގައި އޭނާގެ އޮންނާނީ ތެދުވެރިކަމާއި އަމާނާތްތެރިކަން ކަމަށެވެ.
ނަމަވެސް ކަން ވަމުން ދިޔައީ އެހެންނެއް ނޫނެވެ. އަދި އޭގެ ތިން އަހަރު ފަހުން އޭނާގެ އެޕާޓްމަންޓެއްގައި ރޭގަނޑު 9:30 ހާ އިރު އަޅުގަނޑާ ދެ ވަނަ ފަހަރަށް ބައްދަލުކުރެއްވި އިރު އެއީ "އެހެން އަދީބެކެ"ވެ. އޭރު އޭނާ ހުންނެވީ ސަރުކާރުގެ އެންމެ ނުފޫޒު ގަދަ، ޕީޕީއެމްގެ އެންމެ ބާރުގަދަ، އޭގެ އިތުރުން އެމްޑީޕީގެ މަޖިލިހުގެ ބައެއް މެމްބަރުން ވެސް ކޮންޓްރޯލްކުރައްވާ، ސިޔާސީ ލީޑަރަށް ވެވަޑައިގެންފަ އެވެ. އޭނާގެ ކޮރަޕްޝަންގެ ވާހަކަތަކަކީ އާންމު މައުލޫއުއެކެވެ.
އެރޭ އަޅުގަނޑު ދިޔައީ އިންޓަވިއުއަކަށް ނޫނެވެ. ހުސްވުމުގެ މަގުމަތީގައި އޮތް ނައިބު ރައީސްގެ މަގާމުގެ ހުވަފެންތައް ދެކެވަޑައިގަންނަވަމުން ގެންދެވި ޓޫރިޒަމް މިނިސްޓަރު "ހަވީރު"ގެ އެޑިޓަރާ ކުރެއްވި އަމިއްލަފުޅު ބައްދަލުވުމެކެވެ. އޭނާގެ އެ ހުވަފެން އެންމެންނަށް ވެސް އެނގެ އެވެ. ނައިބު ރައީސަކަށް އެންމެ ކަމުދަނީ އަދީބުކަން ދައްކަވަން އޭރު ގެންދެވީ އޭނާގެ "ޒުވާނުން" ބޭނުންކުރައްވައިގެން މާލެ އާއި ބައެއް ރަށްރަށުގައި ސައިކަލް ބުރުތައް ވެސް ބާއްވަވަމުންނެވެ. އޭނާގެ ނުފޫޒުގެ ދަށުގައި ތިއްބެވި ޕީޕީއެމްގެ މަޖިލިހުގެ މެމްބަރުންނާއި ޕާޓީގެ ނުފޫޒު ގަދަ މީހުން މެދުވެރިކޮށް ރައީސް އަބްދުﷲ ޔާމީނަށް މެސެޖް ދެއްވަމުންނެވެ.
އަޅުގަނޑާ އަދީބު ދެއްކެވީ ސަރުކާރުގައި އޭނާ ކުރައްވަމުން ގެންދަވާ ބޮޑެތި މަސައްކަތްތަކުގެ ވާހަކަ އެވެ. އޭނާގެ ކޮރަޕްޝަނެއް ނޯންނާނެ ވާހަކަ އެވެ. އާންމުންގެ ތެރޭގައި މަޝްހޫރު ބައެއް ސިޔާސީ މީހުންގެ ސިކުނޑިއަކީ "ހޮޅިއެއް" ކަމުގެ ވާހަކަ އެވެ. ނައިބު ރައީސްކަމުގައި ވެސް ގައުމަށް ހިދުމަތްކޮށްދެއްވޭނެ ވާހަކަ އެވެ.
އަދީބަށް ނައިބު ރައީސްކަން ދެއްވަން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ބޭނުންފުޅުނުވި ކަމަށްވެ އެވެ. ރައީސް ޔާމީނަށް ގޮތެއް ނިންމަވަން ވަގުތުކޮޅެއް ނެގި އެވެ. އެއީ އަދީބުގެ ހިތްޕުޅުގައި ޝައްކާއި ވަހުމް އުފެދުނު ދުވަސްކޮޅެވެ.
އެކަމަކު ޖުލައި 21، 2015 ގައި އޭރުގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތްކަމުގެ ވޯޓު ރައްޔިތުންގެ މަޖިލިހުގައި ނަގައި، މަގާމުން ބޭރުކޮށް، ޖުލައި 23 ގައި، އެ މަގާމަށް އަދީބު އައްޔަންކުރެއްވި އެވެ. އޭނާގެ ބާރުގެ ދަށުގައި އޮތް މަޖިލިހުގެ ރުހުން ވެސް ވަގުތުން ލިބިވަޑައިގަތެވެ. ކުރިން ގާނޫނުއަސާސީގައި އޮންނަ ގޮތުން ވިއްޔާ ނައިބު ރައީސްގެ އުމުރުން 35 އަހަރު ވާން ޖެހެ އެވެ. އެކަމަކު އޭރު 32 އަހަރުގެ އަދީބަށް އެ ފުރުސަތު ހޯދައިދޭން އުމުރު ވެސް 30 އަހަރަށް ދަށްކުރި އެވެ.
މިއީ އާދައިގެ ބާރެއް ލިބިގެން މީހަކަށް ކުރެވޭ ޒާތުގެ ކަންކަމެއް ނޫނެވެ. އަދީބަށް ބަލާ ނަމަ އެ ބާރު އައީ ހަމައެކަނި އެންމެ ވަސީލަތަކުންނެވެ: ފައިސާ އެވެ.
ރައީސް ޔާމީން އާއި އަދީބު، ގާތް އެކުވެރިންގެ ގޮތުގައި ތިއްބެވި ދުވަސްވަރުގެ ހިނިތުންވުމެއް
ޕީޕީއެމްގެ މަޖިލިހުގެ މެމްބަރުންނާއި އަޑިން ސަރުކާރަށް އެއްބާރުލުން ދޭ އެމްޑީޕީގެ މެމްބަރުންނަށް އަދީބު ހޭދަކުރެއްވި ވަރު އެކަކަށް ވެސް ނޭނގޭނެ އެވެ. ފަނޑިޔާރުންނާއި ފުލުހުންނާއި ސިފައިންނާއި ދައުލަތުގެ މިނިވަން އެހެން މުއައްސަސާތަކުގެ ވެރިންނަށް ދެއްވި ރިޝްވަތުގެ ފައިސާގެ މިންވަރު، އޭނާއަށް ވެސް އެނގިވަޑައިގަންނަވާނެހެން ހިއެއް ނުވެ އެވެ.
އެކަމަކު އެ ފައިސާ ހޯއްދަވަނީ ކިހިނެއް ހެއްޔެވެ؟ ބައެއް މީހުންގެ ނަޒަރުގައި އެއީ، ރަށްރަށާއި ފަޅުތައް ދީގެން ޓޫރިޒަމް ވިޔަފާރިވެރިންގެ އަތުން ނެންގެވި ރިޝްވަތެވެ. އެކަމަކު އެއީ އަދީބުގެ "އެރުމާއި ވެއްޓުމާ" ގުޅިފައި އޮތް ވާހަކައިގެ އެއް ބަ އެވެ. އަސްލު ބައި އެނގުނީ ރައީސްގެ ރަސްމީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު ނިއުޅުނު ހަގީގަތްތަކުންނެވެ. ގާތް ދެ އެކުވެރިން، ގާތް ދެ ރޭވުންތެރިން، ގާތް ދެ މަކަރުވެރިން، އެކަކު އަނެކަކާ ދެކޮޅަށް ނުކުންނެވި ހިސާބުންނެވެ.
ހަގީގީ ބާރު އަބަދުވެސް އޮންނާނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގަ އެވެ. އެހެންކަމުން ގައުމުގެ ތަރައްގީގެ ނަން ކުރިއަށް ނެރުއްވައިގެން ފަހަތުގައި ހިޔާނާތުގެ ބޮޑެތި އަމަލްތައް ހިންގަވަމުން ގެންދެވި ރައީސް ޔާމީނާއި ނައިބު ރައީސް އަދީބުގެ ތެޅުމުގައި ކުރި ހޯއްދެވީ ރައީސެވެ. އަދި އެ ކުރި ހޯއްދެވުމުގައި އެމަނިކުފާނުގެ ކުރިފުޅުމަތީގައި އޮތީ، އަމިއްލަ ނަންފުޅު ޚަރާބުވިޔަސް، އެމްއެމްޕީއާރުސީގެ އަޑި ނޭނގޭ ހިޔާނާތުގެ ވާހަކަ ވިދާޅުވުމެވެ.
ހިޔާނާތަކީ ރާއްޖޭގެ ވެރިންނާ ގުޅިފައި އޮތް ސިފައެކެވެ. ކޮންމެ ސަރުކާރަކުން ވެސް ހިޔާނާތުގެ ބޮޑެތި މައްސަލަތައް ފެނެ އެވެ. އެކަމަކު އެމްއެމްޕީއާރުސީގެ ހިޔާނާތް ބިޔަވެފައި ތަފާތެވެ. ކުރިން ނަމަ ދައުލަތުގެ މުދަލާއި ދައުލަތުގެ ވިޔަފާރިތަކުން ދައުލަތުގެ ވެރިންނާއި މުވައްޒަފުން ހިޔާނަތް ހިންގާފައި ހުރީ "ކަޓު ނެގުމު"ގެ ތެރެއިންނެވެ. މިސާލަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްުގެ ވެރިކަމުގައި އެފްޕީއައިޑީގެ ހިޔާނާތެވެ. އެ ހިޔާނާތުގެ ބައިވެރިން މުއްސަނދިވީ، މަސް ފެކްޓަރީއަށް ގެންނަ ސާމާނާއި ބޭރަށް މަސް ވިއްކުމުގެ ތެރެއިން ނެގި ކަޓުތަކުންނެވެ. ދައުލަތަށް ލިބެން އޮތް އެއްޗެއް އެކުގައި ކާލައިގެންނެއް ނޫނެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް، އަދީބު ހިންގެވީ މުޅިން އެހެން ކަހަލަ ވައްކަމެކެވެ. ރިސޯޓް ހަދަން ރަށްރަށާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ވެސް ފޭރިގަތީ އެވެ. އޭގެ އިތުރުން، އެ ރަށްތަކާއި ފަޅުތައް ކުއްޔަށް ނެގި ފަރާތްތަކުގެ އަތުން، ދައުލަތަށް ދައްކާ އަގުގެ އިތުރުން، ރިޝްވަތަށް ނުވަތަ ޒަމާނީ ބަހުން ނަމަ "ކަޓަށް" ވެސް އެތައް މިލިއަން ޑޮލަރެއް ނަންގަވާފައި ހުރުން ވަރަށް ގާތެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަގު 4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް، އެސެޓްސް ރިކަވަރީ ކޮމިޝަނުން ލަފާކުރަނީ އެ ނަޒަރުން ވިސްނައިގެންނެވެ.
އަދީބު ޖަލުގައި ހައްޔަރުކޮށްފައި ހުރި ދުވަސްވަރު، މާލެ ގެނެސް އަނބުރާ ގެންދަން ލޯންޗަށް އަރުވަނީ: އޭނާ މިހާރު ހުންނެވީ ގޭގައި
މިސާލަކަށް ވިޔަފާރިވެރިޔަކަށް ދިން ފަޅަކުން ސަރުކާރަށް އޭނާ ދެއްކީ 5 މިލިއަން ޑޮލަރެވެ. އެކަމަކު ހަގީގަތުގައި އެ ފަޅުގެ އަގު އުޅެނީ 10 މިލިއަން ޑޮލަރުގަ އެވެ. ފަސް މިލިއަން ޑޮލަރު މި އަތުލައްވަނީ އަދީބެވެ. އޭގެ ފަހުން އެ ވިޔަފާރިވެރިޔާ އެމްއެމްޕީއާރުސީއަށް ދެއްކި ފަސް މިލިއަން ޑޮލަރުގެ ޗެކް ވެސް، އަދީބުގެ ގާތް ރަހުމަތްތެރިޔާ މުހައްމަދު ލަތީފު (މޮހޯ)ގެ ކުންފުނި އެސްއޯއެފް މެދުވެރިކޮށް ފޭރިގަންނަނީ އެވެ. އެހެންކަމުން ދިވެހި ދައުލަތުގެ، ދިވެހި ރައްޔިތުންގެ، 10 މިލިއަން ޑޮލަރުގެ އަގުހުރި މުދަލެއްގެ މުޅި އަގު، އަދީބު ބަދަލުކުރެއްވީ އޭނާގެ އެއްޗަކަށެވެ. އެ ފައިސާ ދެން ހޭދަކުރެއްވީ ސިޔާސީ ބާރުވެރިކަން ހޯއްދެވުމަށެވެ.
ފައިސާގެ ބާރު ގަދަވި ވަރަކަށް އަދީބުގެ އެދުން ވެސް ދިޔައީ މައްޗަށެވެ. ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންނަކީ އޭނާގެ "އަޅުންނެ"ވެ. ބައެއް ފަނޑިޔާރުންނަކީ އޭނާގެ ގޮނޑިކޮއްކޮ އެވެ. ފުލުހުންނާއި ސިފައިންގެ ބައެއް ވެރިންނާއި އެކި ފަންތީގެ މީހުންނަކީ އޭނާގެ ކުޅޭ ސާމާނެވެ. މިހާ ވަރަށް ދައުލަތުގެ މުއައްސަސާތަކުގެ ތެރެއަށް ފައިސާ ފެތުރާލައްވައި، "ކިންގް" ހެއްދެވިގެން އަދީބު އުޅުއްވީ ރައީސް ޔާމީނާ ކުރިމަތިލައްވަން ޖެހޭ ވަގުތެއްގައި ވެސް ކާމިޔާބު ކުރައްވާނެކަމުގެ އުއްމީދުގަ އެވެ.
"ފިނިފެންމާ" ލޯންޗުގެ ގޮވުމާ އެކު އޭނާއާ ދިމާއަށް ޔާމީންގެ ތުހުމަތުގެ އިނގިލިކޮޅު އަމާޒުވެފައި ހުއްޓަސް، އަދީބު މަތިހަށި ފުއްޕީ، އެ ކޮންޓްރޯލް އޮތް ކަމަށް ބައްލަވައިގެންނެވެ. ލޯންޗު ހަމަލާގެ ކުރިން ވެސް ޗައިނާއަށް ރޭވިފައި އޮތް ރަސްމީ ދަތުރުގައި ބޭރަށް ވަޑައިގެންނެވުމުން، އިހަށް ރާއްޖެ ވަޑައިނުގެން މަޑުކުރައްވަން ބައެއް އެކުވެރިން ނަސޭހަތްތެރިވި ކަމަށް ވެ އެވެ. އެކަމަކު ރައީސްގެ އެންގެވުމަށް ފުލުހުން އޭނާ ހައްޔަރުކުރިޔަސް، ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާނެ ކަމުގެ "ޔަގީންކަން" އޮތީ، އެ ވަރަށް ފަނޑިޔާރުން ކޮންޓްރޯލްކުރެއްވުމުންނެވެ.
ޔާމީނަކީ އަދީބު އޭރު ހީކުރެއްވި ކަހަލަ، މަޑުން ހުންނަވާނެ ފަދަ ރައީސަކަށް ނުވި އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ޔާމީންގެ ގެކޮޅަށް ރޭގަނޑު ގެންނަވައި، އެތައް ގަޑިއިރެއް ވަންދެން ދެއްކެވި ވާހަކަތައް އެނގިވަޑައިގަންނަވާނީ އެ ދެ ބޭފުޅުންނަށެވެ. އާންމުންނަށް އެނގުނީ، އަދީބު ރާއްޖެ ވަޑައިގަތުމާ އެކު ހައްޔަރުކުރި ކަމެވެ. ބަންދުގެ މުއްދަތު އިތުރުކުރަމުން ގެންދިޔަ ކަމެވެ. އޭގެ ފަހުން އޭނާ އެ އުޅުއްވަނީ ޖަލުގަ އެވެ. ނުވަތަ ގޭބަންދުގަ އެވެ.
އެންމެ ފަހުން 20 އަހަރުގެ ޖަލުގެ ހުކުމަކާއި އެންމެ ދެ މިލިއަން ރުފިޔާ ޖޫރިމަނާއެކެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ހިންގި އެންމެ ބޮޑު ހިޔާނާތުގެ އެންމެ އިސް ރޭވުންތެރިޔާއަށް ލިބެން ޖެހޭ ހައްގު އަދަބު ހެއްޔެވެ؟ މި ހިޔާނާތުގެ އެއް ބައިވެރިޔާ ޔާމީނަށް، އަދީބަށް ވުރެ މާ ކުރު މުއްދަތުގެ ހުކުމެއް އިއްވާފައިވާއިރު އަދީބާ ހިލާފަށް އެމަނިކުފާނުގެ ދުވަސްތައް ހޭދަކުރައްވަމުން އެ ގެންދަވަނީ ޖަލުގަ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު، އަދީބަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުން ވިދާޅުވީ އޭނާ ކުރެއްވީ "ދައުލަތް ފަލީހަތްވެގެން ދިޔަ ކަންތައްތަކެއް" ކަމަށެވެ. "އޭގެ ސަބަބުން ގެއްލުނީ އެންމެ މީހެއްގެ ހައްގެއް ނޫން" ކަމާއި "އިންސާފު ގާއިމުވެ، ތައުބާވެވުނު ކަމަށް ވާނީ އެ ފައިސާ އަނބުރާ ދައުލަތަށް ހޯދައިދީ، އެ ޚިޔާނާތުގެ ހަގީގަތް ހާމަކުރުމުން ކަމަށް" ގާޒީ ވިދާޅުވި އެވެ.
ރަނގަޅު ވާހަކައެކެވެ. އާންމުކޮށް ރާއްޖޭގެ ކޯޓުތަކުން ހުކުމްކުރާ އިރު ފަނޑިޔާރުގެ ފަރާތުން ނީވޭ ކަހަލަ ބަސްތަކެކެވެ. އެކަމަކު ފަލީހަތަކީ އަދީބު ކަހަލަ ބޭފުޅުން މާ ކަންބޮޑުވާ ޒާތުގެ ސިފައެއް ނޫނެވެ. އަދީބުގެ ފަރާތުން ނާޖާއިޒު ފައިދާ ލިބުނު އެކަކު ވެސް، އެ ފަލީހަތާ މެދު ކަންބޮޑެއް ނުވާނެ އެވެ. އެއަށް ވުރެ އެ މީހުންގެ އެދުންތައް ބޮޑެވެ. އެމީހުން ބޭނުންވީ ކޮންމެ ގޮތަކުން ވެސް ފައިސާ އެވެ. އެއީ ހައްގު ގޮތުގައި ހޯދި އެއްޗެއްތޯ، ރައްޔިތުންގެ ފައިސާތޯ ނުބަލަ އެވެ.
އަދީބުގެ އެރުމާއި ވެއްޓުމުން ގައުމަށް ލިބުނީ ކޮން ކަހަލަ އިބުރަތެއްތޯ ސުވާލުކޮށްލަމާ ހިނގާށެވެ. އޭނާގެ ހިޔާނާތުން މަންފާ ލިބުނު ސިޔާސީ މީހުން އެ ތިބީ ރައްޔިތުންގެ ކުރިމަތީގައި މޮޅު ވާހަކަ ދައްކަދައްކަ އެވެ. ރައްޔިތުން އެ މީހުން ބަލައިގަނެ އެވެ. އެމީހުންގެ ވާހަކަތަކަށް އަތް ޖަހަނީ އެވެ. އެ ހިޔާނާތުގެ މައި ބައިވެރިން އެ އުޅެނީ އިނގިރޭސި ވިލާތުގަ އެވެ. ކުށްވެރިންގެ ގޮތުގައި އެ މީހުން ގެނައުމުގެ ހިތްވަރެއް މި ސަރުކާރުގެ ވެސް ނެތެވެ. ހިޔާނާތުގެ ފައިސާ ގަބޫލުކުރި އެތައް ބަޔަކު މިހާރުގެ މަޖިލިހާއި މިހާރުގެ ސަރުކާރުގައި ވެސް އެ އުޅެނީ އެވެ. އެއްވެސް ކަމެއް ނުވާ ފަދަ އެވެ.
އަދީބު ޖަލަށް ލާން ކުރި ހުކުމާ އެކު މާލޭ ޖަލަށް ގެންގޮސް އިރުކޮޅެއްގެ ތެރޭގައި އެ ހުންނެވީ ގޭގަ އެވެ. ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހާއި ސަރުކާރުން، ރައްޔިތުންނަށް ބުނެދޭން މި އުޅެނީ ކޮން ކަމެއް ހެއްޔެވެ؟ ރައްޔިތުންނަށް ދައްކައިދޭން އެ އުޅެނީ ކޮން މަންޒަރެއް ހެއްޔެވެ؟
"ގައުމަށް ޚިދުމަތްކުރުމަކީ ފަޚުރެއް" ކަމަށް ވިދާޅުވެ އޭގެ ފަހުން އަދީބު އެ ހިންގެވި ހިޔާނާތާއި އޭގެ ބައިވެރިންނަށް ލިބޭ އަދަބުތަކާއި އާންމުން އެ މީހުންނާ މެދު ދެކޭ ގޮތަށް ބަލާ ނަމަ، ފެންނަނީ ހަމަ އެންމެ އިބުރަތެކެވެ: އަހަރެމެންނަށް ވަރިހަމަ އެވެ.
އަދީބު ޝަރީއަތް ނިމެންދެން ބަންދުކުރަން އެދިއްޖެ
ބޮޑު ހިޔާނާތް: "މައްސަލަ ބެލޭނެ މާހައުލެއް ނެތް"
އަދީބުގެ ދައުވާތައް ބާތިލްކުރި ގާޒީގެ މައްސަލަ ބަލަނީ
އަދީބު ފުރުން މަނާކޮށްފި
"އަދީބު 800 އަހަރަށް ޖަލަށް ލެވޭނެ ހެކި އެބަހުރި"
ދައުވާތައް ބޭރުކޮށްލި މައްސަލަ އިސްތިއުނާފު ކުރާނީ
ދައުވާތައް ބޭރުކޮށްލުމާއެކު، އަދީބު މިނިވަންވެެއްޖެ
އެއްބަސްވުމެއް ހެދީ ބޭރަށް ފޮނުވާ ގޮތަށް: އަދީބު
އަދީބުގެ ވަކީލުގެ އެދިވަޑައިގަތުމަށް ޝަރީއަތް ކެންސަލް
އަދީބުގެ ހުކުމް މިއަދު ނިމޭނެ، އެހެން ބަންދު އަމުރެއް