Roadha Mihaaru
އަދީބު ފުރުން މަނާކޮށްފި

އަދީބު ފުރުން މަނާކޮށްފި

14 ޖުލައި 2020

ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސްގެ އަހުމަދު އަދީބުގެ މައްޗަށް ކުރި ހުރިހާ ދައުވާތަކެއް ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލުމުން އަދީބު މިނިވަން ވެފައި ވިޔަސް، ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން މިރޭ އަމުރެއް ނެރެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސްގެ އަހުމަދު އަދީބުގެ މައްޗަށް ކުރި ހުރިހާ ދައުވާތަކެއް ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލުމުން އަދީބު މިނިވަން ވެފައި ވިޔަސް، ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން މިރޭ އަމުރެއް ނެރެފި އެވެ.

އަދީބު ފުރުން މަނާކުރުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދުނީ ފުލުހުންނެވެ. ސަބަބެއް ކަމަށް ފުލުހުން ބުނީ، އަދީބުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް އުފުލާފައިވާ ދައުވާތައް އެ ކޯޓުން މިއަދު ބާތިލް ކުރުމުން، އެ މައްސަލަ ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާތީ ކަމަށެވެ.

އަދީބު ފުރުން މަނާކުރިއިރު، އޭނާ ދިރިއުޅުއްވާ ގޭގެ ބޭރުގައި މިހާރު ވެސް ފުލުހުން އެބަ ހަރަކާތްތެރިވެ އެވެ. ގޭ ބަންދުގައި ހުއްޓާ މީގެ ކުރިން އަދީބު ވަނީ ޓަގް ބޯޓެއްގައި ފިއްލަވައިފަ އެވެ. ނަމަވެސް އަދީބު ހޯދައި ރާއްޖެ ގެނެސް، ފިއްލެވި މައްސަލައިގައި ވެސް ހުކުމް ކުރި އެވެ. އެ ހުކުމް ވެސް އަދީބު ވަނީ ތަންފީޒު ކުރައްވައިފަ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން ކުރި ހަތް ދައުވާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ނިންމައިފަ އެވެ. އެ ނިންމުމާ އެކު، ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރެއްގެ ދަށުން ގޭ ބަންދުގައި ހުންނެވި އަދީބު އެއްކޮށް މިހާރު ވަނީ މިނިވަން ވެފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް، މިއަދު ވިދާޅުވީ އަދީބުގެ މައްޗަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލުން އެއްވެސް ގޮތަކަށް ބަލައިނުގަނެވޭނެ ކަމަށާއި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނުފް ކުރައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، އަދީބު ބަންދު ކުރުމުގެ އަމުރަކަށް އަލުން އެދިވަޑައިގަންނަވާނީ ހައްޔަރު ކުރަންޖެހޭ ސަބަބެއް އޮވެއްޖެ ނަމަ އެވެ. އެކަމަކު، އަދީބު ފުރުން މަނާ ކުރުމުގެ އަމުރަކަށް އެދޭނެ ކަމަށް ޕީޖީ ވިދާޅުވެފައި ވެ އެވެ.

ކްރިމިނަލް ކޯޓުން ނިންމުމުގައި ވަނީ އަދީބާ އެކު، ދައުލަތުން އިއުތިރާފްގެ އެއްބަސްވުން ހަދާފައިވަނީ އަދީބު ރާއްޖެ އިން ބޭރަށް ބޭސްފަރުވާއަށް ފޮނުވަން ޝަރުތު ކުރުމަށް ފަހު ކަމަށާއި އެކަމަކު ގައިދީންގެ ބޭސްފަރުވާއާ ގުުޅޭ ކަންކަމަކީ ޕީޖީގެ ޒިންމާއެއް އޮތް ކަމަކަށް ނުވާތީ އެ އެއްބަސްވުން ސައްހަ ނޫން ކަމަށެވެ. އެހެންވެ، އެއްބަސްވުމުގެ ދަށުން ހޯދާފައިވާ އިއުތިރާފުގެ ބަޔާނަކީ މަޖުބޫރުން ހޯދި ބަޔާނެއް ކަމަށް ބަލަންޖެހޭ ކަމަށާއި އެއީ ޓޯޗާގެ އަމަލެއް ކަމަށް ވެސް ކޯޓުގެ ނިންމުމުގައިވެ އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި، ބަންދުގައި ތިބޭ މީހުންގެ ބޭސްފަރުވާގެ ކަންކަމާ ބެހޭގޮތުން ކްރިމިނަލް ކޯޓުން އަބަދުވެސް ދައުލަތަށް ސުވާލު އަމާޒު ކުރެ އެވެ. އެހެންވެ، ބޭސްފަރުވާގެ ކަންކަމަކީ ޕީޖީގެ ޒިންމާއެއް ނޫން ކަމަށް ބެލެވޭނެ ގޮތެއް ނޯންނާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި ގާނޫނުއަސާސީން އެ ޒިންމާ ޕީޖީއާ މަތި ކޮށްފައިވާ ކަމަށާއި އެގޮތަށް އިއުތިރާފުގެ އެއްބަސްވުން ހެދުމަށް އެދިވަޑައިގަތީ ވެސް އަދީބު ކަމަށާއި ބޭސްފަރުވާ ނިމުނު ފަހުން ވެސް އަދީބު ތަހުގީގަށް ބަޔާން ދެއްވި ކަމަށް ޝަމީމް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ އިތުރުން ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނާ މައްސަލާގައި 33 އަހަރަށް އަދީބު ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރިން ހުކުމްކުރި އެވެ. އެކަމަކު އެ ހުކުމްތައް ފަހުން ހައި ކޯޓާއި ސުޕްރީމް ކޯޓުން އޮތީ ބާތިލްކޮށްފަ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން މިހާރު ޖަލުގައި ހުންނެވީ ޔާމީން އެކަންޏެވެ. އެމައްސަލައިގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަދީބު މިއަދު މިނިވަންވިއިރު އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔަތު ވެސް ހުރީ ގޭ ބަންދުގަ އެވެ. ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ކުށްސާބިތު ކުރަން ދައުލަތުގެ ފަރާތުން ހެކީގެ ގޮތުގައި އަދީބާއި ޒިޔަތު ހުށަހެޅި އެވެ. އެ ދެ ބޭފުޅުން ވަނީ ކޯޓުގައި ޔާމީންގެ އެންގުމަށް ހިޔާނާތްތެރިވި ކަމަށް އެއްބަސްވެފަ އެވެ.