Roadha Mihaaru
އާޒިމް ތަހުގީގު އަނބުރާލަން ރިޝްވަތު ނެގިކަމުގެ ދައުވާ

އެމްއެމްޕީއާރުސީގެ ތަހުގީގު އަނބުރާލަން އާޒިމް 100،000 ޑޮލަރުގެ ރިޝްވަތު ނެގި މައްސަލައިގައި ދައުވާކޮށްފި

28 ޑިސެމްބަރ 2020

ކުރީގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގު އަނބުރާލަން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިންވެސްޓިގޭޓަރެއްގެ ގޮތުގައި ހުރެ 100،000 ޑޮލަރުގެ ރިޝްވަތު ނެގި ކަމުގެ ދައުވާއާ އެކު ހަތަރު ދައުވާއެއް އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އަބްދުﷲ އާޒިމްގެ މައްޗަށް އުފުލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގު އަނބުރާލަން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިންވެސްޓިގޭޓަރެއްގެ ގޮތުގައި ހުރެ 100،000 ޑޮލަރުގެ ރިޝްވަތު ނެގި ކަމުގެ ދައުވާއާ އެކު ހަތަރު ދައުވާއެއް އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އަބްދުﷲ އާޒިމްގެ މައްޗަށް އުފުލައިފި އެވެ.

އޭސީސީގެ އިންވެސްޓިގޭޓަރެއްގެ ގޮތުގައި ހުރިއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފްގެ އެކައުންޓުން 100،000 ޑޮލަރު ޖަމާވި މައްސަލަ ފަޅާއެރުމުން އާޒިމް ވަނީ ތުހުމަތު ދޮގުކުރައްވައިފަ އެވެ. އޭރު އޭނާ ހުންނެވީ އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރުކަމުގެ މަގާމުގަ އެވެ. އެކަމަކު ފަހުން އޭނާ ސަސްޕެންޑްކުރީ އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އާޒިމްގެ މައްޗަށް ހަތަރު ދައުވާއެއް ކްރިމިނަލް ކޯޓަށް ހުށަހެޅީ ފުލުހުންނާއި އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ހިންގާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގުގެ ތެރެއިން ކަމަށެވެ. އެއީ ރިޝްވަތު ހިފުމުގެ ދެ ދައުވާ އަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެކެވެ.

ޕީޖީ އޮފީހުގެ ބަޔާނުގައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ އޭސީސީން ތަހުގީގު ކުރަމުން ދިޔައިރު އެ މައްސަލައިގައި އިސްކޮށް އުޅުއްވި ކަމަށް ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ސަރުކާރުގެ އިސް ވެރިންގެ މައްސަލަތައް ވަކި ގޮތަކަށް އަނބުރާލަން އާޒިމް 100،000 ޑޮލަރުގެ ރިޝްވަތު ނަގާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.

ތަހުގީގު ވަކި ގޮތަކަށް އަނބުރާލުމުގެ އިތުރުން ތަހުގީގާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށާއި ކޮމިޝަންގެ ސިއްރު މައުލޫމާތު ދިނުމަށް އާޒިމްގެ އެކައުންޓަށް 50،000 ޑޮލަރުގެ އެއް ޗެކް ޖަމާކޮށްފައި ވަނީ ޖޫން، 2، 2015 ގައި ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ. އަނެއް 50،000 ޑޮލަރުގެ ޗެކު ލިބިގަނެ ޖޫން، 15، 2015 ގައި އެ ފައިސާ ޖަމާކުރީ ބީއެމްއެލްގައި ހުޅުވާފައިވާ އޭނާގެ ކޮއްކޮއެއްގެ އެކައުންޓަށް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މިއީ ޑޮލަރު ގަނެ ވިއްކުމުގެ މުއާމާލާތެއް ކަމަށް ދެއްކުމުގެ ގޮތުން، އާޒިމްގެ ކޮއްކޮގެ އެކައުންޓުން 771،000ރ ޗެކެއް، އެސްއޯއެފްގެ އަހްމަދު އިޝްފާހަށް ދޫކޮށްފައިވާ ކަމަށް ތަހުގީގުން އެނގޭ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.

ޚިޔާނާތާ ގުޅިގެން އޭސީސީން ކުރި ތަހުގީގުގެ ތަފްސީލް ރިޕޯޓް އާއްމުކުރި އިރު، ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ލިބުނު ފައިސާ އެސްއޯއެފުން ޖަމާކުރި 155 މީހުންގެ ލިސްޓުގައި އާޒިމްގެ ނަން ވެސް އޮތެވެ.

އާޒިމް އޭރު "މިހާރު"އަށް ވިދާޅުވެފައި ވަނީ އެސްއޯއެފުން އޭނާގެ އެކައުންޓަށް ޗެކެއް ޖަމާވީ ޑޮލަރުގެ މުއާމަލާތް ހިންގާތީ ކަމަށެވެ. ޚިޔާނާތާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ވިދާޅުވެފައިވެ އެވެ.