Roadha Mihaaru
އަދީބުގެ ހުކުމް މިއަދު ނިމޭނެ، އެހެން ބަންދު އަމުރެއް

އަދީބުގެ ޖަލު ހުކުމް މިއަދު ނިމެނީ، އެކަމަކު ބަންދުގެ އިތުރު އަމުރެއް އޮތުމުން މިނިވަނެއް ނުވޭ

03 ޖެނުއަރީ 2020

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވާފައިވާ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމް މިއަދު ތަންފީޒުކޮށް ނިމޭ ގޮތަށް އޮތަސް، އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރެފައިވާ އެހެން އަމުރެއް އޮތުމުން އެއްކޮށް މިނިވަން ނުވާނެ ކަމަށް ވަކީލުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވާފައިވާ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމް މިއަދު ތަންފީޒުކޮށް ނިމޭ ގޮތަށް އޮތަސް، އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރެފައިވާ އެހެން އަމުރެއް އޮތުމުން އެއްކޮށް މިނިވަން ނުވާނެ ކަމަށް ވަކީލުން ބުނެފި އެވެ.

އަދީބު، ތިން މަހާއި 18 ދުވަހަށް ޖަލަށްލާން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކްރިމިނަލް ކޯޓުން ހުކުމްކުރީ އެ ކޯޓުގެ އަމުރެއްގެ ދަށުން އޭނާ ފުރުން މަނާ ކޮށްފައި ވަނިކޮށް، ފިއްލަވައިގެން ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވި މައްސަލައިގަ އެވެ. އަދީބަށް އެ ހުކުމް އައީ، ދައުލަތުން ކުރި، ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ. އަދި ފަހުން ދައުލަތުން ވަނީ ޚިޔާނާތުގެ އިތުރު ދައުވާތަކެއް ވެސް އެމަނިކުފާނުގެ މައްޗަށް އުފުލައިފަ އެވެ.

އަދީބުގެ ވަކީލް މަހްފޫޒް ސައީދު މިއަދު ވިދާޅުވީ، ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމް މިރޭ 12:00 އަށް ތަންފީޒުކޮށް ނިމޭނެ ކަމަށެވެ. އެކަމަކު އެ ހުކުމް ތަންފީޒުކޮށް ނިމޭ ދުވަހުން ފެށިގެން، އަދީބުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން މިދިޔަ މަހު ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް މަހްފޫޒު ވިދާޅުވި އެވެ. އެގޮތަށް އަމުރުކުރީ ފަހުން އަދީބުގެ މައްޗަށް ކުރި ޚިޔާނާތުގެ ދައުވާތަކާ ގުޅިގެން ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ކަރެކްޝަންސްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

އަދީބު ޖަލަށްލާން ހުކުމް ކުރިޔަސް، އެމަނިކުފާނުގެ ސިއްހީ ހާލަތު ހުރިގޮތުން އަދިވެސް ހުންނެވީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.

އަދީބުގެ މައްޗަށް ފަހުން ދައުލަތުން ކުރީ ހަތް ދައުވާ އެކެވެ. އެއީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާއެއްގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެކެވެ.

އަދީބުގެ މައްޗަށް ކުރިން ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ. އެކަމަކު ފަހުން ހައި ކޯޓާއި ސުޕްރީމް ކޯޓުން ވަނީ އެ ހުކުމްތައް ބާތިލްކޮށްފަ އެވެ.