14 ޖުލައި 2020
ކުރީގެ ނައިބު ރައީސްގެ އަހުމަދު އަދީބުގެ މައްޗަށް ކުރި ހުރިހާ ދައުވާތަކެއް ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލުމުން އަދީބު އެއްކޮށް މިނިވަންވެއްޖެ އެވެ.
ކުރީގެ ނައިބު ރައީސްގެ އަހުމަދު އަދީބުގެ މައްޗަށް ކުރި ހުރިހާ ދައުވާތަކެއް ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލުމުން އަދީބު އެއްކޮށް މިނިވަންވެއްޖެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ހަތް ދައުވާއެއް ދައުލަތުން ކުރެ އެވެ. އެއީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާއެއް އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެކެވެ.
އެ ދައުވާތަކަށް އިއުތިރާފްވުމުގެ އެއްބަސްވުމެއް އަދީބާއި ދައުލަތާ ދެމެދު ހަދާފައި އޮވެ އެވެ. އެކަމަކު އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އަދީބު ވިދާޅުވެފައި ވަނީ އޭރު އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އޭނާ ޖަލުގައި ހުންނެވިއިރު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށް އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އައިޝަތު ބިޝާމާއި އޭރުގެ ބައެއް ފުލުހުންގެ އިސްވެރިން ޔަގީންކަން ދެއްވުމުން ކަމަށެވެ. އެހެންވެ، ފަނޑިޔާރުގެ ގިނަ ސުވާލުތަކެއް އެ އަޑުއެހުމުގައި ދައުލަތަށް އަމާޒުވި އެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި އެ އެއްބަސްވުމާ ގުޅޭގޮތުން ގޮތެއް ނިންމަވަމުން އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ، ބޭސްފަރުވާ ލިބުމަކީ އެއްވެސް ތަފާތު ކުރުމެއް ނެތި ކޮންމެ މީހަކަށް ލިބެންޖެހޭ ހައްގެއް ކަމަށާއި ހުކުމެއް ތަންފީޒު ކުރުމުގެ ގޮތުން ޖަލުގައި ތިބޭ ގައިދީންނަށް ފަރުވާ ދިނުމަކީ ދައުލަތަށް ލާޒިމު ކަމެއް ކަމަށެވެ. ބޭސްފަރުވާ ލިބޭނީ ވަކި ކުށްތަކަކަށް އިއުތިރާފްވުމުން ކަމަށް ޝަރުތުކޮށް، އެއްބަސްވުން ހެދުމުގެ ބާރެއް ދައުލަަތަށް ނޯންނާނެ ކަމަށާއި އެއީ ޓޯޗާގެ އަމަލެއްގެ ގޮތުގައި ބެލެވިދާނެ ކަމެއް ކަމަށް ގާޒީ އިސްމާއިލް ވިދާޅުވި އެވެ.
ގާޒީ ވިދާޅުވި ގޮތުގައި، އެ އެއްބަސްވުމުގެ ދަށުން އަދީބުގެ އިއުތިރާފްގެ ބަޔާނެއް ތަހުގީގަށް ހޯދާފައި ވާއިރު، އެއީ ވެސް ސައްހަ ބަޔާނެއް ކަމަށް ނުބެލެވޭނެ އެވެ. ސަބަބަކީ ފަރުވާ އަށް ފޮނުވަން ޝަރުތުކޮށް އެފަދަ އެއްބަސްވުމެއްގައި ސޮއި ކުރުވައި، އޭގެ ދަށުން އިއުތިރާފު ބަޔާނެއް ހޯދުމަކީ މީހަކަށް މަޖުބޫރު ކޮށްގެން ބަޔާނެއް ހޯދުން ކަމަށާއި އެފަދަ އެއްވެސް ބަޔާނެއް ޝަރީއަތަށް ބަލައިގަތުން ގާނޫނުއަސާސީ މަނާކުރާތީ ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީ އިސްމާއިލް ވިދާޅުވީ، ބޭސްފަރުވާ އަށް ފޮނުވަން ޝަރުތުކޮށް، އިއުތިރާފްގެ އެއްބަސްވުން ހެދުމުގައި ޕްރޮސެކިއުޓާ ޖެނެރަލާއި ފުލުހުން އޭރު އަމަލުކުރީ ވެސް ގާނޫނާ ޚިލާފަށް، އަދި ސުވާލު އުފެދޭ ފަދަ ގޮތަކަށް ކަމަށެވެ. އަދި ގައިދީންގެ ބޭސްފަރުވާގެ ކަންކަމަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ކަރެކްޝަންސް އާއި ހޯމް މިނިސްޓަރު ޒިންމާވާން ޖެހޭ ކަންކަން ކަމަށާއި އެކަމުގައި ޕީޖީގެ އެއްވެސް ދައުރެއް ގާނޫނީ ގޮތުން ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންވެ، އެއީ ގާނޫނުން ނުލިބޭ ބާރެއް ޕީޖީ ބޭނުން ކުރުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވި ގޮތުގައި އަލުން އެމްއެމްޕީއާރުސީގެ މައްސަލަ ފުލުހުން ތަހުގީގު ކުރީ ވެސް ނުފޫޒުން އެއްކިބާވެގެން ތިބެ ކަމާ މެދު ސުވާލު އުފެދޭ ގޮތަކަށެވެ. ސަބަބަކީ ކުރިން ވެސް އެ މައްސަލަ ތަހުގީގުކުރި ފުލުހުން ދެވަނަ ފަހަރަށް އެ ތަހުގީގުގައި ހަރަކާތްތެރި ވެފައިވާތީ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އިއުތިރާފްގެ އެއްބަސްވުން ހެދުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ބައިވެރިވުމެއް އޮތްކަން ވެސް އެނގެން ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.
މީގެ އިތުރުން އިއުތިރާފްގެ އެއްބަސްވުމުގައި ސޮއި ކުރުވުމުގެ ކުރިން ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ވެސް ދައުލަތުން އަދީބާ އެކު ސޮއިކޮށްފައިވާ ކަން ފާހަގަ ކުރައްވައި، ގާޒީ ވިދާޅުވީ އެފަދަ އެއްބަސްވުމެއް ހެދުމުގެ ބާރު ޖިނާއީ އިޖްރާއާތުގެ ގާނޫނުން ދަށުން ދައުލަތަށް ނުލިބޭ ކަމަށެވެ.
ގާޒީ ވިދާޅުވި ގޮތުގައި ދައުލަތުން އެ މައްސަލާގައި އަމަލުކުރި ގޮތުން އެއް ކުށަށް ދެ ފަހަރަށް ދައުވާ ނުކުރުމުގެ ޔަގީންކަން ގެއްލިގެން ހިނގައިދާނެ ކަމަށާއި އެ ދައުވާތައް ކުރީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ މުއްދަތު ހަމަވި ފަހުން ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެ ހަތް ދައުވާ ވެސް ކޮށްފައި ވަނީ ސައްހަ ނޫން އެއްބަސްވުމެއްގެ ދަށުން ކަމަށްވާތީ އެ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެހެންވެ އެ ދައުވާތައް ބާތިލްކުރީ ކަމަށް ވެސް ގާޒީ އިސްމާއިލް ވިދާޅުވި އެވެ.
އެ ދައުވާތައް ބާތިލް ކުރުމާ އެކު، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ހުރި އަދީބު އެއްކޮށް މިނިވަންވީ އެވެ. އޭނާގެ މައްޗަށް ދައުވާކުރާ އިތުރު މައްސަލައެއް ކޯޓެއްގައި މިހާރަކު ނެތެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ އަޑުއެހުމުގައި ގާޒީ އިސްމާއިލް އެގޮތަށް ނިންމަވަން ފެށްޓެވުމުން، އިއުތިރާފްގެ އެއްބަސްވުމާ ގުޅޭގޮތުން މިއަދު ވެސް ވާހަކަ ދައްކަން ދައުލަތުން މަސައްކަތްކުރި އެވެ. ކުރީގެ އަޑުއެހުމެކޭ އެއްގޮތަށް ދައުލަތުން މިއަދު ވެސް ބުނީ އިއުތިރާފްގެ އެއްބަސްވުމާއި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ހެދީ އަދީބު ބޭނުންވެގެން ކަމަށާއި އެއީ ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި ގާނޫނު އޮތްގޮތުން އިބްތިދާއީ އަޑުއެހުންތަކުގައި ކުރިއަށް ގެންދަން ޖެހޭނީ ދައުވާ ސާފުކޮށް ދިނުމާއި ހައްގުތައް ބަޔާންކޮށް ދިނުމުގެ މަރުހަލާ ކަން ވެސް ދައުލަތުން ފާހަަގަކުރި އެވެ.
އެކަމަކު އަދީބުގެ ވަކީލް މަހްފޫޒް ސައީދު ވަނީ ކުރީގެ ވާހަކަތައް ދައުލަތުން އަލުން ތަކުރާރު ކުރަނީ ކަމަށް ވިދާޅުވެ، އެކަމަށް އިއުތިރާޒް ކުރައްވައިފަ އެވެ. އަދި ކުރީގެ އަޑުއެހުމުގައި އިތުރު ފުރުސަތަކަށް ދައުލަތުން އެދިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާޒީ އިސްމާއިލް ވިދާޅުވީ، ކުރީގެ ވާހަކަތައް އަލުން ތަކުރާރު ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށާއި އިއުތިރާފްގެ އެއްބަސްވުމާ ގުޅޭގޮތުން ކޯޓުން ނިންމަނީ އިޖްރާއީ ބައެއް ކަންކަން ފާހަގަވުމުން ކުރީގެ އަޑުއެހުމުގައި ދެ ފަރާތާ ސުވާލު ކުރުމަށް ފަހު ކަމަށެވެ. އަދި ކޯޓުގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ، ދައުލަތަށް ދެން ކުރެވެން ހުރި ކަންކަން ކުރެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގެ އިތުރުން ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނާ މައްސަލާގައި 33 އަހަރަށް އަދީބު ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރިން ހުކުމްކުރި އެވެ. އެކަމަކު އެ ހުކުމްތައް ފަހުން ހައި ކޯޓާއި ސުޕްރީމް ކޯޓުން އޮތީ ބާތިލްކޮށްފަ އެވެ.
އަދީބުގެ އެރުމާއި ވެއްޓުން، ކޮން އިބުރަތެއް؟
އަދީބު ޝަރީއަތް ނިމެންދެން ބަންދުކުރަން އެދިއްޖެ
ބޮޑު ހިޔާނާތް: "މައްސަލަ ބެލޭނެ މާހައުލެއް ނެތް"
އަދީބުގެ ދައުވާތައް ބާތިލްކުރި ގާޒީގެ މައްސަލަ ބަލަނީ
އަދީބު ފުރުން މަނާކޮށްފި
"އަދީބު 800 އަހަރަށް ޖަލަށް ލެވޭނެ ހެކި އެބަހުރި"
ދައުވާތައް ބޭރުކޮށްލި މައްސަލަ އިސްތިއުނާފު ކުރާނީ
އެއްބަސްވުމެއް ހެދީ ބޭރަށް ފޮނުވާ ގޮތަށް: އަދީބު
އަދީބުގެ ވަކީލުގެ އެދިވަޑައިގަތުމަށް ޝަރީއަތް ކެންސަލް
އަދީބުގެ ހުކުމް މިއަދު ނިމޭނެ، އެހެން ބަންދު އަމުރެއް