Roadha Mihaaru
ނިހާންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް

ނިހާންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފި

13 ޖުލައި 2021

އިދިކޮޅު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާންގެ މައްޗަށް ކުރާ ދައުވާތަކުގެ މައްސަލަ ކްރިމިނަލް ކޯޓުގައި މިއަދު ތާވަލު ކުރުމަށް ފަހު ކެންސަލް ކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އިދިކޮޅު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާންގެ މައްޗަށް ކުރާ ދައުވާތަކުގެ މައްސަލަ ކްރިމިނަލް ކޯޓުގައި މިއަދު ތާވަލު ކުރުމަށް ފަހު ކެންސަލް ކޮށްފި އެވެ.

ވިލިމާލޭ ދާއިރާގެ ކުރީގެ މެެމްބަރު ނިހާންގެ މައްޗަށް ދައުލަތުން ހަ ދައުވާއެއް ކުރެ އެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާ އަކާއި ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދައުވާ އެކެވެ.

ނިހާންގެ މައްސަލަތައް މިއަދު ހެނދުނު 9:00 އަަށް ތާވަލު ކުރުމަށް ފަހު، ކެންސަލްކުރީ، އޭނާގެ ވަކީލުންގެ އެދުމުގެ މަތިން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

ނިހާންގެ މައްސަލައިގައި ކުރިން ވެސް އަޑުއެހުންތަކެއް ބާއްވާފައިވެ އެވެ. ނަމަވެސް، އަދި ކުރިއަށް ގެންދަނީ ޝަރީއަތް ފެށުމުގެ ކުރިން އޮންނަ އިބްތިދާއީ މަރުހަލާ އެވެ.

އެ ދައުވާތައް ކުރަނީ އޭނާ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު، އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ކުރެއްވި ދުވަސްވަރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތަށް އެދިވަޑައިގަތުމާއި ރިޝްވަތު ހިފުމާއި އަދީބު ދެއްވި ރިޝްވަތުގެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގަ އެވެ.

ޕީޖީ އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި ނިހާނަށް ވަނީ އެސްއޯއެފުން 150،000 ޑޮލަރު ލިބިފަ އެވެ. އޭނާ ވަނީ އެ ފައިސާ އެހެން ފައިސާތަކާ އެއްކުރުމަށް ފަހު ޕްލެޓިނަމް ރެޒިޑެންސުން އެޕާޓްމެންޓެއް ބައްލަވައިގެންފައި ކަމަށް ވެސް ޕީޖީ އޮފީހުން ތުހުމަތު ކުރެ އެވެ. އަދި ރިޝްވަތުގެ ގޮތުގައި އަދީބުގެ އަތުން ރޮލެކްސް ގަޑިއެއް ވެސް ހޯއްދެވި ކަމަށް ބުނެފައި ވެ އެވެ.

ނިހާނަށް ކުރާ ދައުވާތަކުގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދާ ދައުލަތަށް ނަގައިދިނުމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިފައިވެ އެވެ.

ކުރިން ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއްގެ ގޮތުގައި ޕީޕީއެމްގައި ހުންނެވި ނަމަވެސް، ރިޔާސީ އިންތިހާބަށް ފަހު ނިހާން ވަނީ ޕީޕީއެމް ދޫކުރައްވައި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.