Roadha Mihaaru
ލިވަޕޫލް އޮތީ އެހެން ލެވެލެއްގައި: އާޓެޓާ

ލިވަޕޫލް އޮތީ އެހެން ލެވެލެއްގައި: އާޓެޓާ

28 ސެޕްޓެމްބަރ 2020

ލިވަޕޫލް (ސެޕްޓެމްބަރު 28) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ލިވަޕޫލާ ދެކޮޅަށް ނުކުންނައިރު އެ ޓީމު އޮތީ މިދިޔަ އަހަރުތަކުގައި ދެއްކި ކުޅުމަށް ބަލާއިރު އެހެން ލެވެލެއްގައިކަން ގަބޫލުކުރަން ޖެހޭނެ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

ލިވަޕޫލް (ސެޕްޓެމްބަރު 28) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ލިވަޕޫލާ ދެކޮޅަށް ނުކުންނައިރު އެ ޓީމު އޮތީ މިދިޔަ އަހަރުތަކުގައި ދެއްކި ކުޅުމަށް ބަލާއިރު އެހެން ލެވެލެއްގައިކަން ގަބޫލުކުރަން ޖެހޭނެ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާސެނަލްގެ ކޯޗުކަމާ އާޓެޓާ ހަވާލުވި ފަހުން އާސެނަލުން ވަނީ ވަރަށް ބޮޑަށް އެ ޓީމުގެ ހާލަތު ބަދަލުކޮށްފަ އެވެ. އެ މުއްދަތުގެ ތެރޭގައި އާސެނަލުން ވަނީ ލިވަޕޫލްގެ މައްޗަށް ދެ ފަހަރެއްގެ މަތިން ކުރިހޯދައިފަ އެވެ. އެއީ ލީގުގައި އާސެނަލް ދަނޑުގައި ޖުލައި މަހު 2-1 އިން މޮޅުވި މެޗާއި މި ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުން ޕެނަލްޓީ ޖަހައިގެންނެވެ.

އާޓެޓާ ބުނީ މިރޭ ލިވަޕޫލް ދަނޑުގައި ކުޅޭ މެޗަކީ މުޅިން ތަފާތު މެޗެއް ކަމަށާއި ކުރިން ދެ މެޗުގެ ވިސްނުން މާ ބޮޑަށް ސިކުނޑީގައި ބަހައްޓައިގެން މި މެޗަށް ނުކުތުމަކީ ރަނގަޅުގޮތެއް ނޫން ކަމަށެވެ.

"ލިވަޕޫލުން ފަރުވާކުޑަކޮށްލާތަނެއް ނުފެނޭ. އެ މީހުން މެޗަކަށް ގޮސް 2-0، 3-0 ނޫނީ 4-0 ވިޔަސް އެ މީހުން އަދިވެސް ބޭނުންވަނީ އިތުރަށް ވެސް ކުރިއަށްދާން. އެ ލެވެލަށް އެ މީހުންގެ ވިސްނުން އެ ހުރީ މިދިޔަ ތިން ވަރަކަށް އަހަރު އެއް ޓީމެއް ކުރިއަރުވައިގެން. އެއީ ވަރަށް މޮޅަށް ކޯޗިން ޓީމު ވެސް މަސައްކަތްކޮށްގެން ލިވަޕޫލްގެ ސްކޮޑުގައި އެ ތިބި 24 ނޫނީ 26 ކުޅުންތެރިންގެ ވެސް އެ ހުންނަނީ އެ ރޫހު،" އާޓެޓާ ބުންޏެވެ.

"ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ލިވަޕޫލް މި ވަގުތަށް ބަލާއިރު އެ އޮތީ އެހެން ލެވެލެއްގައި. އެކަމަކު އެއް މެޗުން އަހަރެމެން ކޮޅަށް ނަތީޖާއެއް އަނބުރާލެވިދާނެ. އެކަމަކު އެ ލެވެލަށް ދާން އެބަޖެހޭ އަދި މަސައްކަތްތަކެއް ކުރަން."

އާސެނަލާއި ލިވަޕޫލުން މިރޭގެ މެޗަށް ނުކުންނައިރު އެ ދެ ޓީމު ވަނީ ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެފަ އެވެ. އާސެނަލް އެންމެ ފަހުން ލީގުގައި ލިވަޕޫލް ދަނޑުގައި މޮޅުވީ 2012 ވަނަ އަހަރު އެވެ. އަނެއް ކޮޅުން ލިވަޕޫލް އެންމެ ފަހުން އަމިއްލަ ދަނޑުގައި ލީގު މެޗަކުން ބަލިވީ 2017 ވަނަ އަހަރެ އޭޕްރީލް މަހުގަ އެވެ.

"އަހަރެމެންގެ ލެވެލްގައި އެންމެ މަތީ ފެންވަރުގައި ކުޅެގެން މި މެޗުން މޮޅުވެވިދާނެ. ގޯހެއް ހެދުނަސް މެޗުގެ ކޮންސަންޓްރޭޝަން ގެއްލުނަނުދީ ކުޅެގެން މޮޅުވެސް ވެވިދާނެ. ގަބޫލުކުރަން ޖެހޭ މިއީ އުނދަގޫ މަސައްކަތެއްކަން،" އާޓެޓާ ބުންޏެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ އާސެނަލްގައި އާޓެޓާ ކުރަމުން އަންނަ މަސައްކަތަށް ތައުރީފުކޮށްފަ އެވެ. އަދި މަދު ވަގުތުކޮޅެއްގެ ތެރޭގައި ޓީމެއް އެ ގޮތަށް ބަދަލުކުރެވޭނީ ކޯޗެއް ވަރަށް ރަނގަޅަށް މަސައްކަތްކޮށްގެން ކަމަށް ކްލޮޕް ދެކެ އެވެ.

އާސެނަލުން އެންމެ ފަހުން ލީގުގެ ފުރަތަމަ ތިން މެޗުން މޮޅުވީ 2004-2005 ވަނަ އަހަރުގެ ސީޒަނުގަ އެވެ. ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނެއް ޖެހިގެން އައި ސީޒަންގެ ފުރަތަމަ ތިން މެޗުން އެންމެ ފަހުން މޮޅުވީ މީގެ ނުވަ އަހަރު ކުރިންނެވެ.

އަނިޔާއިން ރަނގަޅުވެ އާސެނަލްގެ ސްކޮޓްލެންޑް ވާތު ބެކް ކިއެރަން ޓިއެރަނީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވާއިރު، އެންމެ ފަހުން ލިވަޕޫލުން ބޭއްވި ފަރިތަކުރުންތަކުގައި އެ ޓީމުގެ ކީޕަރު އެލިސަން ބެކާ އާއި މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާއާ ބައިވެރިނުވެ އެވެ. ރިޕޯޓްތައް ބުނާގޮތުން މިރޭގެ މެޗުގައި ލިވަޕޫލުން އެ ދެ ކުޅުންތެރިން ބޭނުންކުރާނީ މެޗުގެ ކުރިން ބާއްވާ ފިޓްނަސް ޓެސްޓުން ފާސްވެއްޖެނަމަ އެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި އާސެނަލާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.