Roadha Mihaaru
އާޓެޓާއާ ކުރި ޒުވާބު ކްލޮޕް ސާފުކޮށްދީފި

އާޓެޓާއާ ކުރި ޒުވާބު ކްލޮޕް ސާފުކޮށްދީފި

21 ނޮވެމްބަރ 2021

ލިވަޕޫލް (ނޮވެމްބަރު 21) - ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން 4-0 އިން އާސެނަލް ބަލިކުރި މެޗު ހޫނުވެގެން ދެ ޓީމުގެ ކޯޗުން ޒުވާބަކަށް ދިޔަ ސަބަބު ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް ސާފުކޮށްދީ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލިވަޕޫލް (ނޮވެމްބަރު 21) - ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން 4-0 އިން އާސެނަލް ބަލިކުރި މެޗު ހޫނުވެގެން ދެ ޓީމުގެ ކޯޗުން ޒުވާބަކަށް ދިޔަ ސަބަބު ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް ސާފުކޮށްދީ އެވެ.

މައްސަލަ ހޫނުވީ މަތިން އައި ބޯޅައަކަށް ލިވަޕޫލްގެ ސަޑިއޯ މާނޭ އާއި އާސެނަލްގެ ޑިފެންޑަރު ޓަކެހީރޯ ޓޮމިޔާސޫ އެރި ވަގުތު މާނޭ އުޅަނބޮށިން ހަމަލާ ދިންކަމަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ގޮވަން ފެށުމުންނެވެ.

އާޓެޓާ އާއި ލިވަޕޫލްގެ ކޯޗު ކްލޮޕް މެޗުގެ ހަތަރު ވަނަ އޮފިޝަލްގެ ކުރިމަތީ ބަހުގެ ހަމަލާތައް ރައްދުކުރަމުން ދިޔައިރު އާޓެޓާ ބެންޗަށް ގެންނަން ޖެހުނީ އޭނާގެ އެސިސްޓެންޓަށެވެ. އަދި އެއަށް ފަހު ދެ ކޯޗުންނަށް ވެސް ރެފްރީ މައިކަލް އޮލިވާ ވަނީ ރީނދޫ ކާޑު ދައްކައިފަ އެވެ.

"އެ ދަނޑިވަޅު ކަންތައްވީ ގޮތް ވަރަަށް ސާފު، އެއްވެސް ކަމެއް ނުހިނގާ، ދެ ކުޅުންތެރިން ފުންމައިގެން އެރީ ބޯޅައަށް ދެ މީހުން ޖެހުނީކީ ވެސް ނޫން، ފައުލަކަށް ނުވާނެ،" މެޗަށް ފަހު ކްލޮޕް ބުންޏެވެ.

"އާސެނަލް ބެންޗުން ތެދުވީމަ އަހަރެން އެހީ، ކޯއްޗެއްހޭ ބޭނުމީ އެ ފައުލަށް. އެއްވެސް ކޮންޓެކްޓެއް ނުވޭ، އެންމެން ބޭނުންވެފައި ތިބީ (މާނޭ އަށް) ރަތް ކާޑެއް ދައްކަން."

"މިކަމާ އަހަރެން ކަންބޮޑުވޭ، މިފަދަ ދަނޑިވަޅެއްގައި އެންމެން ވެސް މާނޭއާ ދިމާލަށް ދަނީ. އޭނާއަކީ ފިޒިކަލް ކުޅުންތެރިއެއް، އެހެންވެ އޭނާ ވަރުގަދަ ފައުލްތައް ވެސް ކުރޭ. އެތުލެޓިކޯ މެޗުގައި ވެސް (ޗެމްޕިއަންސް ލީގުގައި) އަހަރެން މާނޭ ބަދަލުކުރީ، އެއީ އެ މީހުން ކުޅުނީ މާނޭއަށް ކާޑު ދައްކާތޯ،" މާނޭގެ ދިފާއުގައި ކްލޮޕް ބުންޏެވެ.

ދަނޑުމަތީގައި ހިނގި ދެބަސްވުމަށް ފަހު ކޮލޮޕްގެ އަމަލުތަކަށް ކާޑު ހައްގުކަމަށް ބުނެ، ރެފްރީ އަށް ވެސް އޭނާ ތައުރީފުކުރި އެވެ.

މި ހުރިހާ ކަމަކަށް ފަހު މެޗުން ބަލިވުމުން ވެސް އާސެނަލްގެ ކޯޗު އާޓެޓާ ވަނީ، މެޗަށް ފަހު ކްލޮޕް އާ ސަލާންކޮށް، މަރުހަބާ ކިޔައިފަ އެވެ. އާޓެޓާ ބުނީ، މެޗުގައި ހިނގާދިޔަ ކަންތައް މެޗަށް ފަހު އެ ނިމުނީ ކަމަށެވެ.

"އޭނާ (ކްލޮޕް) ދިފާއުކުރީ އޭނާގެ ޓީމު. ހަމަ އެހެން އަހަރެން ވެސް ޓީމު (އާސެނަލް) ދިފާއުކުރީ. އޭގައި ނެތް މައްސަލައެއް." އާޓެޓާ ބުންޏެވެ.

"އަހަރެން (މެޗަށް ފަހު) ކްލޮޕަށް މަރުހަބާ ވެސް ކީން. މެޗުގައި ހިނގި ކަންކަން އެ ނިމުނީ އެ ވަގުތު."

މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ލީޑު ނެގީ އެލެކްޒެންޑާ އާނޯލްޑުގެ ހިލޭ ޖެހުމަކުން ނެގި ބޯޅައަކުން މާނޭ އެވެ. ދެވަނަ ހާފުގައި ލިވަޕޫލްގެ ލަނޑުތައް ޖެހީ ޑިއޯގޯ ޖޮޓާ އާއި މުހައްމަދު ސަލާހާއި ޓަކީމީ މިނަމީނޯ އެވެ.

މި ނަތީޖާއާ އެކު ލިވަޕޫލުން 25 ޕޮއިންޓާ އެކު އެއްވަނައިގައި އޮތް ޗެލްސީއާ ހަތަރު ޕޮއިންޓަށް ކައިރި ކުރިއިރު، އާސެނަލް އޮތީ ފަސްވަނައިގަ އެވެ.