Roadha Mihaaru
"ސީޒަން ސަލާމަތްކުރަން އާސެނަލް ބަލިކުރުން މުހިއްމު"

ސީޒަން ސަލާމަތްކުރަން އާސެނަލް ބަލިކުރުން މުހިއްމު: ކްލޮޕް

04 މާޗް 2017

ލިވަޕޫލް (މާޗް 4) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ވާދަވެރި އާސެނަލާ ދެކޮޅަށް ނުކުންނައިރު ސީޒަން ސަލާމަތްކުރަން ބޭނުންވާނަމަ މޮޅުވުން މުހިއްމު ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލިވަޕޫލް (މާޗް 4) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ވާދަވެރި އާސެނަލާ ދެކޮޅަށް ނުކުންނައިރު ސީޒަން ސަލާމަތްކުރަން ބޭނުންވާނަމަ މޮޅުވުން މުހިއްމު ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ލީގުގެ ފަސް ވަނައިގައި ލިވަޕޫލް އޮތީ 26 މެޗުން 49 ޕޮއިންޓާ އެކު އެވެ. އާސެނަލް ހަތަރު ވަނައިގައި އޮތީ 25 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ.

ސީޒަން ފަށައިގެން ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ނަމަވެސް މި އަހަރު ފެށި ފަހުން އެ ޓީމުގެ ފޯމު ވަނީ ވަރަށް ބޮޑަށް ގެއްލިފަ އެވެ. ލީގު ކަޕާއި އެފްއޭ ކަޕުން ކެޓިއިރު، ލީގުގައި ވެސް މިއަހަރު އެ ޓީމު ވަނީ ގިނަ މެޗުތަކުން ބަލިވެފަ އެވެ.

"އިތުރަށް ގޯސްތަކެއް ވަންދެން މަޑުކުރެވޭކަށް ނެތް. އަހަރެމެންގެ މައްސަލަތައް ދެނެގަނެ އަމިއްލަ އަށް އެކަން ރަނގަޅު ކުރަން ޖެހޭ ވަގުތު މިއީ. އެ ހުރިހާ ކަމަކަށް ވިސްނާއިރު ވެސް މޮޅުވުން މުހިއްމު މެޗެއް،" މިރޭގެ މެޗުގެ ކުރިން ކްލޮޕް ބުންޏެވެ.

މި ސީޒަނުގައި ލީގުގެ ގަދަ ހައެއްގައި އޮތް ޓީމެއް އަތުން ލިވަޕޫލް ބަލިވެފައިނުވެ އެވެ. ގަދަ ހައެއްގައި އޮތް ޓީމުތަކާ ދެކޮޅަށް ކުޅުނު އަށް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވިއިރު އަނެއް ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ. ކްލޮޕް ބުނީ އޭގެން މި މެޗަށް ކުރާނެ އަސަރެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.

"އާސެނަލަކީ އެހެން ޓީމުތަކާ ތަފާތު ސްޓައިލެއްގެ ޓީމެއް. އެ ޓީމު ބަލިކުރަން ފަސޭހައެއް ނުވާނެ. ޓީމު މި ވަގުތު އޮތް ފޯމަށް ބަލާއިރު އާސެނަލާ ދެކޮޅަށް ކުޅޭއިރު އިތުރަށް ސަމާލުވާންޖެހޭ،" ކްލޮޕް ބުންޏެވެ.

މިރޭގެ މެޗުގައި ވެސް އަނިޔާގެ ސަބަބުން ލިވަޕޫލްގެ ޑޭޔާން ލޮވްރެން އާއި ކެޕްޓަން ޖޯޑަން ހެންޑަސަން އަށް ކުޅެވުމުގެ ފުރުސަތު ކުޑަ އެވެ.

އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ ލީގުގެ އެއް ވަނައިގައި މި ވަގުތު އޮތް ޗެލްސީ އަތުލުމަކީ ދެން ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ.

"އެއް ވަނައިގައި އޮތް ޓީމާ އަހަރެމެންނާ ދެމެދު 13 ޕޮއިންޓް އެބައޮތް. އެ ޓީމު އަތުލަން ފަސޭހައެއް ނުވާނެ. އަހަރެމެންގެ ވިސްނުމަކީ ކުރިއަށް އޮތް މެޗު. ލިވަޕޫލަކީ ބޮޑެތި ޓީމުތަކާ ދެކޮޅަށް ނަތީޖާ ނެރޭ ޓީމެއް އެ ވިސްނުމުގައި އަހަރެމެން މި މެޗަށް ތައްޔާރުވަނީ،" ވެންގާ ބުންޏެވެ.

އަނިޔާގެ ސަބަބުން އެންމެ ފަހުން އާސެނަލް ކުޅުނު މެޗުތައް ގެއްލުނު އާރޮން ރަމްސޭ އާއި ލައުރެންޓް ކޮޝިއެލްނީ ވަނީ މި މެޗަށް ފިޓްވެފަ އެވެ. މެސުޓް އޮޒިލް މި މެޗުގައި ބޭނުންކުރުމާ މެދު ވެންގާ އަދި ގޮތެއް ނުނިންމަ އެވެ.

އާސެނަލާއި ލިވަޕޫލް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 22:30 ގަ އެވެ.