Roadha Mihaaru
ހޯރަފުށީ އެއާޕޯޓުގައި ޖެޓީއެއް ހަދައިދޭން އެދިއްޖެ

ހޯރަފުށީ އެއާޕޯޓަށް ވަކިން ލަފައިފުރޭނެ ގޮތެއް ހަދައިދޭން އެދިއްޖެ

03 އޮކްޓޯބަރ 2020

ހއ. ހޯރަފުށީގެ ފަޅުން ހިއްކި ސަރަހައްދުގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓަށް ވަކިން ލަފައި ފުރޭނެ ގޮތް ހަމަޖެއްސުމާ ގުޅޭ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް އެދި އެ އަތޮޅުގެ ގިިނަ ކައުންސިލްތަކުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހއ. ހޯރަފުށީގެ ފަޅުން ހިއްކި ސަރަހައްދުގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓަށް ވަކިން ލަފައި ފުރޭނެ ގޮތް ހަމަޖެއްސުމާ ގުޅޭ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް އެދި އެ އަތޮޅުގެ ގިިނަ ކައުންސިލްތަކުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފި އެވެ.

މީހުން ދިރިއުޅޭ 14 ރަށް އޮންނައިރު 12 ރަށަކުން ވަނީ އެކަމާ ގުޅޭ ކަންބޮޑުވުންތަށް ރައީސަށް ހިއްސާކުރައްވައިފަ އެވެ. ސިޓީ ނުފޮނުވަނީ، އެނގިފައިވާ ގޮތުގައި، ހޯރަފުއްޓާއި އެ ދާއިރާގައި ހިމެނޭ ތުރާކުނުން އެކަންޏެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ހަދަމުން އަންނަ އެއާޕޯޓުގެ ބޮޑުބައެއް ނިމިފައިވާއިރު މިހާރު ކުރަމުން އަންނަނީ ޓާމިނަލްއާ ގުޅޭ ކަންކަމެވެ. އެ އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައި 842،200 އަކަ މީޓަރުގެ ބިން އެ ކުންފުނިން ވަނީ ހިއްކައިފަ އެވެ.

އެ ރަށާ ކައިރީގައި އޮންނަ އިހަވަންދޫ ކައުންސިލްގެ މެމްބަރު އަބްދުﷲ ހަލީލް "މިހާރު" އަށް ވިދާޅުވީ އެއާޕޯޓަށް ވަކިން ލަފައިފުރޭނެ ގޮތެއް ނެތް ނަމަ އުފުލަންޖެހޭ ތަކުލީފު ބޮޑުވެގެންދާނެ ކަމަށެވެ. އެހެންވެ އެ ރަށާއި އެ އަތޮޅުގެ ގިނަ ރައްޔިތުން ދެކެނީ، ހަނިމާދޫ އެއާޕޯޓުގައި ވެސް އޮންނަ ގޮތަށް އެއާޕޯޓަށް ވަކިން ލަފައިފުރޭނެ ގޮތެއް އޮންނަން ޖެހޭނެ އެވެ.

އަތޮޅު ކައުންސިލްގެ މެމްބަރު އަބްދުﷲ ސިރާޖު ވިދާޅުވި ގޮތުގައި، ހޯރަފުއްޓަށް ގޮސް އެ ރަށުން ވެހިކަލެއްގައި އެއާޕޯޓަށް ދިއުމަށްވުރެ، ސީދާ އެއާޕޯޓަށް ވަކިން ދެވޭނެ ގޮތެއް ހަމަޖެހިގެން ދިއުމަކީ އަތޮޅު ގިނަ ބަޔަކަށް ފަސޭހަވަގެންދާނެ ކަމެކެވެ. ހަރަދާއި ވަގުތުގެ ގޮތުން ވެސް އެއީ ގިނަ ބަޔަކަށް ފަސޭހަވާނެ ގޮތް ކަމަށް ވިދާޅުވި އެވެ.

"އެންމެންނަކީ ޗުއްޓީއަށް ދާ މީހުންނެއް ނޫން. ބޭސްފަރުވާ ދާ މީހުން ވެސް އުޅޭނެ. އެ މީހުން ބޭނުންވާނެ ވީހާ ވެސް ބޮޑަށް ރުފިޔާ ސޭވްކުރަން. ހޯރަފުއްޓަށް ގޮސް، އެ ރަށުން ވެހިކަލަކަށް އަރައިގެން އެއާޕޯޓަށް ދަންޏާ ހަމަ އިތުރު ހަރަދު މި ދަނީ،" ސިރާޖު ވިދާޅުވި އެވެ.

ހޯރަފުށީގައި އެއާޕޯޓް އެޅުމަށް ފަޅުތެރެއިން ބޮޑު ސަރަހައްދެއް ހިއްކާފައި-- ފޮޓޯ: އަހުމަދު ސަލީމް

ހޯރަފުށީގައި އެއާޕޯޓް އެޅުމަށް ފަޅުތެރެއިން ބޮޑު ސަރަހައްދެއް ހިއްކާފައި-- ފޮޓޯ: އަހުމަދު ސަލީމް

އޭނާ ވިދާޅުވީ އެއާޕޯޓަށް ވަކިން ލަފައިފުރޭނެ ގޮތެއް ހެދުން ވެގެންދާނީ ގިނަ ބަޔަކަށް ފަސޭހަވާނެ ގޮތަކަށް ކަމަށެވެ.

"ހުރިހާ ގޮތަކުން ފަސޭހަވާނީ އެކަންކޮށްގެން. ހަނިމާދޫގައި ވެސް އެގޮތަށް އޮންނަނީ،" ސިރާޖު ވިދާޅުވި އެވެ. ނަމަވެސް ހޯރަފުށީ ކައުންސިލްގެ މެމްބަރު އަލީ ނަސީރު އާދަމް ވިދާޅުވި ގޮތުގައި އެއާޕޯޓުގައި ޖެޓީއެއް ހެދުމުގެ ވާހަކަ ދައްކަނީ ހަމައެކަނި އިހަވަންދޫއަށް ނިސްބަތްވާ މީހުންނެވެ. އެ ރަށު ކައުންސިލްގެ އިހުތިސާސް ހިމެނޭ ސަރަހައްދެއްގައި ކަމެއް ކުރާކަމުގައިވާ ނަމަ ސަރުކާރުން ހުއްދަ ނަގަންޖެހޭނެކަން އޭނާ ފާހަގަކުރެއްވި އެވެ. "މީހަކު އެދޭހާ ފަހަރެއްގައި، އެދޭހާ ގޮތަކަށް އެއާޕޯޓެއް ހެދީމަ، އަޅުގަނޑު މި ނަންގަތީ ފާލަމާ އެއްޗެހި އަޅަންވެއްޖިއްޔާ، ޖެޓީ އަޅަންވިއްޔާ އެދޭހާ ގޮތަކަށް ކަންތައްތަކެއް ނުވާނެ. އެކަމަކު އެއާޕޯޓު ކޮމްޕެނީން ފެންނަންޏާ، މީހުން އަރައި ފާބަން ދަތިވާ ކަމުގައިވަންޏާ އެމީހުން ފާލަން ވެސް އަޅާނެ. ދެން ބަޔަކު އުޅެގެންނެއް ފާލަމެއް ހިއެއް ނުވޭ އަޅާނެހެނެއް. އެކަން އޮންނާނީ އެހެން،" ނަސީރު ވިދާޅުވި އެވެ.