Roadha Mihaaru
ހޯރަފުށީ އެއާޕޯޓް ރަސްމީކޮށް ހުޅުވައިފި

ހޯރަފުށީ އެއާޕޯޓް ރަސްމީކޮށް ހުޅުވައިފި

19 ނޮވެމްބަރ 2020

ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްގީކުރި އެއާޕޯޓް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ. ހޯރަފުށީ އެއާޕޯޓަކީ މިސަރުކާރުން ތަރައްގީކުރި ފުރަރަމަ އެއާޕޯޓެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްގީކުރި އެއާޕޯޓް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ. ހޯރަފުށީ އެއާޕޯޓަކީ މިސަރުކާރުން ތަރައްގީކުރި ފުރަރަމަ އެއާޕޯޓެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން އެ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެން ފެށި ފަހުން އެއްވެސް ތަނަކަށް ވަޑައިނުގެން ހުންނެވުމަށް ފަހު އެއާޕޯޓް ހުޅުއްވުމަށް އެމަނިކުފާނު ހޯރަފުށްޓަށް ވަޑައިގެންނެވީ މިއަދު މެންދުރެއްހާ އިރު އެވެ.

އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ފަހު އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެ އެއާޕޯޓް ހުޅުވުމަކީ ހޯރަފުށީގެ ރައްޔިތުންގެ އިތުރުން މުޅި އިހަވަންދިއްޕޮޅުގެ ރައްޔިތުން ކުރަމުން އައި ވަރަށް ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއަދު ހުޅުވީ ހޯރަފުށީ އެއާޕޯޓު ކަމަށް ވިޔަސް އެއީ ލާމަރުކަޒު ކުރުމުގެ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ.

"މިއީ މުޅި އިހަވަންދިއްޕޮޅު ތަރައްގީކުރުމުގެ ފެށުން. މިއީ ތުރާކުނާއި އުލިގަމާއި މޮޅަދުއާއި އިހަވަންދޫ އަދި ތަކަންދޫ މާރަންދޫގެ ރައްޔިތުން ވެސް އުއްމީދުކުރަމުން އައި ތަރައްގީ ގެނެސްދޭނެ އެންމެ މުހިއްމު އެއް ވަސީލަތް،" އެމަނިކުފާނު ވިދާޅުވި އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައި ވެސް ވަރަށް ކުރު މުއްދަތެއްގައި އެ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ނިންމި ކަަމަށްޓަކައި އެމްޓީސީސީގެ ވެރިންނާއި މުވައްޒަފުންނަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ. އެކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީން ކުރެއްވި މަސައްކަތަށް ޓަކައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށާއި ޕްލޭނިން މިނިސްޓަރު އަސްލަމަށާއި އެ ދެ މިނިސްޓްރީގެ މުވައްްޒަފުންނަށް ވެސް އެމަނިކުފާނު ޝުކުރުއަދާކުރެއްވި އެވެ.

ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: އަހުމަދު އަވްޝަމް އިލްޔާސް/މިހާރު

ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: އަހުމަދު އަވްޝަމް އިލްޔާސް/މިހާރު

ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގަން މި ސަރުކާރުން ކަނޑައަޅާފައިވާ ޕްލޭންގައި ހިމަނައިގެން ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ނިންމާލީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ތެރޭގަ އެވެ.

މި އެއާޕޯޓާ އެކު އެ ސަރަހައްދުގެ ޓޫރިޒަމް ކުރިއަރައި ވަޒީފާގެ ފުރުސަތުތަކާ އެކު ތަރައްގީގެ މަޝްރޫއުތަކަށް ދޮރު ހުޅުވިގެންދާނެ ކަމަށް ހޯރަފުށީ ކައުންސިލުން ބުންޏެވެ. އެއާޕޯޓުގައި މިދިޔަ ހޯމަދުވަހު ޓެސްޓް ފްލައިޓް ޖައްސާފައިވާއިރު ރަސްމީކޮށް ހުޅުވުމާ އެކު ޝެޑިއުލް ދަތުރުތައް ފަށާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.

ހޯރަފުށީ ފަޅުން ބިން ހިއްކައިގެން އެމްޓީސީސީން ހެދި އެއާޕޯޓަށް 198 މިލިއަން ރުފިޔާ، ސަރުކާރުން ހޭދަކުރި އެވެ.