05 އޯގަސްޓް 2023
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ހިންގާ ހއ. ހޯރަފުށި އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފަށައިފި އެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ހިންގާ ހއ. ހޯރަފުށި އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފަށައިފި އެވެ.
ހޯރަފުށި އެއާޕޯޓުގެ މި ދަތުރުތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ.
ރޭގަނޑުގެ ދަތުރުތައް ފެށުމަށް އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ ރޭގަނޑުގެ ދަތުރުތައް ފެށުމަކީ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލު ލިބޭނެ ކަމަށެވެ. އެގޮތުން، ބޭސްފަރުވާއަށް ކުއްލި ހާލަތުގައި ކުރަންޖެހޭ ދަތުރުތައް ހެނދުނަށް ފަސްކުރަން ޖެހުން ފަދަ އުނދަގޫތަކަށް ހައްލު ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ރޭގަނޑުގެ ދަތުރުތައް ފެށުމުގެ ރަސްމިއްޔާތުގައި އާރްއޭސީއެލްގެ ޓީމާއި އެންމެ ފުރަމަތަ ޖެއްސި ފްލައިޓުގެ ކްރޫ. -- ފޮޓޯ: މިހާރު
މި ރަސްމިއްޔާތުގައި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު ރިޒްވީ ވަނީ ރޭގަނޑުގެ ދަތުރުތައް ފެށުމުން ރަށަށް ލިބޭނެ އިގުތިސާދީ ފައިދާތައް ފާހަގަކުރެއްވި އެވެ.
"ރޭގަނޑުގެ ދަތުރުތައް ފަށައި ދަތުރުތައް އިތުރުވުމަކީ ފަތުރުވެރިކަން ފުޅާވެގެން ދާނެ ކަމެއް. މިއީ ގެސްޓްހައުސްތަކުގެ އެނދުތައް އިތުރުކުރުމަށް މަގުފަހިވާނެ ކަމެއް." ރިޒްވީ ވިދާޅުވި އެވެ.
ރިޒްވީ ވިދާޅުވީ އާރްއޭސީއެލްއިން މަސައްކަތްކުރަމުން އަންނަނީ އެ ކުންފުނީގެ މަސައްކަތްތައް ފުޅާކޮށް މުވައްޒަފުން ތަމްރީނުކޮށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެ ކުންފުނީގެ އޮޕަރޭޝަންސްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާކަމަށް ވެސް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ ހޯރަފުށި އެއާޕޯޓުގެ ސަބަބުން ރައްޔިތުންނަށް ގިނަ ވަޒީފާގެ ފުރުސަތުތަކެއް ލިބި ބޮޑު އާމްދަނީއެއް ލިބެމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
ރޭގަނޑުގެ ދަތުރުތައް ފެށުމާ ގުޅިގެން އެ އެއާޕޯޓުގެ އޮޕަރޭޝަންތައް 24 ގަޑިއިރަށް ވަނީ ބަދަލުކޮށްފަ އެވެ.
އާރްއޭސީއެލްއިން އަންނަނީ މާވަރުލު އެއާޕޯޓުގައި ވެސް ރޭގަނޑުގެ ދަތުރުތައް ފެށުމަށް މަސައްކަތްކުރަމުންނެވެ.
ހޯރަފުށި އެއާޕޯޓުގެ އިތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށި އެއާޕޯޓާއި ފަރެސްމާތޮޑާ އެއާޕޯޓާއި ފުވައްމުލަކު އެއާޕޯޓުގައި ވެސް އެ ކުންފުނިން ދަނީ ރޭގަނޑު ދަތުރުތައް ކުރުމުގެ ހިދުމަތް ދެމުންނެވެ.
ފަޔާގެ ހުވަފެން ނިމުމަކަށް: ހޯރަފުށީގައި ސިމިއުލޭޓަރެއް
ހޯރަފުށީ އެއާޕޯޓުން ޓެކްސީ ނުލިބޭ ކަމުގެ ޝަކުވާ!
ހޯރަފުށީ ރަންވޭއަށް ވެލި އަރައި ދަތުރުތައް ކެންސަލް
ހޯރަފުށީ އެއާޕޯޓް: ފޮޓޯތަކުން ފެންނަނީ ބޮޑެތި ގެއްލުން
ހޯރަފުށީ އެއާޕޯޓް ރަސްމީކޮށް ހުޅުވައިފި
ޝަކުވާ ބޮޑުވި، ހޯރަފުށީ އެއާޕޯޓު ޖެޓީ ނިންމައިފި
ހޯރަފުއްޓާއި މާވަރުލަށް ވެސް ރޭގަނޑު ދަތުރުތައް ފަށަނީ
ޝަކުވާތަކަށް ފަހު ހޯރަފުށީ އެއާޕޯޓުގައި ޖެޓީ ހަދަނީ
ޝަަކުވާ ސާފު ނުވެގެން މިނިސްޓަރު ރުޅިގަދަވެއްޖެ!
ހޯރަފުށި އެއާޕޯޓު ސެޓިފައި ކޮށްފި