Roadha Mihaaru
ޝަަކުވާ ސާފު ނުވެގެން މިނިސްޓަރު ރުޅިގަދަވެއްޖެ!

ޝަަކުވާ ސާފު ނުވެގެން މިނިސްޓަރު ރުޅިގަދަވެއްޖެ!

29 ނޮވެމްބަރ 2021

ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތްތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ޝަކުވާ ލިބޭ ކަމަށް މެމްބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް، ލިބެމުން ދަނީ ކޮން ޝަކުވާއެއްކަން ސާފުކޮށްދެއްވާފައި ނުވާ ކަމަށް ވިދާޅުވެ ޓްރާންސްްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ މިއަދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތްތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ޝަކުވާ ލިބޭ ކަމަށް މެމްބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް، ލިބެމުން ދަނީ ކޮން ޝަކުވާއެއްކަން ސާފުކޮށްދެއްވާފައި ނުވާ ކަމަށް ވިދާޅުވެ ޓްރާންސްްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ މިއަދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީއާ ބެހޭ ގޮތުން ޝަކުވާ ލިބޭ ކަމަށް ރައްޔިތުންގެ އެކިއެކި މެމްބަރުންގެ ފަރާތްޕުޅުން އިވިވަޑައިގެންފައިވާ ކަމަށެވެ. އާއްމުންގެ ޝަކުވާ ލިބޭ ކަމަށް މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން އެންގުމުން ވެސް، އެ ޝަކުވާއަކީ ކޮބައިކަން ސާފުކޮށްދެއްވަން އެދިވަޑައިގެންފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޝަކުވާ ހުށަހެޅޭ ވާހަކައިގެ ސިޓީ އައުމާ އެކު އަޅުގަނޑު، އިއްޒަތްތެރި މަޖިލީހުގެ އިއްޒަތްތެރި ކޮމިޓީ އަށް ސިޓީއެއް ފޮނުވިން، ޝަކުވާ ހުށަހެޅެނީ ކޮން ކަމަކާތޯ، އިއްޒަތްތެރި މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅިފައި ވަނީ ކޮން ޝަކުވާއެއްތޯ، [އެ މައުލޫމާތު] އަޅުގަނޑާ ހިއްސާކޮށްދެއްވުމަށް [އެދި]،" އޭނާ ވިދާޅުވި އެވެ.

މަޖިލީހަށް ފުރިހަަމައަށް ޖަވާބުދާރީ ވެވަޑައިގެންނެވޭނީ ޝަކުވާާ އެނގިގެން ކަމަށް ސީޓީގައި ވިދާޅުވެފައި ވާނެ ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް ހިތާމައާ އެކު ފާހަގަކޮށްލަން، ވަކި ޝަކުވާއެއް ބަޔާން ނުކުރެވި އަޅުގަނޑަށް އަނެއްކާ ވެސް ދެވަނަ ސިޓީގައި އަންނަނީ ޝަކުވާތައް ހުށަހެޅެޔޭ، ޝަކުވާތައް ހުށަހެޅެޔޭ،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމިޓީ އަށް (ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ) އަށް ހާޒިރުކުރުމުން ވެސް އެ ސުވާލު ތަކުރާރުކުރައްވާފައި ވާނެ ކަމަށާއި ވަސީލަތްތައް ހުރިވަރާ އަޅައި ބަލާއިރު ޓްރާންސްޕޯޓްގެ ހިދުމަތް ލަސްކަަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.

ނަހުލާ މިނިސްޓްރީއާ ހަވާލުވެވަަޑައިގެންނެވި އިރު ޓްރާންސްޕޯޓް އޮތޯރިޓީ އޮތީ ވަރަށް ހާލުގައި ކަމަށާއި އެތަނުގެ މުވައްޒަފުން މަދުވެފައި، ބޭނުންވާ ސޮފްޓްވެއާތައް ނެތުމުގެ މައްސަލަ ވެސް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. ބޭނުންވާ މުވައްޒަފުންނާއި ވަސީލަތް ހޯދަން، ބަޖެޓް ލިބިއްޖެ ނަމަ ހިދުމަތް ރަނގަޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ހުރިހާ ދުވަހު ޓްރާންސްޕޯޓް އޮތޯރިޓީން ގެންގުޅޭ ސޮފްޓްވެއާއަކީ އެންމެ ކުރީގެ ސޮފްޓްވެއާ، ބުރިބުރި ވެފައި އޮތް ރޭލެއްގެ ކޮޅުކޮޅު ގުޅާހެން، މޮޑަން ޓެކްނޮލޮޖީގައި މިހުންނަ ކުދިކުދި ތަންކޮޅުކޮޅު ގުޅައިގެން މި ހުރިހާ ދުވަހު މަސައްކަތްކުރީ،" ނަހުލާ ވިދާޅުވި އެވެ.

ޓްރާންސްްޕޯޓްގެ މަސައްކަތް ލަސްކަމަށް ގަބޫލުނުކުރައްވާ ކަމަށް މިނިސްޓަރު ވަނީ މީގެ ކުރިން ވެސް ތަކުރާރުކޮށް އެތައް ފަހަރަކު ވިދާޅުވެފަ އެވެ.

ޓްރާންސްޕޯޓްގެ ހިދުމަތް ލަސްވާތީ އާއްމުންގެ ކަންބޮޑުވުންތަކާ ގުޅިގެން، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީގެ އިސްވެރިންނާއެކު މިމަހު ކުރީކޮޅު ބޭއްވި ބައްދަލުވުމެއްގައި އޭނާ މަގާމާ ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް ވަރަށް ގިނަ ކަންކަން ބަދަލުކުރެވިއްޖެ ކަމަށެވެ.