Roadha Mihaaru
މަޖިލީހުން މަޝްރޫއުތަކަށް ހުރަސްއަޅާ: ރައީސް

ސަރުކާރުގެ މަޝްރޫއުތަކަށް މަޖިލީހުން ހުރަސްއަޅާ ކަމަށް ރައީސް ވިދާޅުވެއްޖެ

24 ފެބުރުއަރީ 2024

ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ރައްޔިތުންގެ މަޖިލީހުން ހުރަސްއަޅައި އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރުވަމުން ދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތުހުމަތުކުރައްވައިފި އެވެ.

އިފްރާޒް އަލީ ހއ. ހޯރަފުށިން އިފްރާޒް އަލީ

ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ރައްޔިތުންގެ މަޖިލީހުން ހުރަސްއަޅައި އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރުވަމުން ދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތުހުމަތުކުރައްވައިފި އެވެ.

ރައީސް ބޮޑުތިލަދުއްމައްޗަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ހއ. ހޯރަފުއްޓަށް ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ މި ސަރުކާރުން ކަނޑައެޅި ފުރަތަމަ 100 ދުވަހުގެ އެކްޝަން ޕްލޭން "ހަފުތާ14"ގެ ތެރެއިން އިގުތިސާދީ ދާއިރާ ކުރިއެރުވުމަށް ވަރަށް ގިނަ އަދި މުހިންމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ މާދަމާ އަށް 100 ދުވަސް ހަމަވާނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހއ. ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހއ. ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުން ބޭނުންވަނީ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ކުރިމަތި ނުވެ، ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށް ގެންދެވޭނެ މަގު ފަހިވުމެވެ. ރާއްޖޭގެ ގާނޫނުއަސާސީ ބައްޓަންވެފައި އޮތް ގޮތުން އެކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

"ސަރުކާރަކުން ކިތައްމެ ބޮޑު މަޝްރޫއެއް ހިންގަން ބޭނުންވިޔަސް، ގާނޫނެއް ހަދައިގެން ވެސް، ގާނޫނަކަށް ބަދަލެއް ގެނެސްގެން ވިޔަސް، އަދި އެ ނޫން ގޮތަކުން ވިޔަސް ރައްޔިތުންގެ މަޖިލީހަށް ހުއްޓުވޭނެ. އަދި ބަދަލުތައް ވެސް ގެނެވޭނެ. ހުރަސްތައް ވެސް ކުރިމަތިކުރުވޭނެ. މީގެ ކުރިން ވެސް އެކަން އެހެން ހިނގާފައި އެބަހުރި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"މިހާރު މި ދިޔަ ތިންމަސް ތެރޭގައި ވެސް ފެނިވަޑައިގަންނަވާނެ، އަޅުގަނޑުމެން އެތައް މަސައްކަތެއް، ވެފައި ހުރި ވައުދުތައް ފުއްދުމަށް 14 ހަފުތާއަށް ކަނޑައެޅި ޕްލޭންގެ ތެރެއިން ވެސް، ހަމަ ކުރަމުންކުރަމުން ދަނިކޮށް އެއްވެސް އަސާސެއް ނެތި، ފެނިވަޑައިގެންފައި ހުންނާނީ އެތައް ހުރަސްތަކެއް ސަރުކާރު ހިންގުމަށް [މަޖިލީހުން] ކުރިމަތިކުރުވަމުން ދާތަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ރައީސްގެ ހާއްސަ އެޑްވައިޒަރު އަބްދުރައްހީމް އަބްދުﷲ، ހއ. ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ރައީސްގެ ހާއްސަ އެޑްވައިޒަރު އަބްދުރައްހީމް އަބްދުﷲ، ހއ. ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި.-- ފޮޓޯ: ރައީސް އޮފީސް

އެހެންވެ، ރައްޔިތުންގެ މަޖިލީހަށް ހޮވާ ބޭފުޅުންނަކީ ރައްޔިތުންގެ ހައްގުގައި ސަރުކާރުން ހިންގާ މުހިންމު މަޝްރޫއުތަކަށް އެހީތެރިކަން ދޭ އަދި މަގުފަހިކޮށްދޭ ބަޔަކަށް ހެދުމަކީ ގައުމީ ވިސްނުމެއްގައި ވިޔަސް، ތަރައްގީގެ ވިސްނުމެއްގައި ވިޔަސް، ފަރުދީ ވިސްނުމެއްގައި ވިޔަސް އަދި ރަށު ފެންވަރުގެ ވިސްނުމެއްގައި ވިޔަސް ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އެގޮތަށް ވިދާޅުވީ އަންނަ މަހު 17 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުމަށް އިޝާރާތްކުރައްވަ އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މިދިޔަ 100 ދުވަހުގެ ތެރޭގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ ރާއްޖޭގެ ދަރަނި އިތުރުވިޔަ ނުދިނުމަށާއި ދަރަނި ދެއްކުމަށާއި އަދި އާމްދަނީ އިތުރުކުރުމަށެވެ. އަދި އިގުތިސާދު ފުޅާކުރުމަށް އެ ހުރިހާ ކަމެއް އެކުއެކީގައި ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.