Roadha Mihaaru
ވިލާއާ ގުޅޭ ކަމެއްގައި ބައިވެރިވުމެއް ނޯންނާނެ: ނަހުލާ

ވިލާއާ ގުޅޭ އެއްވެސް ކަމެއްގައި ގޮތެއް ނުނިންމަން: ނަހުލާ

01 ނޮވެމްބަރ 2021

ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހަޅާ ވިލާ ކުންފުންޏާ ގުޅޭ އެއްވެސް ކަމެއްގައި ބައިވެރިވުމެއް ނޯންނާނެ ކަމަށް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހަޅާ ވިލާ ކުންފުންޏާ ގުޅޭ އެއްވެސް ކަމެއްގައި ބައިވެރިވުމެއް ނޯންނާނެ ކަމަށް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމްގެ އަނބިކަނބަލުން ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި އެހެން ވިދާޅުވިއިރު، އެ ކުންފުނީގެ ނިންމުންތަކުގައި ނަހުލާގެ ބައިވެރިވުން އޮތުމަކީ މަސްލަހަތު ފުށުއަރާ ކަމަކަށް ވާތީ ކުރިން ވެސް އޭނާ އަށް ފާޑުކިއުން އަމާޒުވި އެވެ.

ޓްރާންސްޕޯޓުގެ ހިދުމަތްތައް ލަސްވާ މައްސަލައިގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް އެ މިނިސްޓްރީ އާއި ޓްރާންސްޕޯޓު އޮތޯރިޓީގެ އިސްވެރިން ހާޒިރުކޮށް ސުވާލުކުރުމުގެ ތެރޭގައި، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވެސް މިއަދު ވަނީ ނަހުލާގެ ފިރިކަލުން މާމިގިލީ ދާއިރާގެ މެމްބަރު ގާސިމްގެ ކުންފުނީގެ ނިންމުންތަކުގައި ބައިވެރިވުން އޮންނާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ޖާބިރުގެ ވާހަކަތަކާ ގުޅިގެން ނަހުލާ ވިދާޅުވީ، ވިލާ އެއާގެ އެއްވެސް ކަމެއްގައި، އެއްވެސް މަރުހަލާއެއްގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އެ ކުންފުނިން ހުށަހަޅާ ކަންކަން ފެށިގެން ނިމެންދެން ވެސް ބަލާނީ މިނިސްޓްރީގެ އެހެން ބޭފުޅުން ކަމަށް ވިދާޅުވި އެވެ.

"އެކަން އެގޮތަށް [ޖާބިރު ތުހުމަތު ކުރެއްވި ގޮތަށް] ނުހިނގާ ވާހަކަ، އަދި އެކަމުގެ ޔަގީންކަން އިއްޒަތްތެރި މެމްބަރުންނަށް އަރުވަން،" ނަހުލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އޭނާ ކެބިނެޓަށް އައްޔަން ކުރެއްވީ ވިލާ ކުންފުންޏަށް ހިދުމަތް ކުރާކަށް ނޫނެވެ. އެކަން އެނގިވަޑައިގެން ހުންނަވައި ހިދުމަތް ކުރައްވަނީ ރައްޔިތުންނަށް ކަމަށް ވިދާޅުވި އެވެ.

ކާޑެއްދޫ އެއާޕޯޓް އަނބުރާ ވިލާ ކުންފުންޏަށް ދޭން ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް ހަވާލުނުކުރެވި ލަސްވާ ސަބަބާ ގުޅޭ ގޮތުން ވެސް މެމްބަރަކު ސުވާލުކުރެއްވި އެވެ.

ނަހުލާ ވިދާޅުވީ އެއްބަސްވުމާ އެއްގޮތަށް ހަވާލުކުރަން ޖެހޭ ކަމަށް އަމުރުގައި ބުނާއިރު، އެ ކުންފުންޏަށް ރަށެއް ދޭން ޖެހޭ ކަމަށެވެ. އެއާޕޯޓް ހަވާލުނުކުރެވި ލަސްވަނީ ސަރުކާރަށް އެ ރަށް ކަނޑަނޭޅިގެން ކަަމަށް ވިދާޅުވި އެވެ.

ވިލާއާ އެއާޕޯޓް ހަވާލުކުރި އެއްބަސްވުމާ އެކު ހަމަޖެއްސި ރަށް މިހާރު ވަނީ ސަރުކާރުގެ ބޭނުމަށް ނަގައިފަ އެވެ. އެއާޕޯޓް ހަވާލުކުރާ ގުޅޭ ކަންކަން މިހާރު އޮތީ ސަރުކާރުގެ އިދާރާތަކުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.