Roadha Mihaaru
ނަހުލާ ކޮމެޓީއަށް ހާޒިރު ނުކުރެވޭތީ މެމްބަރުން ރަތަށް!

ނަހުލާ ކޮމެޓީ އަށް ހާޒިރު ނުކުރެވޭތީ މެމްބަރުން ރަތަށް!

01 ޖޫން 2020

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރު ނުކުރެވޭތީ އެކަމާ މެދު ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކޮށް، އޭނާ އެ ކޮމެޓީ އަށް ހާޒިރު ކުރަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރު ނުކުރެވޭތީ އެކަމާ މެދު ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކޮށް، އޭނާ އެ ކޮމެޓީ އަށް ހާޒިރު ކުރަން ނިންމައިފި އެވެ.

ރަށްރަށުގެ ބަނދަރުތައް ބޭނުން ކުރުމާ ބެހޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ހަދަންޖެހޭ ބައެއް ގަވާއިދުތައް ހަދާފަައި ނުވާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ މަޖިލީހަށް އެ މައްސަލަ ހުށަހަޅުއްވައިފަ އެވެ.

އެކަމާ ގުޅިގެން މިރޭ ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުމުގައި ބައެއް މެމްބަރުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅޭ ގިނަ ކަންބޮޑުވުންތައް އާންމުންގެ އެބަހުރި ކަމަށާއި އެކަމަކު މިހާތަނަށް މިނިސްޓަރު ނަހުލާ އެ ކޮމެޓީއަށް ހާޒިރު ނުކުރެވޭ ކަމަށެވެ. އަދި ކުރިން އެކިފަހަރު މަތިން އޭނާ ހާޒިރުވާން ކޮމެޓީން އެދުމުން ވެސް އެކި ސަބަބުތައް ދެއްކެވުމަށް ފަހު ކޮމެޓީއަށް ހާޒިރުނުވާ ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ. ނަހުލާ ކޮމެޓީއަށް ހާޒިރުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއް މުވައްޒަފުން ވަކިކުރާ މައްސަލާގައިި އެކަނި ކަމަށް މެމްބަރުން ވިދާޅުވި އެވެ.

"ތިން ހަތަރު ފަހަރަކު މި ކޮމެޓީން މިނިސްޓަރު ހާޒިރު ކުރަން ހުށަހަޅައިފި. މިނިސްޓަރުގެ އެކިއެކި އުޒުރުތަކުގައި ހެދި ހާޒިރު ނުވެވި ހުރީ. އަޅުގަނޑު ދެކެނީ މި ކަންތައްތަކަކީ ބެލެން ޖެހޭނެ ކަންތައްތައް ކަމަށް. ރައްޔިތުންގެ މަޖިލީހުން މިނިސްޓަރަކު ޒިންމާދާރު ކުރަން ކުރާ މަސައްކަތަކީ އެ މިނިސްޓަރަށް ލުއި ފަސޭހަ ގަޑިއެއްގައި ފަސޭހަ ދުވަހަކުން ކުރާ ކަމެއް ކަމަށް ވަންޏާ އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ ހައިބަތު ގެއްލިގެން އެ ދަނީ." އެމްޑީޕީއަށް ނިސްބަތްވާ މަނަދޫ ދާއިރާ މެމްބަރު އަހުމަދު ހާރޫން ވިދާޅުވި އެވެ.

އެމްޑީޕީއަށް ނިސްބަތްވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވެސް ވިދާޅުވީ ނަހުލާ ކޮޮމެޓީއަށް ހާޒިރުކުރަން ބޭނުންވެއްޖެ ނަމަ، ހާޒިރުވާން ޖެހޭނެ ކަމަށެވެ.

ދަނގެތި ދާއިރާގެ މެމްބަރު އަދިި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވެސް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގިނަ ކަންބޮޑުވުންތައް ހުރިއިރު ވެސް ނަހުލާ ހާޒިރު ނުކުރެވި އަހަރެއްހާ ދުވަސް ހޭދަވެފައިވާތީ އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ނަހުލާ މާ ބޮޑު މަސައްކަތެއް ކުރައްވާ މަންޒަރު ނުފެންނަ ކަމަށާއި އެހެންވީއިރު، ކޮމެޓީއަށް ހާޒިރުވާން ވަގުތު ދެވެންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތަކުރާރުކޮށް، މިކަން ކުރަން އަޅުގަނޑުމެން މަސައްކަތް ކޮށްގެން ވެސް މިނިސްޓަރު މިކަމުން ބޯދަމައިގަންނަ ތަން މި ފެންނަނީ. މިނިސްޓަރަށް އަސްލު މި ކޮމެޓީއަށް ހާޒިރު ނުވެ، މިނިސްޓަރު ކަނޑައަޅާ ދުވަހެއްގައި މިތަނަށް ހާޒިރުވާ ގޮތަކަށް ނޫން އޮންނާނީ. އަހަރެއްހާ ދުވަސް ވެގެން ދިޔައިރު ވެސް ހާޒިރު ނުކުރެވި އޮތީމަ އަޅުގަނޑުގެ ކަންބޮޑުވުން އެބައޮތް،" ނާޒިމް ވިދާޅުވި އެވެ.

ޕީޕީއެމްއަށް ނިސްބަތްވާ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވިދާޅުވީ ކޮމެޓީއަށް ނަހުލާ ހާޒިރުވާން ޖެހޭނީ އޭނާއަށް ފަސޭހަ ގަޑިއެއްގައި ނޫން ކަމަށާއި ކޮމެޓީން ކަނޑައަޅާ ގަޑިއަކަށް އޭނާ ހާޒިރުވާން ޖެހޭނެ ކަމަށެވެ. އަދި މިފަހަރު ނަހުލާގެ އެއްބާރުލުން ނުލިބިއްޖެ ނަމަ، އެކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލު ކަމަށް ގެންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަކި ހިސާބަކަށް މިނިސްޓަރަށް ފަސޭހަފުޅުވާ ގަޑިތަކެއް ބަލަން ޖެހޭނީ. މި ގަޑީގައި މިނިސްޓަރުން ކުރާ މަސައްކަތްތައް އަޅުގަނޑުމެންނަށް އެބަ ފެނޭ. އެކްޓިވްކޮށް އުޅޭ މިނިސްޓަރެއް ވެއްޖިިއްޔާ އަޅުގަނޑުމެންނަށް އެބަ އެނގޭ ހަގީގަތުގައި ޒިންމާ މި ގަޑީގައި ހުރި މިނިސްޓަރެއް ވިއްޔާ ބާކީ ތިބި މިނިސްޓަރުން އެއް ބަޔަކު ރިސޯޓުގައި، އަނެއް ބަޔަކު ގޭގައި ކަރަންޓީންވެގެން މިި ތިބީ. މި ގަޑީގައި މާ ބޮޑު ޒިންމާއެއް އަދާ ނުކުރާ މިނިސްޓަރެއް ކަމަށް ފާހަގަ ކުރެވެނީ ޓްރާންސްޕޯޓް މިނިސްޓަރަކީ،" ތޯރިގް ވިދާޅުވި އެވެ.

އެ ކޮމެޓީގެ މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވިދާޅުވީ ކޮމެޓީއަށް ހާޒިރުވާން އެންގުމުން ހާޒިރުވާން ޖެހޭނެ ކަމަށާއި އެކަމަކު ވަޒީރުން ކޮމެޓީއަށް ހާޒިރު ކުރަން ފަސް ދުވަހުގެ ނޯޓިހެއް ދޭންޖެހޭ ކަމަށެވެ. އެކަމަކު ނަހުލާގެ ކިބަައިން މަައުލޫމާތު ސާފު ކުރުމަށް ފަހު އޭގެކުރިން ވެސް ބައްދަލުވުމެއް ބޭއްވިދާނެ ކަމަށް ފަލާހް ވިދާޅުވި އެވެ.