Roadha Mihaaru
އެއާޕޯޓް ހުޅުވާތާ ހަފުތާއެއް ތެރޭ ޝެޑިއުލް ދަތުރުފަށަނީ

ހޯރަފުށި އެއާޕޯޓް ހުޅުވާތާ ހަފުތާއެއް ތެރޭ ޝެޑިއުލް ދަތުރުތައް ފަށާނެ: މިނިސްޓަރު

15 ނޮވެމްބަރ 2020

ހޯރަފުށި އެއާޕޯޓް އަންނަ އަންގާރަދުވަހު ރަސްމީކޮށް ހުޅުވައި ހަފުތާއެއްގެ ތެރޭގައި ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރޭ ވިދާޅުވެއްޖެ އެވެ.

ހޯރަފުށި އެއާޕޯޓް އަންނަ އަންގާރަދުވަހު ރަސްމީކޮށް ހުޅުވައި ހަފުތާއެއްގެ ތެރޭގައި ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރޭ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ އެއާޕޯޓަށް ޓެސްޓް ފްލައިޓް އަންނަ ހޯމަދުވަހު ޖައްސާނެ ކަމަށެވެ. ހއ. އަތޮޅުގެ ފުރަތަމަ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ހުޅުވުމަށް ފަހު ފުރަތަމަ ހަފުތާގެ ތެރޭގައި ދަތުރުތައް ފެށިގެންދާނެ ކަމަށް،" ނަހުލާ ވިދާޅުވި އެވެ.

މި ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް ތަރައްގީ ކުރާނެ އެވެ. މި އެއާޕޯޓު ތަރައްގީ ކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި 842،200 ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ.

މީގެ އިތުރުން ޓެކްސީވޭ އަކާއި، ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.

ހޯރަފުށީ އެއާޕޯޓު މަޝްރޫ އަށް 198 މިލިއަން ރުފިޔާގެ ހޭދަކުރި އެވެ. އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އޮވެ އެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ހަދައި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް މި މަޝްރޫއުގެ ދަށުން ހަދާފައި ވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯރަފުށީގައި އެއާޕޯޓް ހަދަން ނިންމީ އެ ރަށުގެ އުތުރުން އެއް ފަޅެއްގައި އޮންނަ މާފިނޮޅާ އެކު ބިން ހިއްކައިގެންނެވެ. ނަމަވެސް މި ސަރުކާރުން އެއާޕޯޓް ހެދީ ރަށުގެ ދެކުނުން ފަޅު ހިއްކައިގެން އެތަނުގަ އެވެ.