Roadha Mihaaru
ޝިޕިން އެޖެންސީގެ ގަވާއިދު އަލުން އެކުލަވާލައިފި

މައްސަލަ ބޮޑުވި ޝިޕިން އެޖެންސީގެ ގަވާއިދު ގެޒެޓަށް ފޮނުވައިފިން: ޓްރާންސްޕޯޓް

25 ނޮވެމްބަރ 2020

ދިވެހިރާއްޖޭގެ ޝިޕިން ގަވާއިދު އަލުން އެކުލަވާލައި ގެޒެޓްކުރަން ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދިވެހިރާއްޖޭގެ ޝިޕިން ގަވާއިދު އަލުން އެކުލަވާލައި ގެޒެޓްކުރަން ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑަށް ކުރީގެ ގަވައިދު ހުށަނާޅުއްވައި، މިނިސްޓަރު އައިޝަތު ނަހުލާ އެ ގަވައިދު އުވައިލެއްވީ މަގާމުގެ ނުފޫޒުން ވަކި ބަޔަކަށް ފައިދާ ހޯދައިދިނުމުގެ ތުހުމަތާ އެކު ވިޔަފާރިވެރިންތަކެއް އޭނާއާ ދެކޮޅަށް އޭސީސީ އަށް ވެސް މައްސަލައެއް ހުށަހެޅި އެވެ. އެކަމަކު، ޓްރާންސްޕޯޓު މިނިސްޓްރީން އޭރު ވެސް ބުނެފައި ވަނީ ގަވާއިދު އުވައިލީ މައްސަލަތަކެއް ހުރެގެން އަލުން އެކުލަވައިލާށެވެ.

މި ގަވާއިދުގެ މައްސަލައިގައި މިނިސްޓަރު ނަހުލާ އާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންތަކެއް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ، ގަވައިއިދު ކުރިން އޮތީ ޝިޕިން އެޖެންސީތައް ނޫން ފަރާތްތައް ވެސް ރެގިއުލޭޓްކުރެވޭ ގޮތަށް ކަމަށެވެ. ޝިޕިން އެޖެންޓުން ދޭ ޚިދުމަތްތަކާ ބެހޭ އެ ގަވާއިދުގައި ފްރައިޓް ފޯވާޑިންގެ ޚިދުމަތް ހިމަނާފައި އޮތުމުން އުނދަގޫތަކެއް ކުރިމަތިވި ކަމަށް ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވި ގޮތުގައި އެ ގަވާއިދު ތަންފީޒުކުރަން ފެށުމުގެ ކުރިން އުވައިލީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފައާ އެކުގަ އެވެ.

ކުރީގެ ގަވާއިދު ފްރައިޓް ފޯވާޑާސް އަކަށް ނުހިންގޭނެ ކަމަށާއި އެ ޚިދުމަތަކީ ވިޔަފާރިކުރުމުގެ ގާނޫނުގެ ދަށުން ވަކި ލޮޖިސްޓިކަލް ކުންފުނިތަކުން ދޭ ޚިދުމަތެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

"އަޅުގަނޑުމެން މިހާރު މި ވަނީ އޭޖީގެ ލަފައާ އެކު އާ ގަވާއިދެއް އެކުލަވާލަފައި. ގަވާއިދު މިހާރު އޮތީ ގެޒެޓް ކުރަން ރައީސް އޮފީހަށް ފޮނުވާފައި. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ގެޒެޓްވެގެން އަންނާނެ ކަމަށް ބެލެވޭ،" ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ ވިދާޅުވި އެވެ.

މިދިޔަ ޖުލައި 16ގައި ޓްރާންސްޕޯޓް މިނިސްޓްރީން އާއްމުކޮށް، ދެ މަސް ފަހުން ސެޕްޓެމްބަރު 16 ގައި އުވައިލި "ދިވެހިރާއްޖޭގައި ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވާއިދަކީ" އެކި ނަންނަމުގައި އެޖެންސީތަކުން ފީތައް ނަގާތީ އެކަން ހައްލުކުރުމަށް ހެދި ގަވާއިދެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފަ އެވެ.

އެ ގަވައިދުގެ ދަށުން ހުރިހާ އެޖެންސީތައް ވެސް އެ އޮތޯރިޓީގައި ރަޖިސްޓަރީވާން ޖެހެ އެވެ. ރާއްޖޭގައި ޝިޕިން އެޖެންޓު ނުވަތަ ފުރައިޓު ފޯވާޑާސް ޑެލިވަރީ އޯޑަރު ދޫކުރުމަށް ޝިޕިން އެޖެންޓު ނުވަތަ ފްރައިޓް ފޯވާޑަރާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރިން ނަގަމުން އައި އިތުރު އެއްވެސް ފީއެއް ނުނެގޭނެ އެވެ. ނަމަވެސް ކޮންސައިނީގެ އަތުން ފުރައިޓުގެ އިތުރަށް ފީއެއްގެ ގޮތުގައި ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަވެގެން 500ރ. ނެގޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ގަވައިދާ ހިލާފުވާ ފަރާތްތައް 10،000ރ. އިން ޖޫރިމަނާކުރާނެ އެވެ.