Roadha Mihaaru
ޝަކުވާ ބޮޑުވި، ހޯރަފުށީ އެއާޕޯޓު ޖެޓީ ނިންމައިފި

ޝަކުވާ ބޮޑުވި، ހޯރަފުށީ އެއާޕޯޓު ޖެޓީ ނިންމައިފި

14 ސެޕްޓެމްބަރ 2023

ހއ. ހޯރަފުށީ އެއާޕޯޓްގައި ޖެޓީއެއް ހަދަން، އެ އެއާޕޯޓާ ކައިރި އެހެން ރަށްރަށުގެ މީހުން ކުރި ޑިމާންޑްތަކާ އެކު ހަދަންފެށި ޖެޓީގެ މަސައްކަތް ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހއ. ހޯރަފުށީ އެއާޕޯޓްގައި ޖެޓީއެއް ހަދަން، އެ އެއާޕޯޓާ ކައިރި އެހެން ރަށްރަށުގެ މީހުން ކުރި ޑިމާންޑްތަކާ އެކު ހަދަންފެށި ޖެޓީގެ މަސައްކަތް ނިންމައިފި އެވެ.

ހޯރަފުށީ ދެކުނު ކޮޅު ފަޅުތެރެ ހިއްކައިގެން ހެދި އެއާޕޯޓަށް ދާ އެހެން ރަށްރަށު މީހުން މިހާރު ޖެހެނީ ރަށުގެ ބަނދަރަށް ގޮސް ވެހިކަލެއް ހޯދާށެވެ. ވެހިކަލް ލިބުމުގައި ބައެއް ފަހަރު ދިމާވާ ދަތިތަކާއި މި ދަތުރުތަކަށް އަގު ނެގުމުގައި ވަކި ހަމައެއް ނެތުމާއި ވިއްސާރަ މޫސުމުގައި ދިމާވާ ދަތިތަކާ ހެދި ރަށްރަށުގެ މީހުންގެ ޝަކުވާ ވަރަށް ބޮޑުވި އެވެ. އެކަމަކު ޖެޓީއެއް ހެދުމާ ދެކޮޅަށް ވެސް އެއްބަޔަކު ވަނީ އަޑު އުފުލައިފަ އެވެ.

ޝަކުވާތަކަށް ފަހު ޖެޓީ ހަދަން އެމްޓީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ. އެމްޓީސީސީން ބުނީ 5.65 މިލިއަން ރުފިޔާއަށް އެ ކުންފުންޏާ ހަވާލުކުރި މި މަސައްކަތް މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ފަށައި މިހާރު ނިންމާފައިވާ ކަމަށާއި މި މަސައްކަތަށް 18،000 ކިއުބިކް މީޓަަރުގެ ސަރަހައްދެއްގެ ނެރު ފުންކޮށް، ޖެޓީ ހެދީ އެލް ބްލޮކް ބޭނުންކޮށްގެން ކަމަށެވެ.

އެމްޓީސީސީން ހަދައި ނިންމި ހޯދަފުށީ އެއާޕޯޓް ޖެޓީ.-- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ހަދައި ނިންމި ހޯދަފުށީ އެއާޕޯޓް ޖެޓީ.-- ފޮޓޯ: އެމްޓީސީސީ

ސާޅީސް ހަތަރު މީޓަރުގެ އެއްގަމުތޮށިލުމާއި 49 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހައި ޖެޓީ ސަރަހައްދު ހިމާޔަތް ކޮށްފައިވާއިރު 51،587 ކިއުބިކް މީޓަރުގެ ޖެޓީ ސަރަހައްދުގެ ބިން ހިއްކުމުގެ އިތުރުން ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފަ އެވެ.

މިހާރު ހޯރަފުށި އެއާޕޯޓަށްދާ މީހުންނަށް އެ ޖެޓީ ބޭނުންކުރެވޭނެ އެވެ.

ހޯރަފުށީ އެއާޕޯޓަކީ 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދީ ވެސް އެމްޓީސީންނެވެ. އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ.

އެއާޕޯޓުގެ ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.