Roadha Mihaaru
ގެއްލުންވީ އެއާޕޯޓްގައި ތޮށި ލާން އުޅެނިކޮށް: އަސްލަމް

ހޯރަފުށީ އެއާޕޯޓް ހެދީ އީއައިއޭއާ އެއްގޮތަށް، ތޮށިލާން ވެސް އޮތީ ނިންމާފައި: އަސްލަމް

16 މެއި 2021

ރާއްޖެއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި ހއ. ހޯރަފުށީ އެއާޕޯޓަށް ބޮޑު ގެއްލުމެއް ލިބުނީ، އެތަން ރައްކާތެރިކުރުމަށް ތޮށިގަނޑުލުމުގެ މަސައްކަތް ކުރަން ނިންމައި އެކަމުގެ ތައްޔާރީތައް ވަމުން ދަނިކޮށް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖެއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި ހއ. ހޯރަފުށީ އެއާޕޯޓަށް ބޮޑު ގެއްލުމެއް ލިބުނީ، އެތަން ރައްކާތެރިކުރުމަށް ތޮށިގަނޑުލުމުގެ މަސައްކަތް ކުރަން ނިންމައި އެކަމުގެ ތައްޔާރީތައް ވަމުން ދަނިކޮށް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިދިޔަ ދެ ދުވަހު ގަދައަށް ވިއްސާރަކޮށް، އުދަ އެރުމުގެ ސަބަބުން، ހޯރަފުއްޓާއި އެ ރަށު ފަޅު ހިއްކައިގެން އަޅާފައިވާ އެއާޕޯޓުގައި ވަނީ ފެންބޮޑުވެފަ އެވެ. އަދި ރަންވޭ އާއި ކޯޒްވޭއަށް ވެސް ރާޅު އަރައި، ބޭނުން ނުކުރެވޭ ހާލަތުގައި އޮތް އިރު، ރަންވޭގެ ބައްތިތައް ވެސް ވަނީ ވެއްޓިފަ އެވެ.

އީޕީއޭ އިން ބުނެފައިވާ ގޮތުގައި އެތަނަށް އެހާ ބޮޑު ގެއްލުމެއް ލިބުނީ ބިން ހިއްކި ގޮތުން ކަމަށް އެކަށީގެންވެ އެވެ. ކަނޑާ ކައިރިން އެތަން ހިއްކާފައިވާ އިރު، އެތަން ހިމާޔަތްކުރަން ތޮށިލުމަކީ މުހިއްމު ކަމެއް ކަމަށް އީއައިއޭގައި ވެސް ބުނެފައިވެ އެވެ. އެކަމަކު މީގެ ފަސް މަސް ކުރިން ހުޅުވައި އޮޕަރޭޓްކުރަން ފެށި އެއާޕޯޓުގައި އަދި އެ މަސައްކަތެއް ކުރިއަކަށް ނުދެ އެވެ.

މިނިސްޓަރު އަސްލަމް "މިހާރު" އަށް ވިދާޅުވީ ހިއްކި ބިމުގައި ތޮށިލުމަށް ސަރުކާރުން އައީ އެމްޓީސީސީއާ އެކު މަސައްކަތްކުރަމުން ކަމަށާއި ވިއްސާރައިގައި އެތަނަށް ބޮޑެތި ގެއްލުންތަކެއް ލިބުނީ، ޝޯ ޕްރޮޓެކްޝަންގެ ޑިޒައިންގެ ކަންކަން ކުރަމުން ދަނިކޮށް ކަމަށެވެ.

ހޯރަފުށީ އެއާޕޯޓަށް ރާޅު އަރާފައި

ހޯރަފުށީ އެއާޕޯޓަށް ރާޅު އަރާފައި

"އަޅުގަނޑުމެން އައީ އެތަން ހިމާޔަތްކުރަން މަސައްކަތްތަކެއް ކުރަމުން. އެއްގޮތަކަށް ވެސް އެއާޕޯޓު އަޅާފައި ދޫކޮށްލީކީ ނޫން،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް އައި މި ވިއްސާރަގަނޑަކީ މޫސުމީ ކަމެއް ނޫން ކަމަށާއި އެ ފަދަ ކޮޅިގަނޑެއް އަތުވެދާނެ ކަމަށް ކުރިން ހީވެސް ނުކުރާ ކަމަށެވެ. އަދި މި ފަހުން ރާއްޖެއަށް ނުކުރާ ވަރުގެ މި ވިއްސާރައިގައި މިހާ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ކުރިން ލަފާ ވެސް ނުކޮށްލެވޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއާޕޯޓު އަޅަން ބިން ހިއްކީ، އީއައިއޭއާ އެއްގޮތަށެވެ. އަދި މިއީ ސަރުކާރުން އަޅާނުލައި ނުވަތަ އިހުމާލުވުމުގެ ސަބަބުން ވީކަމެއް ނޫން ކަމަށާއި މިއީ ކުރިން ލަފާ ވެސް ނުކޮށްލެވޭ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ދިމާވި ގޮތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވިއްސާރައިގައި އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއްވެ ދެން އެތަން ބޭނުން ކުރެވޭނީ ވަރަށް ބޮޑަށް މަރާމާތުކުރުމަށް ފަހު އެވެ. ރީޖަނަލް އެއާޕޯޓްސް އިން ބުނި ގޮތުގައި އެތަން އޮތީ އިންޝުއާ ވެސް ނުކޮށެވެ. އެއާޕޯޓު އިންޝުއާ ނުކޮށް އޮތުމުގެ ސަބަބުން ލިބޭ ގެއްލުން ވަރަށް ބޮޑުވާނެ ކަމަށް އެތަނުން ބުންޏެވެ.