Roadha Mihaaru
ދަތުރުފަތުރުގެ 800 މިލިއަން ރުފިޔާގެ މަޝްރޫއު މާދަމާ

ދަތުރުފަތުރުގެ 800 މިލިއަން ރުފިޔާގެ މަޝްރޫއު މާދަމާ ފަށަނީ

11 ޖޫން 2022

މުޅި ރާއްޖެ ހައި ސްޕީޑް ލޯންޗުން ގުޅައިލާ "ރާއްޖެ ޓްރާންސްޕޯޓު ލިންކް" (އާރުޓީއެލް) މާދަމާ ރަސްމީކޮށް ފަށަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މުޅި ރާއްޖެ ހައި ސްޕީޑް ލޯންޗުން ގުޅައިލާ "ރާއްޖެ ޓްރާންސްޕޯޓު ލިންކް" (އާރުޓީއެލް) މާދަމާ ރަސްމީކޮށް ފަށަން ނިންމައިފި އެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއު ފުރަތަމަ ފަށާނީ ފޭސް އެކެއްގައި ހިމެނޭ ހއ، ހދ، އަދި ށ، އަތޮޅުގެ 41 ރަށުންނެވެ. އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއަށް 800 މިލިއަން ރުފިޔާއަށް ވުރެ ހަރަދެއް ހިނގާނެ އެވެ.

އެ މަޝްރޫއު ފެށުމުގެ އަޖުމަ ބެލުމަށް ޓިކެޓް ނުނަގާ ޓްރަޔަލް ދަތުރުތަކެއް މިދިޔަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ހދ. އަތޮޅުގައި ގެންގޮސްފައިވެ އެވެ. އެ ދަތުރުތައް ހަފުތާގެ ހަތް ދުވަހު އޮންނާނެ އެވެ.

އާރްޓީއެލްގެ ހިދުމަތް ފެށުމަށް ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އެ މަޝްރޫއު ނިމުމުން 80 އަށްވުރެ ގިނަ ލޯންޗު ބޭނުންކުރާނެ ކަމަށެވެ. އަދި ފަސޭހަކަމާއި އަރާމުކޮށް، ދަތުރުކުރުމަށް ކޮންމެ ރަށެއްގައި ފެރީ ޓާމިނަލެއް އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ދަތުރުފަތުރަށް އަންނަ މީހަކު ވެސް ވާރެ އާއި އަވީގައި ތިބޭކަށް ދެން ނުޖެހޭނެ. މިހާރު އޮންނަ ގޮތަކީ ވާރެ އާއި އަވީގައި ތިބެން ޖެހެނީ ލޯންޗު އަންނަންދެން ވެސް. އެހެން ނަމަވެސް މި ފަހަރުގެ ނިޒާމާއެކު އެއްވެސް ރައްޔިތަކު ވާރެ އާއި އަވީގައި ތިބޭކަށް ނުޖެހޭނެ. ކޮންމެ ރައްޔިތަކީ ވެސް ހިޔަލެއްގައި ހުންނަ ރައްޔިތަކަށް ވެގެންދާނެ،" އާޒިމް ވިދާޅުވި އެވެ.

"...މިހާރު މި އޮތް ނިޒާމާއެކު ފުރިހަމަ ޓްރާންސްޕޯޓު ނިޒާމެއް ގާއިމް ވެގެންދާނެ."

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، އާރްޓީއެލްއަކީ ރާއްޖެ މުޅިން އެހެން ގޮތަކަށް ބަދަލުކޮށްލާނެ ނިޒާމެއް ކަމަށެވެ.

ގައުމެއް ތަރައްގީވުމުގައި އެއް ތަނުން އަނެއް ތަނަށް ދެވޭނެ ފަސޭހަގޮތެއް އޮތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ލާމަރުކަޒީ ނިޒާމު ވެސް ހިންގޭނީ ދަތުރުފަތުރުގެ ނިޒާމުން ގުޅާލައިގެން ކަމަށް އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަތުރުފަތުރުގެ ނިޒާމުން ގުޅާލައިގެން ނޫނީ ރާއްޖެ އިތުރަށް ތަރައްގީކުރަން އުނދަގޫވާނެ އެވެ.

އާރުޓީއެލްގެ ޕެސެންޖާ ފެރީ ގުޅައިލާނީ ތިން ގޮތަކަށެވެ. އެއީ ކޮމިއުޓް ލިންކާއި ނަން-ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކެވެ.

ކޮމިއުޓް ލިންކަކީ ކައިރި ރަށްތައް ގުޅުވައިދޭ ކުރު ދަތުރުތަކަށް ހާއްސަކޮށްފައިވާ ނިޒާމެވެ. އެއީ އާއްމުކޮށް ކުރަންޖެހޭ މަސައްކަތްތައް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ދަތުރެވެ. އަދި އެ ދުވަހު ހިދުމަތް ހޯދުމަށް ފަހު އެނބުރި ރަށަށް އައުމަށް މަގުފަހިވާނެ އެވެ.

ނަން-ކޮމިއުޓް ލިންކަކީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ މަގެވެ. އެ ދަތުރުތައް ދިގުވެފައި ދުރު ރަށްތަކަށް ދެވޭނެ އެވެ. އެ ލިންކުގައި ހިމެނޭ ރަށްތަކުގައި އެއާޕޯޓު އަދި ވިޔަފާރި ހަބްތައް ހިމެނޭނެ އެވެ. އެއީ ކޮންމެ ދުވަހަކު ދަތުރުކުރަން ނުޖެހި، ޒޯންގައި ހިމެނޭ ރަށްތަކުން ފަސޭހައިން ހިދުމަތް ހޯދޭނެ މަގެކެވެ.

ހައިވޭ ލިންކަކީ އެއް ރީޖަންގެ ދަތުރުފަތުރުގެ ހަބާ، އަނެއް ރީޖަންގެ ދަތުރުފަތުރުގެ ހަބް ގުޅުވައިދޭ ލިންކެވެ.

މިނިސްޓްރީން ބުނީ ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.

އެ މަޝްރޫއުތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެއީ މުޅި ޖުމްލަ ހަ ޒޯނެވެ.

ފުރަތަމަ ޒޯންގައި ހިމެނެނީ ހއ، ހދ، އަދި ށ، އަތޮޅެވެ. ދެ ވަނަ ޒޯނުގައި ނ، ރ، ބ، އަދި ޅ އަތޮޅެވެ. ތިން ވަނަ ޒޯނުގައި ކ، އއ، އދ، އަދި ވ. އަތޮޅެވެ. ހަތަރު ވަނަ ޒޯނުގައި މ، ފ، ދ، ތ، އަދި ލ އަތޮޅެވެ، ފަސް ވަނަ ޒޯނުގައި ގއ، ގދ އަތޮޅު އަދި ހަ ވަނަ ޒޯނުގައި ފުވައްމުލަކާއި އައްޑު އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެ ލޯންޗުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ. އަދި އާރްޓީއެލްގެ މޮބައިލް އެޕްލިކޭޝަނުން ދަތުރާ ގުޅޭ އިތުރު ތަފްސީލް ލިބޭނެ އެވެ.