31 އޯގަސްޓް 2022
މިނީ ބަސް ފެށުމަށް ޓަކައި، މާލޭގެ ބޮޑެތި މަގުތައް އެއްކޮޅުން އަނެއްކޮޅަށް ހުސްކޮށްގެން އާންމުންނަށް އެ ދިމާވާ ހާސްކަން އެ ހިދުމަތުން ފިލުވާލެވިދާނެ ހެއްޔެވެ؟
މިނީ ބަސް ފެށުމަށް ޓަކައި، މާލޭގެ ބޮޑެތި މަގުތައް އެއްކޮޅުން އަނެއްކޮޅަށް ހުސްކޮށްގެން އާންމުންނަށް އެ ދިމާވާ ހާސްކަން އެ ހިދުމަތުން ފިލުވާލެވިދާނެ ހެއްޔެވެ؟
ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ، ކޮމިއުނިކޭޝަންސް، މުހަންމަދު ހިސާން އަލީ ފަހުމީގެ ޖަވާބަކީ މި އެވެ؛ "ޔަގީނެވެ".
ލައްކަ އަކަށް ވުރެ ގިނަ މީހުން ދިރިއުޅޭ، އަދި ތޮއްޖެހިފައިވާ މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. ބެލެވޭ ގޮތުގައި، ސޯޅަ މީހުންގެ ޖާގައިގެ 16 ބަހުގައި އެ ހިދުމަތް އަންނަ މަހު ފަހުކޮޅު ރަސްމީކޮށް ފަށާނެ އެވެ. އޭގެ ކުރިން އަންނަ މަހުގެ މެދެއްހާ ހިސާބު އޭގެ ތަޖުރިބާ ދަތުރުތައް ފަށާނެ އެވެ.
ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއަކީ، ދަތުރުފަތުރުގެ ނިޒާމްގެ ތާރީހު ބަދަލުކޮށްލުމަށް ސަރުކާރުން ފަށާފައިވާ، ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ބައެކެވެ. މާލޭގެ މިނީ ބަހުގެ ނިޒާމުގެ އެންމެ ބޮޑު އަމާޒަކީ، ހިނގާލައިފައި 10-15 މިނެޓުން ދެވޭ ހިސާބެއްގައި ކޮންމެ 10 މިނެޓަކުން ބަހެއް ބޭއްވުމެވެ.
މާލޭގައި މިނީ ބަހުގެ ޓެސްޓް ދަތުރުތައް ކުރަނީ -- ފޮޓޯ: އެމްޓީސީސީ
މިނީ ބަހުގެ ދަތުރުތައް ފެށުމުން، އޭގެ މާނައަކީ އެ ބަސްތަކުން އެއް ވަގުތެއްގައި 300 ވަރަކަށް މީހުން އެއިން ދަތުރު ކުރުމެވެ. މިއީ ރެޖިސްޓްރީކޮށްފައި 600 ވަރަކަށް ޓެކްސީ އޮތްއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ޓެކްސީގައި އެއްފަހަރާ ދަތުރުކުރާ ވަރުގެ އާބާދީއެކެވެ.
މާލޭގެ އާބާދީ ބޮޑުވެ، މާލޭ ތެރޭގައި ޓެކްސީއެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ޓެކްސީ ސެންޓަރުތަކުން ފޯނެއް ނުނަގަ އެވެ. މަގުމަތިން ވެސް ޓެކްސީއެއް ގިނަ ފަހަރު ނުލިބެ އެވެ. އަދި، އަމުދުން ފަހަކަށް އައިސް މާލެ ތެރޭގެ ތަނަށް ދާން ޓެކްސީއެއް ހޯދުން ވެފައި އޮތީ ވަރަށް އުނދަގޫ ކަމަކަށެވެ. އެއީ އާންމުންގެ ޝަކުވާ ވެސް އިންތިހާ އަށް ބޮޑުވެފައިވާ ކަމެކެވެ.
"ޓެކްސީގެ ޝަކުވާތަކަކީ ވަރަށް ގިނަ ދުވަސްވީ ޝަކުވާއެއް. ހުއްޓުމެއް ނެތި ޝަކުވާ އޮތް މައްސަލައެއް. އަޅުގަނޑަށް ގަބޫލުކުރެވެނީ މިނީ ބަހުގެ ހިދުމަތަކީ އޭގެ ހައްލު ކަމަށް،" ހިސާން ވިދާޅުވި އެވެ.
އޭގެ ސަބަބުތައް ވެސް އޭނާ ވިދާޅުވި އެވެ:
"ރޫޓްތައް ބަލައިލީމަ އެނގޭނެ ބަސް ސްޓޮޕްތައް މިހިރީ އެ މީހަކު ބޭނުންވާ ކޮންމެ ތަނަކުން ނުކުމެގެން ގޮސް 10-15 މިނެޓުން ހިނގާލެވޭ ހިސާބުގައި. އަޅުގަނޑު ޕާސަނަލީ މިނީ ބަހުގައި ޓްރަޔަލް ދަތުރެއް ކޮށްފިން. އެންމެ ޕީކް ގަޑީގައި އަޅުގަނޑުގެ ގެ އިން (ހެންވޭރު ދަނޑު ކައިރިން) ރައީސް އޮފީހަށް އާދެވިއްޖެ ދިހަވަރަކަށް މިނެޓުން. މިއީ ޓެކްސީއެއްގައި ވެސް ހަމަ އާދެވޭވަރު،" އޭނާ ވިދާޅުވި އެވެ.
މިނީ ބަހުގެ ދަތުރުތަކަށް ހަދާފައިވާ ބަސް ސްޓޮޕެއް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
""މާލޭގައި އާންމުކޮށް ޓެކްސީގައި މީހުން މި ދަތުރު ކުރަނީ ސްކޫލަށް ދަރިފުޅު ބަލާ ނޫނީ ހޮސްޕިޓަލް ކަހަލަ ތަނަކަށް. ޓެކްސީއެއް ނުލިބިގެން ވެސް އުޅެން މި ޖެހެނީ ގިނަ ފަހަރު މި ތަންތަނަށް ދާން. މާލެ އިން ބޭރަށް [އެއާޕޯޓް/ ހުޅުމާލެ ކަހަލަ ތަނަކަށް] ދާން މިހާރު ވެސް ޓެކްސީ ހޯދުމަކީ އުނދަގޫ ކަމެއް ނޫން. މިނީ ބަހުގެ ހިދުމަތުގައި މި ދެންނެވި ތަންތަނަށް، ސްކޫލުތަކަށް، ހޮސްޕިޓަލްތައް ކައިރީގައި ބަސް ސްޓޮޕް ހުންނާނެ. އޭގެ މާނައަކީ ޓެކްސީ ނުލިބިގެން ހުންނާނެ ކަމެއް ނެތޭ. ބަސް އިހުތިޔާރުކުރާށޭ. ޔަގީން ކަމަކީ 10 މިނެޓުން ބަސް އަންނާނެކަން. އަނެއް 10 މިނެޓްގެ ތެރޭގައި ބޭނުންވާ ތަނަށް ދެވޭނެކަން."
ހިސާން ވިދާޅުވި ގޮތުގައި މިނީ ބަހާ އެކު، މާލޭގެ ދަތުރުފަތުރުގެ ތާރީހު މުޅިން ބަދަލުކޮށްލުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު އެ ތާރީހު ބަދަލުކޮށްލެވޭނީ، އޭނާ ވިދާޅުވި ގޮތުގައި އާންމުންގެ ވަރަށްބޮޑު އެއްބާރުލުމެއް ވެސް ލިބިގެންނެވެ. ސަބަބަކީ، ބަސް ދަތުރުކުރުމަށް ޖާގަ ދިނުމާއި ނުދިނުން ގުޅިފައި އޮތީ މަގުމަތީގެ އަހުލާގާ ކަމަށް ވުމެވެ.
"މަގުމަތީގެ ޑިސިޕްލިން މީގައި ވަރަށް މުހިންމު. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ދެ ކަމެއް އޭގެ ތެރޭގައި ހިމެނޭ. އެއް ކަމަކީ އެމްބިއުލާންސަށް ޖާގަ ދިނުން. އަނެއް ކަމަކީ ޕަބްލިކް ޓްރާންސްޕޯޓަށް ޖާގަދިނުން. ސަރުކާރުގެ އިލްތިމާސް އަކީ ބަސް ދަތުރުކުރަން ވެސް ޖާގަ ދޭށޭ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފާހަގަވި ކަމަކީ މި ހިދުމަތް ފަށާ ނަމަ މަޖީދީމަގުގައި ދެކޮޅަށް ދުއްވައިގެން ނޫނީ މިކަން ނުކުރެވޭނެ ކަން. އެހެންވެ މަޖީދީ މަގު ހުސްކުރަން ޖެހޭ. މި ހިދުމަތް ފެށުމުން މަޖީދީމަގާއި އަމީނީމަގުގައި ވެސް ދެން ޕިކަޕް އެއްޗެހި ބާއްވައިގެން މުދާ އެރުވުން ކަހަލަ ކަންކަން ވެސް ނުކުރުން އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް. އަނެއްކާ ޕޭވްމަންޓަށް ކާރު އަރުވައިގެން ޕާކު ކުރުން ކަހަލަ ކަންކަން ވެސް ނުކުރުން."
އޭނާ ވިދާޅުވި ގޮތުގައި މިނީ ބަހުގެ ހިދުމަތުގެ ސަބަބުން އާންމުންނަށް ވަރަށް ބޮޑު ފަސޭހައެއްވެ، ޓްރެފިކްގެ މައްސަލަތަކަށް ވެސް ހައްލު ލިބުމުގެ ފުރުސަތު އެބައޮތެވެ. އަދި މިއީ، ވެހިކަލް މަދުކުރުމަށް ދުރު މުސްތަގުބަލަކަށް އަމާޒުކޮށްފައިވާ ޕްލޭނެއްގެ ފެށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލޭގައި މިނީ ބަހުގެ ޓެސްޓް ދަތުރުތައް ކުރަނީ -- ފޮޓޯ: އެމްޓީސީސީ
"ރައީސްގެ އެއް ވައުދު އެއީ މާލޭގައި ހިތްފަސޭހަ ކަމާ އެކު ދިރިއުޅެވުން. މާލޭގެ ވެހިކަލްތައް މަދުވެގެން ދިއުން. އެކަމަކު އެކަން ހައްލު ކުރާނެ ގޮތެއް ނެތި އެކަމެއް ނުކުރެވޭނެ. އޭގެ ހައްލަކީ މިނީ ބަސް. މި ހިދުމަތް ފެށީމަ ދެން އަޅުގަނޑަކަށް ހިޔެއް ނުވޭ ކޮންމެ ގެއަކު ތިން ހަތަރު ސައިކަލް ގެންގުޅެން ޖެހޭނެހެނެއް. މި ހިދުމަތް ފެށީމަ ދެން އެޅެން ހުރި ފިޔަވަޅުތައް ވެސް އެޅޭނީ. މިސާލަކަށް ވެހިކަލް އެތެރެކުރުމުގެ ކަންކަމުގައި ވެސް،" އޭނާ ވިދާޅުވި އެވެ.
މިނީ ބަސްތަކަށް މާލޭގެ ޕާކިންތަކެއް ނެގުމުން، އެ މައްސަލަ ހައްލު ކުރާނެ ގޮތުގެ ޕްލޭނެއް ވެސް ސަރުކާރުން އޮތީ ރާވައިފަ އެވެ. ހިސާން ވިދާޅުވި ގޮތުގައި މިހާރު ވެސް ޕާކިން ޒޯންތަކެއް ހަދަމުން އެބަ ދެ އެވެ.
"އަޅުގަނޑުމެންގެ ދިރިއުޅުމުގައި އަބަދު ވެސް ވިސްނުން މި ހުންނަނީ ގޭ ކުރިމަތީގައި ޕާކު ކުރަން. އެކަމަކު އެ ވިސްނުން އަޅުގަނޑުމެން ބަދަލުކޮށް ސިސްޓަމެޓިކް ގޮތަކަށް މިކަން މި ބަދަލުވަނީ."
އާރުޓީއެލްގެ ބަހުގެ ނިޒާމާ އެކު ސަރުކާރަށް ފާހަގަކުރެވުނު އެއް ކަމެއް ހިސާން ހިއްސާ ކުރެއްވި އެވެ. އެމްޓީސީސީ އާ ހަވާލާދެއްވައި އޭނާ ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ ޑިމާންޑް އުފުލުނު ކަމެވެ.
"ދާދިފަހުން އެމްޓީސީސީން ބުނި ބަސް ޑްރައިވަރުންނަށް މުޅިންހެން ވެސް އަންނަނީ ޓެކްސީ ޑްރައިވަރުންނޭ،" އޭނާ ވިދާޅުވި އެވެ.
ބަސް ޑްރައިވަރަކަށް އެބަ ލިބޭ މަހަކު 15،000ރ. ވަރު. އޭނާ ޓެކްސީ ކޮށްގެން އެންމެ ގިނަ ވެގެން ވެސް މަހަކު މި ލިބެނީ 10،000ރ. ވަރު. އެކަމަކު އެއީ މުޅި ދުވާލު ވަރަށް ގިނަ މަސައްކަތްކޮށްގެން. ބަސް ޑްރައިވަރުން އެއީ ރެސްޓް ކޮށްގެން ހަ ގަޑި ހަތް ހަޑިއިރުގެ މަސައްކަތް.
"ބަސް ޑްރައިވަރަކަށް އެބަ ލިބޭ މަހަކު 15-18 ހާސް ރުފިޔާ ވަރު. އޭނާ ޓެކްސީ ކޮށްގެން އެންމެ ގިނަ ވެގެން ވެސް މަހަކު މި ލިބެނީ 25-30 ހާސް ވަރު. ވަރު. އެކަމަކު އެއީ މުޅި ދުވާލު ވަރަށް ގިނަ މަސައްކަތްކޮށްގެން. ބަސް ޑްރައިވަރުން އެއީ ރެސްޓް ކޮށްގެން ހަ ގަޑި ހަތް ހަޑިއިރުގެ މަސައްކަތް. އަނެއްކާ ސްޓޭބަލް ވަޒީފާއެއް،" އޭނާ ވިދާޅުވި އެވެ.
މިނީ ބަހުގެ ހިދުމަތް ފެށުމާ އެކު ޓެކްސީ ޑްރައިވަރުންގެ ހިތްހަމަނުޖެހުންތަކެއް ހުރެދާނެ ކަމަށް ހިސާން ވެސް ގަބޫލުކުރައްވަ އެވެ.
"ބަހުގެ ހިދުމަތް ފެށުމުން އެތެރޭގެ ދަތުރުތަކަށް ބޮޑަށް ބަސް ބޭނުންކުރާނެ ކަމަށް ފެނޭ. އެހެން ނަމަވެސް ޓެކްސީ އަށް ވެސް ޑިމާންޑް އޮންނާނެ. ޓެކްސީ ބޭނުންކުރާނެ މީހުން ހަމަ ތިބޭނެ. އެއާޕޯޓް އަދި ހުޅުމާލެ އަށް ދިއުމަށް ޓެކްސީ އަށް އެރުން ދެމި އޮންނާނެ ކަމަށް ބެލެވޭ،" އޭނާ ވިދާޅުވި އެވެ.
"ސަރުކާރުގެ އަމާޒަކީ ބަހުގެ ހިދުމަތުގެ ފައިދާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބި މާލެ އަކީ ހިތް ފަސޭހަ ތަނަކަށް ހެދުން."
މިނީ ބަހުގެ ހިދުމަތަކީ މާލޭގައި ކުރިން ވެސް ޓެސްޓްކޮށްފައިވާ ނިޒާމެކެވެ. އެކަމަކު އޭރު އެކަން ކުރީ އަމިއްލަ ބަޔަކާ ހަވާލުކޮށްގެންނެވެ. އޭރު ޝަކުވާއަކަށް ވީ ވެސް އެކަމަށް ބޭނުންވާ ރަނގަޅު ފެންވަރުގެ ބަސް ނުލިބުމާއި މަގުތައް ތާށިވުމާއި ގަޑިއަށް ބަސްތައް ނޯންނަ ކަމުގެ ޝަކުވާއެކެވެ. އެ ހިދުމަތް ދިން ކުންފުނި މި މަސައްކަތުން އަތްފޮޅާލި އިރު ކުންފުނި އޮތީ ބަނގުރޫޓުވެފަ އެވެ.
މިނީ ބަހަށް ހަދާފައިވާ ބަސް ސްޓޮޕަކުން ބަޔަކު ދުއްވާފައި ދަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އެކަމަކު އެމްޓީސީސީން މި ހިދުމަތް މާލޭގައި މި ފަށަނީ ޒަމާނީ ބަސްތަކަކާ އެކު، މަގުތަކުގައި ޖާގަ ވެސް ހެދުމަށް ފަހު އެވެ. އަދި، އެ ކުންފުނީގެ އެ ތަޖުރިބާ ވެސް އެބަހުއްޓެވެ. ސަރުކާރުން ބަލަނީ، މިއީ ކާމިޔާބު ވެދާނެ މަޝްރޫއެއްގެ ގޮތުގަ އެވެ.
"އާރުޓީއެލްގެ މަޝްރޫއަކީ ދަތުރުފަތުރުގެ މުޅި ނިޒާމް ބަދަލުކޮށްލާނެ މަޝްރޫއެއް. މިސާކަށް ފެރީގެ ނިޒާމް. ފެރީއާ އެކު ވެސް މީހުންނަށް އެ މީހުންގެ ދިރިއުޅުމަށް އައިސްފައި ހުރި ބަދަލުތައް ވަރަށް ބޮޑަށް ފެންނަން މިހިރީ. މުޅި ރާއްޖެ އަށް މީތި ދިޔައީމަ ރާއްޖެ ބަދަލުކޮށްލާނެ ނިޒާމެއް މިއީ." ހިސާން ވިދާޅުވި އެވެ.
"އަޅުގަނޑު އަމިއްލަ ގޮތުން ވެސް ހަމަ ދަންނަވަން ބޭނުންވާ އެއްޗެއް. މިއީ ވަރަށް ބޭނުންތެރި ނިޒާމެއް. ޒަމާންވީ އުނދަގޫތަކަކަށް ނިމުން މި އަންނަނީ."
ސްކޫލު ކުދިންނަށް މާލޭގައި ބަސް ދަތުރު ހިލޭ
މިނީ ބަސްތައް ވާނީ ވަރަށް ބޮޑު ފަސޭހައަކަށް: އާޒިމް
މާލޭގައި މިނީބަސް ދަތުރެއްގެ އަގަކަށް ހުށަހެޅީ 5ރ.
މިނީ ބަސް ފަށަން ޕާކިން ޒޯނަށް ބިން ހަމަޖައްސައިދީފި
ބޮޑެތި މަގުތަކުގައި ޕާކު ނުކުރެވޭގޮތް ހަދަން އެދުނު
މިނީ ބަހުގެ ހިދުމަތް ފަށަން 36 ބަސް ގެނެސްފި
ދެވަނަ ފިޔަވަހިން ކޮންމެ 15 މިނިޓަކުން ބަސް ދަތުރެއް
އަންނަ އަހަރު ދަތުރުކުރާނީ ރީތި ބަސްތަކެއްގައި: އާޒިމް
މާލެ-ހުޅުމާލެ ބަސް ދަތުރު އެންމެ ފަހުން އެމްޓީސީސީއަށް
ބަސް ޓިކެޓަށް ކޭޝްކާޑުން ފައިސާ ދެއްކޭނެ ގޮތް ހަދައިފި