Roadha Mihaaru
މާލޭގައި މިނީބަސް ދަތުރެއްގެ އަގަކަށް ހުށަހެޅީ 5ރ.

މާލޭގައި ބަސް ދަތުރަކަށް ހުށަހެޅީ ފަސް ރުފިޔާ، އަދި ފައިނަލެއް ނުވޭ

30 އޯގަސްޓް 2022

އެމްޓީސީސީން މާލޭގައި ފަށަން ނިންމާފައިވާ މިނީ ބަހުގެ ދަތުރެއްގެ އަގުގެ ގޮތުގައި ފަސް ރުފިޔާ ހުށަހަޅައި އެ އަގާ މެދު އިތުރަށް މަޝްވަރާކުރަމުން އަންނަކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޓީސީސީން މާލޭގައި ފަށަން ނިންމާފައިވާ މިނީ ބަހުގެ ދަތުރެއްގެ އަގުގެ ގޮތުގައި ފަސް ރުފިޔާ ހުށަހަޅައި އެ އަގާ މެދު އިތުރަށް މަޝްވަރާކުރަމުން އަންނަކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން މިކަމާ ގުޅޭ ގޮތުން އަދި ވާހަކައެއް ނުދައްކަ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި، ސަބްސިޑައިޒް ނުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ދަތުރުކުރަން 7ރ. އަށް ދަތުރުކޮށްދޭން އަންނަނީ މަޝްވަރާކުރަމުންނެވެ. އެހެންވެ މީގެ ތެރެއިން ކަނޑައަޅާނީ ކޮން އަގެއް ކަމެއް އަދި ނުނިންމަ އެވެ.

މިނީ ބަހުގެ ދަތުރު ފެށުމަށްޓަކައި މާލޭގެ މަގުތަކުގައި ބަސް ސްޓޮޕްތައް މިހާރު އަންނަނީ ހަދަމުންނެވެ. ބަހުގެ ހިދުމަތް ތިން ރޫޓަކުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ޓެސްޓު ބުރަށް ބައެއް މަގުތަކުގައި މިހާރު އެކި ގަޑިތަކުގައި މިނީ ބަސް ދުއްވަ އެވެ.

މާލޭގެ ބޮޑެތި މަގުތައް ކަމަށްވާ މަޖީދީ މަގާއި އަމީނީ މަގާއި އޯކިޑް މަގު ފަދަ މަގުތަކުގައި މިނީ ބަސްތައް ދަތުރު ކުރާނެ އެވެ. ބަހުގެ ހިދުމަތް ފެށުމަށްޓަކައި މަޖީދީ މަގުގައި މިހާރު ވަނީ ޕާކްކުރުން މަނާކޮށްފަ އެވެ. އަދި އަމީނީ މަގާއި އެހެން ބައެއް މަގުތަކުގެ ޕާކިން ކަންކަން ހަމަޔަކަށް އެޅުވުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަންނަނީ ކުރަމުންނެވެ.

އެމްޓީސީސީން ބުނިގޮތުގައި ބަހުގެ ހިދުމަތް ފެށޭނީ ޕާކިންގެ ކަންކަން ހަމަޔަކަށް އެޅުމުންނެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން ވަނީ 36 ބަސް ރާއްޖެ އަށް ގެނެސްފަ އެވެ. އޭގެ ތެރެއިން މާލޭގައި 12 ބަސް ބޭނުން ކުރާނެ އެވެ.

މިނި ބަހުގައި 22 މީހުންނަށް އެއްފަހަރާ ދަތުރު ކުރެވޭނެ އެވެ. މާލޭގެ އެކި ހިސާބުތަކުން ކޮންމެ 10 މިނިޓަކުން ބަސް ދަތުރުތައް ބާއްވާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. މާލޭގެ އިތުުރުން އައްޑު އާއި ފުވައްމުލަކު އަދި ލ. އަތޮޅުގައި ވެސް މިނީ ބަހުގެ ހިދުމަތް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.