Roadha Mihaaru
މިނީ ބަސްތައް ވާނީ ވަރަށް ބޮޑު ފަސޭހައަކަށް: އާޒިމް

މާލޭގައި މިނީ ބަސްތައް ބޭނުންކުރަން ފެށުމުން އެހެން އުޅަނދުތައް މަދުކުރެވޭނެ: އާޒިމް

17 ޖުލައި 2022

އާންމު ދަތުރުފަތުރަށް ބޭނުންކުރަން ގެނައި މިނީ ބަސްތަކުގެ ސަބަބުން، މާލޭގައި ދުއްވާ ކާރާއި ސައިކަލް މަދުކުރެވޭނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އާންމު ދަތުރުފަތުރަށް ބޭނުންކުރަން ގެނައި މިނީ ބަސްތަކުގެ ސަބަބުން، މާލޭގައި ދުއްވާ ކާރާއި ސައިކަލް މަދުކުރެވޭނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް އޭނާ ވިދާޅުވީ، އެމްޓީސީސީން ގެނައި 36 ބަހުގެ ތެރެއިން މާލޭގެ އެތެރޭގެ ދަތުރުތަކުގައި 12 ބަސް ބޭނުން ކުރާނެ ކަމަށެވެ.

އެ ބަސްތައް ދުއްވަން އެ ކުންފުނިން ނިންމާފައި ވަނީ ބޮޑެތި މަގުތަކުގަ އެވެ. އޭގެ ތެރޭގައި އަމީނީ މަގާއި މަޖީދީ މަގާއި އޯކިޑް މަގު ހިމެނެ އެވެ. ބަސް ދަތުރުތަކުގެ ރޫޓް ކަނޑައަޅަމުން އަންނައިރު އަދި އަގުތަކެއް އެމްޓީސީސީން ހާމައެއް ނުކުރެ އެވެ.

"ކަނޑައެޅިފައިވާ ގަޑިތަކަށް ބަސް ދަތުރުތައް ބާއްވައި، ރައްޔިތުންގެ އިތުބާރު ހޯދަން މަސައްކަތް ކުރާނަން. ރައްޔިތުންގެ އިތުބާރު ލިބޭ ހިދުމަތަކަށް ވެއްޖެ ނަމަ ކާރާއި ސައިކަލް މަގުމަތީ ދުއްވާ ވަރު މަދު ކުރެވޭނެ،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މާލޭގެ ބޮޑެތި މަގުތަކުގައި ބަސްތައް ދުއްވޭނީ، އެ ވެހިކަލްތައް ބަސް ސްޓޮޕްތަކުގައި ވެސް ބަހަށް މަޑުކުރާނެ ޖާގަ ލިބިގެންނެވެ. އެހެންވެ، އެ މަގުތަކުގައި ބަސް ސްޓޮޕްތައް ހެދުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

ނަމަވެސް އާޒިމް ވިދާޅުވީ، އެކަން ކުރަން ސިޓީ ކައުންސިލުން ހޯދަން ޖެހޭ ހުއްދަތައް ހޯދުމުގައި ދަތިތައް އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެންނަށް އަދިވެސް ބަސް ސްޓޮޕްތައް ހަދަން ސިޓީ ކައުންސިލުން ޖަވާބެއް ނުދޭ. މިއީ މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން،" އޭނާ ވިދާޅުވި އެވެ.

އެ އުނދަގޫތަކާ އެކު ވެސް އެމްޓީސީސީން ބޭނުންވަނީ މި މަސް ނިމޭ އިރު މިނީ ބަހުގެ ހިދުމަތް މާލޭގައި ދިނުމަށެވެ.

މިނި ބަހުގައި 22 މީހުންނަށް އެއްފަހަރާ ދަތުރު ކުރެވޭނެ އެވެ. މާލޭގެ އެކި ހިސާބުތަކުން ކޮންމެ 10 މިނިޓަކުން ބަސް ދަތުރުތައް ބާއްވާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. މާލޭގެ އިތުުރުން އައްޑު އާއި ފުވައްމުލަކު އަދި ލ. އަތޮޅުގައި ވެސް މިނީ ބަހުގެ ހިދުމަތް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.