Roadha Mihaaru
ހޯރަފުށި އެއާޕޯޓު ސެޓިފައި ކޮށްފި

ސަރަހައްދީ އެއާޕޯޓުތަކުގެ ތެރެއިން ސެޓިފައި ކުރި ފުރަތަމަ ތަނަކަށް ހޯރަފުށި އެއާޕޯޓް

20 ނޮވެމްބަރ 2021

ރާއްޖޭގެ ސަރަހައްދީ އެއާޕޯޓުތަކުގެ ތެރެއިން އެންމެ ފުރަތަމަ ސެޓިފައި ކުރި ތަނަކީ ހޯރަފުށީގެ އެއާޕޯޓު ކަމަށް ރީޖަނަލްސް އެެއާޕޯޓްސް އިން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ ސަރަހައްދީ އެއާޕޯޓުތަކުގެ ތެރެއިން އެންމެ ފުރަތަމަ ސެޓިފައި ކުރި ތަނަކީ ހޯރަފުށީގެ އެއާޕޯޓު ކަމަށް ރީޖަނަލްސް އެެއާޕޯޓްސް އިން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ "މިހާރު" އަށް ވިދާޅުވީ އޭނާ އެ ކުންފުންޏާ ހަވާލުވި ފަހުން ސަރަހައްދީ އެއާޕޯޓުތައް ސެޓިފައި ކުރަން ފެށި ފަހުން ފުރަތަމަ ފަހަރަށް އެ ޝަރަފު ހޯދި ތަނަކީ މީގެ އަހަރެއްހާ ދުވަސް ކުރިން ހުޅުވި ހޯރަފުށީ އެއާޕޯޓު ކަމަށެވެ،

އޭނާ ވިދާޅުވިގޮތުގައި ކުރިމަގުގައި އިތުރު އެއާޕޯޓުތައް ވެސް އެ ލިސްޓަށް އަރާނެ އެވެ.

އެއާޕޯޓުތައް ސެޓިފައި ކުރުމަކީ އެ ތަނެއްގައި ހުންނަން ޖެހޭ ހުރިހާ ހިދުމަތެއް ލިބެން ހުރިކަން ޔަގީން ކުރުމެވެ. އެ ކަންކަން ކަށަވަރު ކުރުމަކީ ސިވިލް އޭވިއޭޝަންގެ ޒިންމާއެކެވެ.

ހޯރަފުށި އެއާޕޯޓަށް އެއް އަހަރު ވެފައިވާއިރު، އެ އެއާޕޯޓު ސެޓިފައިވުމަކީ ހުރިހާ ހިދުމަތަކާއި ސާމާނުތައް ހަމަވެފައިވާ ކަން ހާމަވެާ ކަމެއް ކަމަށް ރިޒްވީ ވިދާޅުވި އެވެ. އަންނަ ހަފުތާގައި ފުވައްމުލަކު އެއާޕޯޓުގެ ފައިނަލް އިންސްޕެކްޝަން ވެސް ނިމި އެ އެއާޕޯޓު ސެޓިފައި ކުރުމަކީ ރިޒްވީގެ އުންމީދެކެވެ.

"މި ފެށޭ ހަފުތާގައި ސިވިލް އޭވިއޭޝަނުން ފުވައްމުލަކަށް ދާނެ ފައިނަލް އިންސްޕެކްޝަނަށް. މިއާއެކު އަޅުގަނޑުމެން އުއްމީދު މި ކުރަނީ ދެން ހުރި ހުރިހާ އެއާޕޯޓެއް ވެސް ކުރިއަށް އޮތް އަހަރުގެ ތެރޭ ސެޓިފައިކޮށް ނިންމައިލެވޭނެ ކަމަށް،" ރިޒްވީ ވިދާޅުވި އެވެ.

ރީޖަނަލް އެއާޕޯޓްސްގެ ދަށުން ހިންގާ އެއާޕޯޓުތަކުގެ ތެރޭގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށި އެއާޕޯޓާއި ފުނަދޫ އެއާޕޯޓާއި ކާޑެއްދޫ އެއާޕޯޓާއި މާވަރުލު އެއާޕޯޓާއި ފުވައްމުލަކު އެއާޕޓާއި ހޯރަފުށި އެއާޕޯޓް ހިމެނެ އެވެ.