Roadha Mihaaru
ހޯރަފުށި އެއާޕޯޓު މަރާމާތުގެ ހަރަދު އެމްޓީސީސީން

ހޯރަފުށި އެއާޕޯޓް މަރާމާތުގެ ހުރިހާ ހަރަދެއް އެމްޓީސީސީން

08 ޖޫން 2021

އުދަ އެރުމުގެ ސަބަބުން ހޯރަފުށި އެއާޕޯޓަށް ލިބުނު ގެއްލުމާ އެކު އެތަން މަރާމާތް ކުރުމުގެ ހުރިހާ ހަރަދެއް ކުރީ އެމްޓީސީސީން ކަމަށް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އުދަ އެރުމުގެ ސަބަބުން ހޯރަފުށި އެއާޕޯޓަށް ލިބުނު ގެއްލުމާ އެކު އެތަން މަރާމާތް ކުރުމުގެ ހުރިހާ ހަރަދެއް ކުރީ އެމްޓީސީސީން ކަމަށް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެއްޖެ އެވެ.

ރިޒްވީ "މިހާރު" އަށް ވިދާޅުވީ އެ އެއާޕޯޓު ތަރައްގީ ކުރީ އެމްޓީސީސީން ކަމަށްވާތީ އެ ކުންފުންޏާ އެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ވެފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމުގެ މުއްދަތު ހަމަ ނުވާ ކަމަށާއި އެހެންކަމުން އެ މުއްދަތުގައި އެއާޕޯޓުގެ މަރާމާތުގެ ހަރަދުތައް ވެސް ބަލަހައްޓާނީ އެ ކުންފުނިން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އެމްޓީސީސީއާ އެކު ވެފައިވާ އެއްބަސްވުމުގައި ވޮރެންޓީ ޕީރިއެޑް އެއް އަހަރު އިނދޭ. އެހެންކަމުން އެމްޓީސީސީން އެ ހުރިހާ މަރާމާތެއް ކުރަނީ އަމިއްލަ ހަރަދުގައި،" ރިޒްވީ ވިދާޅުވި އެވެ.

ހޯރަފުށި އެއާޕޯޓަށް އުދަ އެރިއިރު އެ އެއާޕޯޓު އޮތީ އިންޝުއާ ނުކޮށެވެ. އެހެންކަމުން ބޮޑު ހަރަދެއް ހިނގާނެ ކަމަށް ކުރިން ރީޖަނަލް އެއާޕޯޓްސް އިން ލަފާ ކުރި އެވެ. ނަމަވެސް އެއާޕޯޓަށް ލިބުނު ގެއްލުން އިވެލުއޭޓު ކުރުމަށްފަހު އެއހާ ބޮޑު ގެއްލުމެއް ނުވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އެއާޕޯޓު މަރާމާތް ކުރުމުގެ މަސައްކަތް މިހާރު އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އެ އެއާޕޯޓަށް ލިބުނު ގެއްލުމާއި އެ މަސައްކަތްތަކާ ބެހޭ އިތުރު މައުލޫމާތު މަރާމާތުގެ މަސައްކަތް ނިމުމުން މީޑިއާތަކާ ހިއްސާ ކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ރިޒްވީ ވިދާޅުވިގޮތުގައި މިހާރު ކުރިއަށްދަނީ އެއާޕޯޓާއި ހޯރަފުށި ގުޅުވާލަދޭ ކޯސްވޭ މަރާމާތު ކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ނިންމައި މި މަހުގެ 15ގައި އެ އެއާޕޯޓު އަލުން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.