Roadha Mihaaru
ލީގުގެ ފުރަތަމަ މެޗުގައި ބަޔާން އަށް ގޯލު ޖަހައިފި

ލީގުގެ ފުރަތަމަ މެޗުގައި ބަޔާން އަށް ގޯލު ޖަހައިފި

19 ސެޕްޓެމްބަރ 2020

މިއުނިކް (ސެޕްޓެމްބަރު 19) - ޖަރުމަނު ލީގުގެ އާ ސީޒަނުގެ ފުރަތަަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން 8-0 އިން ޝާލްކާ ބަލިކޮށްފި އެވެ.

މިއުނިކް (ސެޕްޓެމްބަރު 19) - ޖަރުމަނު ލީގުގެ އާ ސީޒަނުގެ ފުރަތަަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން 8-0 އިން ޝާލްކާ ބަލިކޮށްފި އެވެ.

ސަޕޯޓަރުން ނުވައްދައި ޖަރުމަނު ލީގުގެ ރޭގެ މެޗު ކުޅުނުއިރު، ރޭގެ ނަތީޖާ އަކީ ޖަރުމަނު ލީގުގެ އާ ސީޒަނެއްގެ ފުރަތަމަ މެޗުގައި ނުކުތް އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. ރޭގެ މެޗުގައި ބަޔާންގެ ޒުވާން ތަރި ސާޖް ގްނަބްރީ ވަނީ ހެޓްރިކެއް ހަދައިފަ އެވެ.

ބަޔާން ދަނޑުގައި ކުޅުނު ރޭގެ މެޗުގައި އެ ޓީމަށް ލީޑުނަގައިދިން ގޯލު ގްނަބްރީ ޖެހީ މެޗުގެ ހަތަރު ވަނަ މިނިޓްގަ އެވެ/ ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަޔާނުން ވަނީ ތިން ގޯލުގެ ލީޑެއް ނަގައިފަ އެވެ. ބަޔާންގެ ދެ ވަނަ ލަނޑު މެޗުގެ 19 ވަނަ މިނިޓްގައި ޖެހީ ލެއޯން ގޮރެޓްޒްކާ އެވެ. އަދި 31 ވަނަ މިނިޓްގައި ބަޔާންގެ ތިން ވަނަ ގޯލު ލިބުނު ޕެނަލްޓީ އަކުން ޖެހީ ރޮބާޓް ލެވަންޑޯސްކީ އެވެ.

ޝާލްކާގެ ކުޅުންތެރިއަކު ކައިރިން ބަޔާންގެ ސާނޭ (ވ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ޝާލްކާގެ ކުޅުންތެރިއަކު ކައިރިން ބަޔާންގެ ސާނޭ (ވ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފުރަތަމަ 15 މިނިޓް ތެރޭ ދެ ގޯލު ޖަހައި ގްނަބްރީ އޭނާގެ ހެޓްރިކް ފުރިހަމަކުރި އެވެ. ބަޔާންގެ ހަ ވަނަ ގޯލު ޖެހީ ތޯމަސް މުލާ އެވެ. އަދި ހަތް ވަނަ ގޯލު ޖެހީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މެންޗެސްޓާ ސިޓީ ދޫކޮށް ބަޔާނާ ގުޅުނު ޖަރުމަނު ގައުމީ ޓީމުގެ ވިންގް ލެރޯއި ސާނޭ އެވެ. މިއީ ސާނޭ ބަޔާނަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ބަޔާންގެ ފަހު ގޯލު ޖެހީ އިންގްލެންޑްގެ 17 އަހަރުން ދަށުގެ ކުޅުންތެރިޔާ ޖަމާލް މުސިއާލާ އެވެ. އޭނާ އަކީ ޖަރުމަނު ފުޓްބޯޅަ ތާރީހުގައި ލީގުގައި ބަޔާނަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އޭނާ މި ގޯލު ޖެހީ ޝާލްކާ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު އޭރިއާތެރެއިން ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

ޔޫރަޕްގެ ބޮޑު ފަސް ލީގު (އިންގްލެންޑް، ސްޕެއިން، އިޓަލީ، ޖަރުމަނު، ފްރާންސް)ގެ ތެރެއިން ޖެހިޖެހިގެން އަށް ފަަހަރު ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ރެކޯޑް އޮތީ މީގެ ކުރިން ޔުވެންޓަސް އަތުގައި އެކަންޏެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންކަން ހޯދައި ބަޔާނަކީ އެ ރެކޯޑް ގާއިމްކުރި ދެ ވަނަ ޓީމެވެ. ބަޔާންގެ އަމާޒަކީ މި ފަހަރުގެ ސީޒަނުގައި ލީގު ކާމިޔާބުކޮށް ޖެހިޖެހިގެން ނުވަ ވަނަ ސީޒަނުގައި ތަށި އުފުލާލުމެވެ.

ޖަރުމަނު ލީގުގެ މެޗުތައް މި ހަފްތާ ބަންދުގައި ފަށާއިރު ބައެއް ސަރަހައްދުތަކުގައި ކޮވިޑް-19ގެ ކޭސްތައް މަދުނަމަ ވަކި އަދަދަަކަށް ސަޕޯޓަރުން ވައްދަން ހުއްދަ އޮވެ އެވެ. ބަޔާނުން ރޭގެ މެޗަށް 7500 ސަޕޯޓަރުން ދަނޑަށް ވައްދަން މަސައްކަތްކުރި ނަމަވެސް އެ ފުރުސަތު ގެއްލުނީ އެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް ކުއްލިއަކަށް އިތުރުވުމުންނެވެ.