Roadha Mihaaru
އެކައުންޓް ފްރީޒްކުރުން: ބެންޗުގެ ސުވާލުތައް ދައުލަތަށް

ޔާމީންގެ އެކައުންޓް ފްރީޒްކުރުން: ފަނޑިޔާރުންގެ ވަރުގަދަ ސުވާލުތަކެއް ދައުލަތާއި ފުލުހުންނަށް

14 ސެޕްޓެމްބަރ 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތައް ފްރީޒްކޮށްފައި ވަނިކޮށް ހައި ކޯޓުން ދޫކޮށްލި މައްސަލާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ވަރުގަދަ ސުވާލުތަކެއް ދައުލަތާއި ފުލުހުންނަށް މިއަދު އަމާޒުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތައް ފްރީޒްކޮށްފައި ވަނިކޮށް ހައި ކޯޓުން ދޫކޮށްލި މައްސަލާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ވަރުގަދަ ސުވާލުތަކެއް ދައުލަތާއި ފުލުހުންނަށް މިއަދު އަމާޒުވެއްޖެ އެވެ.

ޔާމީންގެ ބޭންކް އެކައުންޓްތައް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފްރީޒްކޮށްފައި ވަނިކޮށް ހައި ކޯޓުން މިދިޔަ އަހަރުގެ މާޗް މަހު ވަނީ އެ އަމުރު ބާތިލްކޮށް، އެކައުންޓްތައް ދޫކޮށްލައިފަ އެވެ. އެއީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބަޔާންކުރާ އިޖްރައާތު ފުރިހަމަ ނުކޮށް އެ އަމުރު ނެރެފައިވާތީ ކަމަށް ބުނެ އެވެ. އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފަ އެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުގެ ސުވާލުތައް ދައުލަތަށް އެންމެ ބޮޑަށް އަމާޒުވީ ޔާމީންގެ ހުރިހާ އެކައުންޓްތަކެއް ފްރީޒް ކުރުމުންނެވެ.

އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ހުސްނުއް ސުއޫދު ސުވާލު ކުރެއްވީ ތުހުމަތު ކުރެވެނީ އެއް މިލިއަން ޑޮލަރުގެ މައްސަލައަކަށް ކަމަށް ވާއިރު، މުޅި މިލްކިއްޔާތު އެއްކޮޮށް ފްރީޒް ކުރުމުގެ އަމުރަކަށް އެދެވިދާނެ ކަމަށް ގަބޫލު ކުރަންތޯ ވިދާޅުވެ އެވެ. ދައުލަތުން ބުނީ އެގޮތަށް އެދެވިދާނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ބުނީ މަނީ ލޯންޑްރިންގެ ގާނޫނުގައި ލޯންޑަކުރާ މުދަލާއި ފައިސާ އާއި އެއިން ހޯދާ މަންފާ ވެސް ދައުލަތަށް ނެގޭނެ ކަމަށް އެ ގާނޫނުގައި ބަޔާން ކުރާތީ ކަމަށް ދައުލަތުން ބުންޏެވެ.

"އެ އަދަދު އެސަޓައިން ކުރެއްވިންތޯ؟. އެއްވެސް ވަރެއްގެ އައިޑިއާއެއް އޮވެގެންތޯ އަމުރަކަށް އެދިވަޑައިގަތީ؟. އަމުރަށް އެދިވަޑައިގަތުމުގެ ކުރިން ކޮން ހޯމްވާކެއްތޯ ހެއްދެވީ؟" ފަނޑިޔާރު ސުއޫދު އަނެއްކާވެސް އެ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި، އެ މައްސަލަ ތަހުގީގުކުރި ފުލުހަކު ބުނީ ހުރިހާ އެކައުންޓްތަކެއް ފްރީޒްކުރަން އެދުނީ އެއް މިލިއަން ޑޮލަރާ ގުޅިގެން ގިނަ މުއާމަލާތްތަކެއް ހިނގާފައިވާ ކަމަށް ފާހަގަކުރެވެމުން ކަމަށެވެ. އިތުރަށް ފާހަގަކުރެވުނީ ކޮން މުއާމަލާތްތަކެއްތޯ ސުވާލު ކުރެއްވުމުން އޭނާ ބުނީ ޔާމީނަށް މުސާރަ އާއި ނުބައްދަލު އާމްދަނީތަކެއް ލިބިވަޑައިގަތް ކަމަށް ފާހަގަވީ ކަމަށެވެ.

"އަމުރަށް އެދިވަޑައިގަތްއިރު ތި ވާހަކަތައް ލިޔުއްވާފައި ނެތީ ކީއްވެގެންތޯ؟،" ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވި އެވެ.

ސުޕްރީމް ކޯޓުގެ އަޑުއެހުން ކުރިއަށް ދަނީ

ސުޕްރީމް ކޯޓުގެ އަޑުއެހުން ކުރިއަށް ދަނީ

އެ ފުލުސް މީހާ ބުނީ އަމުރަށް އެދުނުއިރު އޭގައި ހިމެނީ އެއް މިލިއަން ޑޮލަރާ ގުޅުންހުރި ކަންކަން އެކަނި ކަމަށެވެ. ދައުލަތަށް ލިބެންޖެހޭ ފައިސާ އަކީ ކޮބައިކަން ދެނެގަނެވިފައި އޮއްވައި އެއަށް ވުރެ ބޮޑު އަދަދެއް ފްރީޒްކުރަން އެދުނީ ކީއްވެގެންތޯ ފަނޑިޔާރު ސުއޫދު އަނެއްކާވެސް ސުވާލު ކުރެއްވި އެވެ.

ފުލުސް މީހާ ބުނީ އެކައުންޓް ފްރީޒް ކުރުމުގެ ކޯޓު އަމުރަށް އެދުނީ ތަހުގީގުގެ ވަރަށް ކުރީކޮޅު ކަމަށެވެ. އަދި އާމްދަނީއާ ނުބައްދަލު މުސާރަ އާއި އިނާޔަތްތައް ޔާމީނަށް ލިބިވަޑައިގަތް ކަމުގެ ތުހުމަތު އޮތް ކަމަށް ބުނެ، އަނެއްކާވެސް ވާހަކަ ދައްކަން ފެށުމުން ފަނޑިޔާރުން އެކަން ހުއްޓުވި އެވެ.

"ބައްލަވާ ތި ވާހަކައެއް ނެތޭ އެދިވަޑައިގަތް އަމުރުގައި ލިޔުއްވާފައެއް. ތި ވާހަކަ ނެތޭ ޑޮކިއުމެންޓްގެ ގޮތުގައި ހުށަހަޅުއްވާފައެއް. ހަމަ ހިތްޕުޅުގައި އޮތް ވާހަކައެއް ތި ވިދާޅުވަނީ،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ އަޑުއެހުމުގައި ޔާމީން ވެސް ވިދާޅުވީ މުސާރަ އާއި ނުބައްދަލު އާމްދަނީއެއް ލިބިވަޑައިގަތްކަމުގެ ސުވާލެއް ފުލުހުން އެ މަނިކުފާނާ ނުކުރައްވާ ކަމަށެވެ. އަދި އަތުގައި ފައިސާ ބެހެއްޓުމަކީ ކުށެއް ކަމަށް ގާނޫނެއްގައި ނޯންނާނެ ކަމަށާއި އެ މަނިކުފާނަކީ ސިޔާސީ މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވި އެވެ.

ފަނޑިޔާރު ސުއޫދު އެންގެވީ އެ މައްސަލާގައި ތުހުމަތު ކުރެވޭ އަދަދަކީ ކޮބައިތޯ އާއި އެގޮތަށް ގަބޫލު ކުރެވުނު ސަބަބަކީި ކޮބައިކަން ދެން އޮންނަ އަޑުއެހުމެއްގައި ދައުލަތާއި ފުލުހުން ސާފުކޮށް ދިނުމަށާއި އެ ސުވާލަށް ޖަވާބު ދިނުމަށް ތައްޔާރުވުމަށެވެ.

މީގެ އިތުރުން އެކައުންޓް ފްރީޒް ކުރުމުގެ އަމުރު ހޯދުމަށް އަމަލުކުރި އިޖްރައާތާ ބެހޭގޮތުން ވެސް ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވި އެވެ. ކޯޓު އަމުރަށް އެދުނުއިރު އެކަން ކުރަނީ ކޮން ގާނޫނެއްގައި ބަޔާންކުރާ ކޮން އިޖްރައާތެއްގެ ދަށުންކަން ބަޔާން ނުކުރީ ކީއްވެގެންތޯ އޭނާ ސުވާލު ކުރެއްވި އެވެ. އަދި އެއީ ކޮން އިޖްރައާތެއްގެ ދަށުން ނެރުނު އަމުރެއްކަން އެ އަމުރުން ވެސް އެނގެން ނެތް ކަމަށާއި އެހެންވެ، އެއީ ރަނގަޅަށް ކޮށްފައި އޮތް ކަމެއްތޯ ވެސް ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ އެފަދަ އަމުރުތައް ނެރެނީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ހަދާފައިވާ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދުގައި ބަޔާންކުރާ ފޯމެޓުން ކަމަށެވެ. އެހެންވެ، އެ އަމުރު ގޯސް ކަމަށް ނުބުނެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނަށް އަމަލު ކުރަން ފެށުމުން ޖިނާއީ އިޖްރައާތުގެ ކުރީގެ އުސޫލުތައް ބާތިލްވާނެ ކަަމަށް އެ ގާނޫނުގައި ބުނާ ކަން ފާހަގަ ކުރައްވައި، އެކައުންޓް ފްރީޒް ކުރުމުގައި އަމަލު ކުރަން ޖެހޭނީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބަޔާންކުރާ އިޖްރައާތަށް ތޯ ނުވަތަ ބޭންކިން ގާނޫނުގައި ބަޔާންކުރާ އިޖްރައާތަށްތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ދައުލަތުން ބުނީ އެ ހާލަތުގައި އަމަލު ކުރަން ޖެހޭނީ ޖިިނާއީ އިޖްރައާތުގެ ގާނޫނަށް ކަމަށެވެ.

ޔާމީން ވިދާޅުވީ އެކައުންޓް ފްރީޒް ކުރުމުގެ އަމުރު ހޯދުމުގައި ބޭނުންކުރި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ސަސްޕިޝަސް ޓްރާންސްއެކްޝަން ރިޕޯޓް (އެސްޓީއާރު) ގައި ހުރި މައުލޫމާތުތައް ނުލިބުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވި އެވެ. ދައުލަތުގެ ވަކީލާ ވިދާޅުވީ އެ މައްސަލަ އުފެދުނީ އެސްޓީއާރުގެ ސަބަބުން ކަމަށް ނުދެކޭ ކަމަށެވެ. އެކަމަކު ފަނޑިޔާރުންގެ ބެންޗުން ދައުލަތަށް އެންގެވީ އެސްޓީއާރުގެ ތަފްސީލުތައް ޔާމީންގެ ވަކީލުންނަށް ދިނުމަށެވެ.

ހައި ކޯޓުން ނިންމީ ޔާމީންގެ އެކައުންޓް ފްރީޒް ކުރުމުގެ އަމުރު ނެރުނީ ޖިނާއީ އިޖްރައާތުގެ ގާނޫނާ ޚިލާފަށް ކަމަށެވެ. ސަބަބަކީ އެ ގާނޫނުގެ 72 ވަނަ މާއްދާގެ ހ. ދަށުން އެކައުންޓް ފްރީޒް ކުރުމުގެ އަމުރެއް ނެރެވެނީ އެކައުންޓް މޮނީޓާ ކުރުމުގެ އަމުރެއް ހޯދުމަށް ފަހު ކަމަށް ވާއިރު، އެ އިޖްރައާތު ފުރިހަމަ ނުކޮށް އޮތުމުންނެވެ.

ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނީ 72 ވަނަ މާއްދާގެ ހ. ގައި އެހެން ގޮތަސް، އެ މާއްދާގެ ބ. ގެ ދަށުން އިސްތިސްނާ ހާލަތްތަކުގައި އެ އިޖްރައާތަށް އަމަލު ކުރަން ނުޖެހޭ ކަމަށެވެ. އެ މާއްދާގެ ބ. އޮތްގޮތުން ބޭންކިން ގާނޫނުގެ 41 ވަނަ މާއްދާގެ ދަށުން ތަހުގީގީ އިދާރާތަކުން އެކައުންޓް ފްރީޒްކުރަން ބޭނުންވާ ހާލަތްތަކުގައި އެ އިޖްރައާތަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ރައްދުގައި ޔާމީން ވިދާޅުވީ ބޭންކިންގެ ގާނޫނާ ހަވާލާދީ މޮނީޓަރިންގެ އަމުރެއް ނެތި އެކައުންޓް ފްރީޒް ކުރުމުގެ އަމުރެއް ހޯދިދާނެ ކަމަށް ދައުލަތުން ބުނާ ބުނުން ރަނގަޅު ނޫން ކަމަށާއި އެކައުންޓް ފްރީޒް ކުރެވޭނީ ޖިިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ އުސޫލުގެ ތެރެއިން މޮނީޓަރިންގެ އަމުރެއް ހޯދުމަށް ފަހު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި އެ އަމުރު ހޯދުމެއް ނެތި އެކައުންޓް ފްރީޒްކުރީ ދައުލަތަށް ފައިސާ ގެއްލިގެން ހިނގައިދާނެތީ ކަމަށް ދައުލަތުން ބުންޏަސް، ތުހުމަތުކުރާ ފައިސާ ހުރީ އޭސީސީގެ ބެލުމުގެ ދަށުގައި ހުރި އެސްކްރޯ އެކައުންޓެއްގައި ކަމަށްވާތީ އެ ފުރުސަތެއް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމްއެމްއޭ އިން އެސްޓީއާރު ނެރެނީ ވަކި ތަހުގީގެއް ހިންގުމަށް ފަހު ނޫން ކަމަށާއި އެއީ ތަހުގީގީ ބުރަދަން ދެވޭ އެއްޗެއް ވެސް ނޫން ކަމަށެވެ. އެހެންވެ، އެސްޓީއާރަކީ އެކައުންޓެއް ފްރީޒް ކުރެވޭނެ ހެއްކެއް ނޫން ކަމަށާއި އަދި އެ މަނިކުފާނުގެ އެކައުންޓަކާ ގުޅޭގޮތުން އެސްޓީއާރެއް ނެރުނީ އެ މަނިކުފާނު އޭސީސީއާ އެކު ހެއްދެވި އެކައުންޓަކަށް ފައިސާ ޖަމާކުރި މައްސަލައާ ގުޅިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެ މައްސަލަ އޭރު ފުލުހުން ވެސް ތަހުގީގުކުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ މައްސަލާގެ މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ. ފަނޑިޔާރު ސުއޫދުގެ އިތުރުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި ދަނީ ހިނގަމުންނެވެ. އެ މައްސަލަ މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.